Advertisement

ނަސްރަﷲ އަވަހާރަވިކަން ހިޒްބުﷲ އިން ކަށަވަރުކޮށްދީފި

ހިޒްބުﷲ ގެ ލީޑަރު ނަސްރަﷲ: އޭނާ ޝަހީދުވިކަން ހިޒްބުﷲ އިން ވަނީ ކަށަވަރުކޮށްދީފައި -- ފޮޓޯ: ސޯޝަލް މީޑިއާ


ނަސްރަﷲ އަވަހާރަވިކަން ހިޒްބުﷲ އިން ކަށަވަރުކޮށްދީފި

ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރަﷲ ޝަހީދުވިކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފި އެވެ.

ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން ލުބްނާނަށް ދިން ހަމަލާއެއްގައި އެ ޖަމާއަތުގެ ލީޑަރު ނަސްރަﷲ ޝަހީދުވެފައިވާ ކަމަށެވެ.

ހިޒްބުﷲ ގެ ކޮމާންޑް ސެންޓަރަށް އަމާޒުކޮށް އިޒްރޭލުން ރޭ ލުބްނާނަށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، އެއް ހަމަލާގައި ހަ އިމާރާތް ބިމާ ހަމަކޮށްލި އެވެ.

އިޒްރޭލުން ބުނީ ލުބްނާނަށް އަމާޒުކޮށް ހަމަލާތައް ދެމުން އަންނަނީ ހިޒްބުﷲ އާ ދެކޮޅަށް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ހަމަލާތައް ވަރުގަދަވާނެ ކަމަށެވެ.

އިޒްރޭލުން ލުބްނާނަށް ފާއިތުވެދިޔަ ހަފްތާއެއް ތެރޭގައި ދިން ހަމަލާތަކުގައި 700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ހަމަލާތަކާ ގުޅިގެން ލުބްނާނުގެ ވެރިރަށް ބެއިރޫތު ދޫކޮށް ބައެއް މީހުން ދަނީ އެހެން ސަރަހައްދުތަކަށް ބަދަލުވަމުންނެވެ.

އިޒްރޭލުން ލުބްނާނުގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޯބަރު 7، އިން ފެށިގެން ފަލަސްތީނުގެ ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 41،586 އަށް އަރާފަ އެވެ.

އިޒްރޭލުން ހިންގާ ގަތުލްއާންމު ހުއްޓާލަން ބޭރުގެ ގައުމުތަކުން އަންނަނީ ގޮވާލަމުންނެވެ. ނަމަވެސް ހަމަލާތައް ހުއްޓާލުމުގެ ބަދަލުގައި އިޒްރޭލުން އަންނަނީ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.