28 ސެޕްޓެންބަރު 2024 - 09:33 0
28 ސެޕްޓެންބަރު 2024 - 09:33 0
އޮސްލޯ، ނޯވޭ (ސެޕްޓެމްބަރު 28) - މީގެ ތިން އަހަރު ކުރިން ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން މެންޗެސްޓާ ޔުނައިޓެޑަށް ގެންނަން ނިންމި ނިންމުމަކީ، އޭނާ އަށް ހެދުނު ގޯހަކަށް ވެދާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ޔުނައިޓެޑުން ސޯލްޝެއާގެ ކޯޗުކަމުގައި، 2021 ވަނަ އަހަރު އޮގަސްޓް މަހު، ރޮނާލްޑޯ ގެނައީ، 20 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. ޔުވެންޓަސްގައި ހުރި، ރޮނާލްޑޯ ހޯދަން އެ ފަހަރު ފުރަތަމަ އުޅުނީ މެންޗެސްޓާ ސިޓީންނެވެ. އެކަމަކު، ޔުނައިޓެޑުން އެ ޑީލް ހައިޖެކްކޮށް، ރޮނާލްޑޯގެ ސޮއި ހޯދީ އެވެ. އެކަމަކު، ރޮނާލްޑޯ ވަނީ، 2022 ވަނަ އަހަރުގެ ފަހުކޮޅުގައި، ޔުނައިޓެޑްގެ އެއްބަސްވުން ބާތިލްކޮށް، ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ބަދަލުވެފަ އެވެ.
އޮސްލޯ ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަމުން ސޯލްޝެއާ ބުނީ، މިދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު، ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، ރޮނާލްޑޯ އަކީ ޔުނައިޓެޑާ އެކު ތާރީހެއް އޮތް އަދި އޭނާއާ އެކު ޔުނައިޓެޑަށް ކުޅުނު ކުޅުންތެރިއެއް ކަަމަށެވެ. އަދި އެ ފަދަ ކުޅުންތެރިއަކު ވާދަވެރި ސިޓީ އަށް ކުޅޭތަން ބަލަން އޭނާ އަށް ވެސް އުނދަގޫވާނެ ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.
"އޭނަ (ރޮނާލްޑޯ) ހުރީ ޔުވެންޓަސް ދޫކޮށްލަން، އަހަރެމެންނަކަށް އޭނަ ސިޓީ އަށް ނުދެވޭނެ. އެއީ، މިހާރު ހާލަންޑް އެ ޖަހާ ވަރަށް ވުރެ ގިނަ ގޯލު (ރޮނާލްޑޯ) ޖަހާނެ އެ ޓީމުގައި. އެހެންވެ، މި ކަންކަމަށް ބަލާފައި. އަހަރެން ކްރިސްޓިއާނޯ (ރޮނާލްޑޯ)އާ ވާހަކަ ދައްކާފައި އޭނަ ޔުނައިޓެޑަށް ގެނައީ،" ސޯލްޝެއާ ބުންޏެވެ.
"އަހަންނަށް ހީވަނީ، އެ ކަން (ރޮނާލްޑޯ އެނބުރި އައުން) މުޅި ޓީމަށް އަސަރުކުރި. ޓީމުން ވިސްނާ ގޮތްތައް ވެސް ބަދަލުވެގެންދިޔަ. ފަަހަރެއްގައި އެހެން ކުޅުންތެރިންނަށް އިހުސާސްވީ އެ މީހުންގެ މުހިންމުކަން ކުޑަވިއްޔޭ އެ ހިސާބުން. އެއީ، ޔަގީނުން ވެސް މި އައީ ދުނިޔޭގައި އުފެދުނު އާދަޔާހިލާފު ކުޅުންތެރިއެެއް. ރޮނާލްޑޯ މޮޅަށް ކުޅުނު 24 ވަރަކަށް ގޯލު އެ ސީޒަނުގައި ޖެހި. އެކަމަކު، 10 ވަރަކަށް ހަފްތާ ފަހުން އަހަރެން ހުރީ ވަޒީފާ ގެއްލިފައި،"
ސޯލްޝެއާ ބުނީ، މި ވަގުތު ޔުނައިޓެޑަށް ބެލިޔަސް، އޭނާ ހުރިއިރު ހެދި ބައެއް ގޯސްތައް ތަކުރާރުވަމުން އަންނަ ކަމަށާއި އެކަމަކު، މިހާރުގެ ކޯޗު (އެރިކް ޓެން ހާގް އަށް) އަށް ގިނަ ފުރުސަތުތަކެއް ކަންކަން ބަދަލުކުރަން ލިބޭތީ އެއީ ރަނގަޅު ކަމެއްގެ ގޮތުގައި ވެސް ބެލެވިދާނެ ކަމަށެވެ.
Comment