28 ސެޕްޓެންބަރު 2024 - 05:55 0
28 ސެޕްޓެންބަރު 2024 - 05:55 0
ޔޫގާންޑާގައި މިހާރު ކުރިއަށްދާ ކެމްޕާލާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑަބަލްސް ކުއާޓާ ފައިނަލުން، ރިވައިވަލް ސްޕޯޓްސްގެ ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ގަދަ 16 ބުރުގައި ޔޫގާންޑާގެ ޕެއާ އެއް ކަމަށްވާ ހަސަން ޖާމިލް މަކިންޑާ އާއި އަޔީކީ ޖެތުރޯ މާވާގެ ޕެއާ އަތުން ޒަޔާން އާއި ނިބާލްގެ ޕެއާ މޮޅުވީ، 21-02، 21-05 އިންނެވެ.
ކުއާޓާ ފައިނަލުގައި މިއަދު ޒަޔާން އާއި ނިބާލްގެ ޕެއާ ނުކުންނާނީ އިންޑިއާގެ ވިޕްލަވް ކުވާލޭ އާއި ވިރާޖް ކުވާލޭގެ ޕެއާއާ ދެކޮޅަށެވެ. އެއީ މި މުބާރާތުގައި ހަތަރު ވަނަ އަށް ސީޑުކޮށްފައިވާ ޕެއާ އެކެވެ.
ސިންގަލްސް ކެޓަގަރީން ކެމްޕާލާ މުބާރާތުގައި ރާއްޖޭގެ ތިން ކުޅުންތެރިންނަށް ވެސް ވަނީ މުބާރާތް ނިމިފަ އެވެ. އެއީ, ގަދަ 32 ކުޅުންތެރިންގެ ބުރުންނެެވެ. ކޮލިފިކޭޝަން ބުރުގެ ތިން މެޗުން މޮޅުވެގެން މެއިން ޑްރޯ އަށް އައި ހަސަން ޒަޔާން ބަލިވީ، އާރްޔާ ބިވްޕަތަކީއާ ވާދަކޮށް، 21-09، 21-12 އިންނެވެ.
އިންޑިއާގެ ކްރިޝް ދޭސާއީ އަތުން ނިބާލް ބަލިވީ، 21-09، 21-07 އިންނެވެ. އަދި ޒަޔާން ޒަކީ ބަލިވީ އިންޑިއާގެ އަދިތުޔާ ގުޕްތާ އަތުންނެވެ. ސެޓުތައް ދިޔައީ، 21-11، 21-06 އިންނެވެ.
ޔޫގާންޑާގައި އަންނަ މަހުގެ 3-6 އަށް ކުރިއަށްދާ ޔޫގާންޑާ އިންޓަނޭޝަނަލް ސީރީސްގައި ވެސް ރިވައިވަލް އިން ވާދަކުރާނެ އެވެ. ޔޫގާންޑާ ސީރީސް މުބާރާތުގައި، ފިރިހެން އިވެންޓްތަކުގެ އިތުރުން، އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް އަދި، ދެ ޖިންސުގެ ކުޅުންތެރިން ހިމެނޭ، މިކްސް ޑަބަލްސް އިވެންޓްގައި ވެސް ވާދަކުރާނެ އެވެ. އެއީ، އެ މުބާރާތަށް ގައުމީ ޓީމުގެ، އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ ވެސް ޓީމާ ގުޅޭނެތީ އެެވެ.
Comment