Advertisement

އާރުޓީއައި ގާނޫނުގެ ފުރަތަމަ 10 އަހަރު ނަމްބަރުތަކުން

28 ސެޕްޓެންބަރު 2024 - 14:01 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


އާރުޓީއައި ގާނޫނުގެ ފުރަތަމަ 10 އަހަރު ނަމްބަރުތަކުން

28 ސެޕްޓެންބަރު 2024 - 14:01 0

މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މައުލޫމާތުގެ މިނިވަންކަމުގެ ދުވަހެވެ. މިދުވަސް ފާހަގަކުރަމުންދާއިރު މި އަހަރަކީ ސިއްރިއްޔާތުގެ ސަގާފަތަކުން ނެއްޓުމަށް ރާއްޖެ ކުރަމުންދާ ދަތުރުގައި ފާހަގަކޮށްލެވޭ އަހަރެކެވެ.

މީގެ 10 އަހަރުކުރިން ރާއްޖޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނެއް (އާރުޓީއައި ގާނޫނެއް) ތަސްދީގުވެ އަމަލުކުރަން ފެށި އެވެ. އެ އަހަރުގެ ޖޫން މަހު ވުޖޫދަށް އައި އެ ގާނޫނަކީ އެތައް ބައެއްގެ ބުރަ މަސައްކަތެވެ.

އެ ގާނޫނު އުފަންވެ އަމަލުކުރަން ފެށި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ގާއިމުވެ މިވީ 10 އަހަރުގެ ތެރޭގައި މައުލޫމާތު ހޯދުމަށް ބޭނުންވާ މީހުންނަށް ގިނަ ފަސޭހަތަކެއް ވަނީ ލިބިފަ އެވެ. އެކަމުގެ ހެއްކަކީ އައިކޮމްގެ ރަސްމީ ތަފާސްހިސާބުތަކެވެ.

އައިކޮމް އިން މި ނޫހާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ ނިޔަލަށް މައުލޫމާތު ހޯދުމަށް އެދި 21،000 އާރުޓީއައި ރިކުއެސްޓެއް ހުށަހަޅާނެ ކަމަށް އެ އޮފީހުން ލަފާކުރެ އެވެ. ދައުލަތުގެ އެކި އޮފީސްތަކަށް ހުށަހެޅޭ އާރުޓީއައިތައް އިތުރުވީ ކޮވިޑު 19 ބަލިމަޑުކަމާއެކު 2020 ވަނަ އަހަރުގެ ތެރޭގަ އެވެ.

އާރުޓީއައި ގާނޫނުގެ ފުރަތަމަ 10 އަހަރުގެ ހުށަހެޅުނު ރިކުއެސްޓުތަކުގެ އަދަދު

  • 2014: 401
  • 2015: 129
  • 2016: 896
  • 2017: 1837
  • 2018: 1102
  • 2019: 1805
  • 2020: 2089
  • 2021: 2619
  • 2022: 3555
  • 2023: 2939
  • 2024: 3634 (ލަފާކުރާ އަދަދު)

މީގެތެރެއިން އެންމެ ގިނަ އަދަދެއްގެ އާރުޓީއައި ހުށަހެޅީ ސަރުކާރުގެ އެކި އޮފީސްތަކަށެވެ. އެއީ ޖުމްލަ 6994 ހުށަހެޅުމެވެ. ދެވަނަ އަދި ތިންވަނައިގައި އޮތީ މިނިވަން މުއައްސަސާތަކާއި ލޯކަލް ކައުންސިލްތަކެވެ. ނަމަވެސް މި ފަހުން އާރުޓީއައި ތައް ބަލައިގަންނަން ފެށި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހުށަހެޅޭ އާރުޓީއައިތައް ގިނަވަމުންދާކަން އައިކޮމް އިން ފާހަގަކުރި އެވެ.

އާރުޓީއައި ހުށަހެޅުމުގައި ދެން އެންމެ ފާހަގަކުރެވުނު އެއް ކަމަކީ ވަކި ވަކި އޮފީސްތަކާއި އިދާރާތަކުގެ ތެރެއިން އެންމެ ގިނަ ހުށަހެޅުން ރައްދުވީ ކުށްވެރިންނާއި ގުޅޭ އިދާރާތަކާއި ތަހުގީގީ އިދާރާތަކަކަށް ކަމެވެ. އެގޮތުން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީސް އަދި ކަރެކްޝަނަލް ސާވިސަސް އަށް ޖުމްލަ އާރުޓީއައިތަކުގެ 66 އިންސައްތަ ހުށަހެޅިފައިވެ އެވެ. މިއީ އެހެން ގައުމުތަކާ ބަލާއިރު ތަފާތު އަދަދުތަކެކެވެ.

އާރުޓީއައި އާ ގުޅޭ ޝަކުވާތައް

ވޭތުވެދިޔަ 10 އަހަރުގެ ތެރޭ އާރުޓީއައި ތަކަށް ޖަވާބު ނުލިބިގެން ނުވަތަ ލިބުނު ޖަވާބަކާމެދު ހިތްހަމަ ނުޖެހިގެން ޖުމްލަ 1027 ޝަކުވާއެއް އައިކޮމް އަށް ހުށަހެޅި އެވެ. 21،000 އާރުޓީއައި އާ އަޅާބަލާއިރު މިއީ މަދު އަދަދެކެވެ.

ނަމަވެސް އަހަރުތައް ވަކިވަކިން ނަމްބަރުތަކަށް ބަލާނަމަ، މަންޒަރު ސާފުވެ އެވެ. އައިކޮމް އަށް ހުށަހެޅި ޝަކުވާތައް އިތުރުވާން ފެށީ 2022 ގެ ކުރީކޮޅު އެ އޮފީހުން އޮންލައިން ޕޯޓަލް "މަހޯލި" ތައާރަފުކުރުމާއެކު އެވެ. އޭގެ ފަހުން ހިނގި ދެ އަހަރު ޖުމްލަ 664 ޝަކުވާއެއް އައިކޮމް އަށް ހުށަހެޅި ވެ. އެއީ ޖުމްލަ އާރުޓީއައި ތަކުގެ 65 އިންސައްތަ އެވެ.

ޝަކުވާތައް ބަލާ އެ މައްސަލަތަކާމެދު އައިކޮމް އިން ނިންމާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ނުވަތަ މައުލޫމާތު ނުދީގެން ވޭތުވެދިޔަ ދަހަރުގެ ތެރޭ 20 މައްސަލައެއް ކޯޓުތަކަށް ހުށަހަޅާފައިވެ އެވެ. މީގެ ތެރެއިން ތިން މައްސަލައެއްގައި ގޮތް ނިންމާފައިވަނީ ރާއްޖޭގެ ސުޕްރީމް ކޯޓުންނެވެ. އެ ތިން މައްސަލައަކީވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަކުން އައިކޮމްގެ ނިންމުމާ ދެކޮޅަށް ހުށަހެޅި މައްސަލަތަކެކެވެ.

އއަމިއްލަ އިސްނެގުމަށް އާންމުކުރި މައުލޫމާތުތަކާއި އިންފޮމޭޝަން އޮފިސަރުން

މައުލޫމާތު ހޯދުމަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުންވެސް އެކި ފަހަރުމަތިން އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ އާންމުންނާއި ނޫސްވެރިން ހޯދަން އެދޭ ގިނަ މައުލޫމާތަކީ އިދާރާތަކާއި ވުޒާރާތަކުން ހާމަކުރަން ޖެހޭ މައުލޫމާތު ކަމެވެ.

މިސާލަކަށް ބުނާނަމަ، ސަރުކާރުގެ ވުޒާރާތަކުން ނުވަތަ ރައީސް އޮފީހުން ސިޔާސީ މުވައްޒަފުންގެ ތަފުސީލުތައް ހާމަކުރާނަމަ އެކަމަށް އެދި ހުށަހަޅަން ޖެހޭ އާރުޓީއައިތައް އެއްކޮށް ހުއްޓޭނެ ނޫންތޯ އެވެ. ނަމަވެސް އަމިއްލަ އިސްނެގުމަށް މައުލޫމާތު ހިއްސާކުރާ ސަރުކާރުގެ ވުޒާރާތައް މަދެވެ.

އައިކޮމްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ސަރުކާރުގެ އިދާރާތަކުގެ ތެރެއިން މައުލޫމާތު ހިމެނިފައިވާ "ފަންކްޝަނަލް" ވެބްސައިޓުތަކެއް ހުރީ ސަރުކާރުގެ 53 އިންސައްތަ އޮފީސްތަކުގަ އެވެ.

ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމުގެ މަތިން ހާމަކުރަން ޖެހޭ ހުރިހާ މައުލޫމާތެއް ހާމަކޮށްފައިވަނީ ހަތް ތަނަކުންނެވެ.

އެއީ ޓެކްސް އެޕީލް ޓްރިބިއުނަލް، ޕެންޝަން އޮފީސް، އެލެކްޝަންސް ކޮމިޝަން، ޑްރަގު ކޯޓު، ކުޅުދުއްފުށި ސިޓީ ކައުންސިލް، ފުވައްމުލަކު ސިޓީ ކައުންސިލް އަދި މ. މުލަކު ކައުންސިލެވެ.

މީގެ ތެރޭގައި ލޯކަލް ތިން ކައުންސިލެއް ހިމެނުމާއެކު، އާރުޓީއައި ގާނޫނުގެ ދަށުން އާންމުންނަށް ލިބިދީފައިވާ ބާރެއް ފާހަގަވެ އެވެ. ނޫސްވެރިންނާއި ޖަމާއަތްތަކުގެ އިތުރުން، މަހޯލި ޕޯޓަލް މެދުވެރިކޮށް ކޮންމެ ދިވެހި ރައްޔިތަކަށްވެސް މައުލޫމާތަށް އެދި ހުށަހެޅޭނެކަން އައިކޮމް އިން ދަނީ ތަކުރާރުކޮށް ބުނެދެމުންނެވެ.

އެ މީހެއްގެ އަމިއްލަ ދިރިއުޅުމާއި ގުޅުންހުރި ކަންކަމާއި އިޖުތިމާއީ އެކި މައްސަލަތައް ހައްލުކުރުމަށްވެސް އާރުޓީއައި ގާނޫނުން އެތައް ބާރެއް ވަނީ ލިބިދީފަ އެވެ. މިކަމަށް ހެކި ދެނީ 2018 އިން ފެށިގެން 2023 އާ ހަމައަށް އެކި ރަށްރަށުގެ ކައުންސިލްތަކަށް ހުށަހެޅި 2398 އާރުޓީއައި އިންނެވެ.

އައިކޮމް އިން ހިއްސާކުރި ތަފާސްހިސާބުތަކުން ދެން އެންމެ ބޮޑަށް ފާހަގަވީ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ އެކި ކުންފުނިތަކާއި އިދާރާތަކުގައި ތިބި އިންފޮމޭޝަން އޮފިސަރުންގެ އަދަދެވެ.

އެގޮތުން މިވަގުތު އައިކޮމްގައި ރަޖިސްޓްރީވެގެން 815 އޮފީހަކުން 890 އިންފޮމޭޝަން އޮފިސަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.