Advertisement

ސިޓީބިޓީ: ރައީސް ތިޔަ ދައްކަވަނީ އަސްލު ތޮބީއަތް

26 ސެޕްޓެންބަރު 2024 - 09:51 0

ސިޓީބިޓީ

ސިޓީބިޓީ


ސިޓީބިޓީ: ރައީސް ތިޔަ ދައްކަވަނީ އަސްލު ތޮބީއަތް

26 ސެޕްޓެންބަރު 2024 - 09:51 0

ރައީސް ޑރ.މުހައްމަދު މުއިއްޒަށް،

ނިމިދިޔަ ރިޔާސީ އިންތިހާބުގައި މަނިކުފާނު ދެއްކެވި ކޮންމެ ވާހަކަފުޅެއް ކަނުލައި އަޑުއެހީ ޝައުގުވެރިކަމާއެކު އެވެ. ވިދާޅުވި ކޮންމެ އިބާރާތެއް އަޑުއަހުން ދިޔައީ ލައްކަ އުންމީދާއެކު އެވެ. އޯގާތެރިކަމާއި، އަދުލުވެރިކަމާއި، މަޑުމައިތިރިކަމާއި ހާމަކަމާއި، ހެޔޮ ސޯލިހު ވެރިކަމުގެ ސިފަތައް ވިދާޅުވެދެއްވައި އެ ސިފަފުޅުތައް ނޫނީ އިސްނުކުރައްވާނެ ކަމުގެ ޔަގީންކަން މަނިކުފާނު ދެއްވާތީ އެވެ.

އަޅުގަނޑަކީ އެ އިންތިހާބުގައި މަނިކުފާނަށް ވޯޓު ދީ މިއަދު ތިޔަ ހުންނެވި މަގާމުގައި ވެޑުވުމަށް ތާއީދުކުރި ދިވެހި ރައްޔިތުންގެ އަގުލަބިއްޔަތުގައި ހިމެނުނު މީހެކެވެ.

އިއްޒަތްތެރި ރައީސެވެ. ރައީސް ކަމަށް އިންތިހާބުވެވަޑައިގެން މަގާމުގެ ހުވާ ކުރެއްވުމުގެ ކުރިން މަނިކުފާނު ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާ ބައްދަލުކުރެއްވި ރޭގެ ހަނދުމަފުޅު މިހާރު ނެތިވެސް ހިނގައިދާނެ އެވެ. ނަމަވެސް އެރޭ އެ މަންޒަރުތައް ބަލައި، އެ އަޑުތައް އަހަން ގޭގައި އިން މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ސިކުނޑިން އަދި އެރޭގެ ހަނދާންތައް ފިލައިނުދެ އެވެ.

ނޫސްވެރިންނަށް މިނިވަންކަން އޮންނާނެ ވާހަކަ އާއި އާރްޓީއައި ލާންނުޖެހޭ މިންވަރަށް ހާމަކަން ބޮޑު ސަރުކާރެއް ހިންގަވާނެކަމުގެ ވާހަކަ އެވެ. އަޅުގަނޑު ހީކުރީ ނޫސްވެރިކަމުގެ މުޅިން އައު ޒަމާނެއް ފެންނާން ފަށާނީ މަނިކުފާނުގެ ޒައާމަތުގައި ކަމަށެވެ.

ނަމަވެސް، ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެ ވަޑައިގެންނެވި ރައީސްގެ ޒައާމަތުގައި ހާމަކުރާ އެއްވެސް އެއްޗެއް ނެތެވެ. ސިޔާސީ މުވައްޒަފުންގެ އަދަދާއި އެ ވެރިންނަށް އަޅުގަނޑުމެންގެ ފައިސާއިން ކުރަމުންދާ ހަރަދު ވެސް ސިއްރެވެ.

ހުދުމުހުތާރު ކަމަށް މީހުން ކިޔައިއުޅޭ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް ހަފުތާއަކު އެއްފަހަރު ޝާއިއުކުރަމުން ދިޔަ އެވެ. މަނިކުފާނުގެ އަތްޕުޅަށް ބާރުތައް ރަނގަޅަށް ފުރޮޅައިލެއްވުމަށްފަހު ތިޔަ ހުންނެވީ މާލީ ހިސާބުތައް ވެސް ސިއްރު ކުރައްވައިގެންނެވެ. ދައުލަތުގެ މާލީ ކަންކަން ކުރިއަށް އޮތް ދެތިން އަހަރު ހިންގާނެ ގޮތް ބަޔާންކުރާ މިޑް ޓާމް ސްޓްރެޓެޖީ އާއި، ދައުލަތުގެ ދަރަނި މެނޭޖުކުރުމުގެ ސިޔާސަތު ބަޔާންކުރާ ލިޔުން ވެސް ފޮރުއްވީ އެވެ.

މަޖިލީހުގެ މެންބަރުންނަށް މަނިކުފާނު ފައިސާ ބައްސަވާ ވާހަކަ އެ މެންބަރުން ދައްކަވައިގެން، މަނިކުފާނުގެ ގެކޮޅުން ފައިސާ ނެރޭނެ ވަގުތު އެ ބޭފުޅުން ވިދާޅުވެގެން، އަދި އެ ފައިސާ ގެންދަވަން މެންބަރުން ވަޑައިގަންނަވާނެ ތަނާއި ގަޑިވެސް އެ މެންބަރުން ވިދާޅުވެގެން އެ ހުރިހާ ކަމެއް ނޫހަކުން ރެކޯޑުކޮށް އާންމުކުރުމުން މަނިކުފާނާއި ސަރުކާރުގެ އަސްލު ތޮބީއަތް ތިޔަ ދައްކަވައިލެއްވީ އެވެ.

ތަންމިނަށް ނޫސްވެރިކަމުގެ މިނިވަންކަން ބާއްވަވާނެ ކަމަށާއި، ފާޑުކިޔާނެ ޖާގަ އޮންނާނެ ކަމަށް ވިދާޅުވި ރައީސް މިއަދު ތިޔަ ނުކުމެވަޑައިގަތީ ދެއަތްޕުޅުގައި ޖެހުނު ކޮންމެ އާލަތެއް ހިއްޕަވައިގެން ނޫސްވެރިކަމުގެ މިނިވަންކަން ސުންނާފަތިކުރައްވާށެވެ.

މަނިކުފާނުގެ ތަރުޖަމާނު އެ ވިދާޅުވީ "އަދަދު ނޫހަށް ފިޔަވަޅު އަޅުއްވާނެ" ކަމަށެވެ. ނަމަވެސް އަދަދު ނޫހަށް ބަލަންވީ ކާކުގެ ހަރަކާތް ކަމާއި، ދާންވީ ކޮންތާކަށް ކަމާއި، ކެމެރާ އަމާޒުކުރަންވީ ކާކަށްކަން ބުނެދެއްވި މެންބަރުން ތިއްބެވީ އެވެ.

އިންތިހާބުގައި މަނިކުފާނު ތުރުކުރެއްވި މާސްކު މަޑުމަޑުން މިހާރުދަނީ ބޭލެމުންނެވެ. ދެން ފެންނާނީ އެ މާސްކު އެކީގައި ބޭލި މަނިކުފާނުގެ އަސްލު ސޫރަ އަދި މަނިކުފާނުގެ ސަރުކާރުގެ އަސްލު ތޮބީއަތް ކަޝްފުވާ ތަނެވެ.

***

މި ލިޔުން ފޮނުވި ފަރާތުން އެދިފައި ވަނީ "ދެކުނުތަރި" ނަމުގައި މި ލިޔުން ޝާއިޢުކޮށް ދިނުމަށެވެ.

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ.