Advertisement

އެޗްޑީސީގެ މުވައްޒަފުންނަށް ވެސް އަހަރީ ބޯނަސް ދިނުން ލަސްވެއްޖެ

25 ސެޕްޓެންބަރު 2024 - 19:03 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ މައި އިމާރާތް: އެ ކުންފުނީގެ މުވައްޒަފުންނަށް ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު މަހުގެ ކުރިން އަހަރީ ބޯނަސް މީގެ ކުރިން ލިބޭ -- ފޮޓޯ: އަދަދު


އެޗްޑީސީގެ މުވައްޒަފުންނަށް ވެސް އަހަރީ ބޯނަސް ދިނުން ލަސްވެއްޖެ

25 ސެޕްޓެންބަރު 2024 - 19:03 3

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މުވައްޒަފުންނަށް ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އަހަރީ ބޯނަސް ދިނުން މި އަހަރު ލަސްވެއްޖެ އެވެ.

"އަދަދު" އާ ވާހަކަ ދެއްކި އެޗްޑީސީގެ ބައެއް މުވައްޒަފުން ބުނީ ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު މަހުގެ ކުރިން އަހަރީ ބޯނަސް ލިބޭ ކަމަށެވެ. ނަމަވެސް, މި އަހަރުގެ ބޯނަސް އަދިވެސް ލިބިފައި ނުވާ ކަމަށް އެ މުވައްޒަފުން ބުންޏެވެ.

"ކޮންމެ އަހަރަކު ވެސް ޖޫން ނޫނީ ޖުލައިގައި އާންމުކޮށް ބޯނަސް ލިބޭ، އެކަމަކު އަދިވެސް މި އަހަރުގެ ބޯނަހެއް ނުލިބޭ، ބޯނަހުގެ ވާހަކަ އެހީމަ ބުނަނީ އަދި ނެތެއްނޫން ހެއްޔޭ ބޯނަސް ނުދެވިފައެއް، މި އަންނަ އަހަރު ނަމަވެސް ބޯނަސް ދޭނަމޭ، މިކަހަލަ ޖަވާބު އަންނަނީ،" އެޗްޑީސީގެ މުވައްޒަފަކު ބުންޏެވެ.

އޭނާ ބުނީ އެޗްޑީސީގެ މުވައްޒަފުންނަށް ކޮންމެ އަހަރަކު ވެސް އަހަރީ ބޯނަހުގެ ގޮތުގައި ޑަބަލް މުސާރަ ލިބޭ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ވެސް 20،000ރ. އަށް ވުރެ ބޮޑު އަދަދެއް އެ ކުންފުނީގެ ކޮންމެ މުވައްޒަފަކަށް ވެސް އަހަރީ ބޯނަހުގެ ގޮތުގައި ލިބުނު ކަމަށް އޭނާ ބުންޏެވެ.

އެޗްޑީސީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވާ އެއް ކުންފުންޏެވެ. މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި 6.4 ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބުނެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، އެޗްޑީސީގައި 1,682 މުވައްޒަފުން ތިބި ކަމަށް ޕީސީބީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެޗްޑީސީން އަހަރީ ބޯނަސް ދިނުން ލަސްވެފައިވާ ސަބަބާ ގުޅޭގޮތުން އެ ކުންފުނީގެ މީޑިއާ އޮފިޝަލާ ސުވާލު ކުރުމުން "އެކަން އޮތް ގޮތެއް ޖެހޭނީ ބަލައިލަން" ކަމަށް ބުނުމަށް ފަހު ޖަވާބެއް ނުދެއްވި އެވެ.

މި ނޫހާ ވާހަކަދެއްކި އެޗްޑީސީގެ މުވައްޒަފަކު ބުނީ ކޮންމެ އަހަރަކު ވެސް އަހަރީ ބޯނަސް ދިނުމަށް ފަހު ބާއްވާ މުވައްޒަފުންގެ އަހަރީ އިވެންޓަށް ވެސް ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ދައުވަތު ނުދޭ ކަމަށެވެ.

"އެނުއަލް އިވެންޓަށް ވެސް މި އަހަރު އިންވައިޓް ކުރީ ހަމައެކަނި އެވޯޑު ލިބޭ މީހުންނަށް، ކުރިން ވެއްޖެއްޔާ ހުރިހާ ސްޓާފުންނަށް އިންވައިޓް ކުރާނެ، ބޮޑަށް ގަބޫލު ކުރެވެނީ ބޯނަސް ނުދޭތީ އިންވައިޓް ނުކުރީ ކަމަށް، އެނުއަލް އިވެންޓުގެ ކުރިން އެހެން ނޫނިއްޔާ ބޯނަސް ދޭވިއްޔަ،" އޭނާ ބުންޏެވެ.

އެޗްޑީސީގެ އިތުރުން، އެމްއޭސީއެލް އާއި އެމްޕީއެލްގެ މުވައްޒަފުންނަށް ވެސް އަހަރީ ބޯނަސް ދިނުން ވަނީ ލަސްވެފަ އެވެ. އެ ދެ ކުންފުނީގެ މުވައްޒަފުންނަށް ވެސް ބޯނަސް ލިބޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް ބުނެ މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ.

ސަރުކާރު ހިއްސާވާ ބޮޑު ތިން ކުންފުނީގެ މުވައްޒަފުންނަށް އަހަރީ ބޯނަސް ދިނުން ލަސްވެފައިވާއިރު، ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ ކުންފުނިތަކުގެ ހަރަދު ކުޑަ ކުރަން މިމަހުގެ ތިންވަނަ ދުވަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ އަންގައިފަ އެވެ.

އެ އެންގުމާ އެއްގޮތަށް ބައެއް ކުންފުނިތަކުން މުވައްޒަފުން ވެސް ދަނީ މަދު ކުރަމުންނެވެ. ނަމަވެސް ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ތިބި ބޭފުޅުން މަދު ކުރަން ސަރުކާރުން މަސައްކަތް ނުކުރާތީ އާންމުންގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ރަސްމީކޮށް އަދިވެސް ހާމަ ކޮށްފައި ނުވާއިރު، ސިޔާސީ މަގާމުތަކުގައި 2000 އެއްހައި މުވައްޒަފުން އެބަތިބި ކަމަށް އެކި މަސްދަރުތަކުން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ.