24 ސެޕްޓެންބަރު 2024 - 11:44 0
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު
24 ސެޕްޓެންބަރު 2024 - 11:44 0
ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އަދި އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖެނޮސައިޑަށް އެންމެ ފާޅުކަން ބޮޑުކޮށް ތާއީދުކުރާ ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އުރްސުލާ ވޮން ޑެ ލެޔެންއާ ބައްދަލު ކުރައްވައިފި އެވެ.
އެމަނިކުފާނު ނިއުޔޯކަށް ވަޑައިގެން ހުންނެވީ މިހާރު ކުރިއަށްދާ އދ. ގެ އަހަރީ އާންމު މަޖިލީހުގެ ސެޝަނާއި އދ. ގެ ސެކިއުރިޓީ މަޖިލީހުގައި ބައިވެރިވެޑައިގަތުމަށެވެ. ރައީސް އޮފީހުން މައުލޫމާތު އާންމުކުރި ތަރުތީބަށް ބަލާއިރު ރައީސް މުއިއްޒު ފުރަތަމަ ބައްދަލުކުރެއްވީ އުރްސުލާއާ އެވެ.
އޭގެ ފަހުން، ފަލަސްތީނުގެ މަޝްހޫރު ކަފިއްޔާ ތުރުކުރައްވައިގެން މަހްމޫދުއާ ރައީސް މުއިއްޒު ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމުގައި ރާއްޖެއިން ފަލަސްތީނަށް ކުރާ ތާއީދުގެ މަތީ ދެމިތިބޭނެ ކަމަށާއި ބައިނަލްއަގުވާމީ މުޖުތަމައުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް އެމަނިކުފާނުގެ އޮފީހުން ރޭ ބުންޏެވެ.
"މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާނަން. ދިވެހި ހުރިހާ ރައްޔިތުން ވެސް ތިބީ ފަލަސްތީނާއެކު،" ބައްދަލުވުމަށްފަހު ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖެއިން ދެމުންދާ އެހީތެރިކަން ބަލައިގަނެ މި ބައްދަލުވުމުގައި ރައީސް އާއި ދިވެހިންނަށް އައްބާސް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އުރްސުލާ މިދިޔަ އަހަރު އިޒްރޭލަށް ކުރި ދަތުރެއްގަ ތެރެއިން: އެ ދަތުރުގައި އޭނާ ވަނީ އިޒްރޭލަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް ވިދާޅުވެފަ --- ފޮޓޯ: އެކްސް
އުރްސުލާއާއެކު ބޭއްވި ބައްދަލުވުމުގެ މައުލޫމާތު ހިއްސާކޮށް ރައީސް އޮފީހުން ބުނީ، މި ބައްދަލުވުމުގައި ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން އާ ދެމެދު އޮނަން ވަރުގަދަ ގާތް ގުޅުމުގެ މުހިންމުކަން ރައީސް އަދި އުރްސުލާ ވެސް ފާހަގަކުރި ކަމަށެވެ.
މި ފަހުން އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ޖެނޮސައިޑު ވަރުގަދަކޮށް، މިދިޔަ އަހަރު އޮކްޓޯބަރުގައި ހަމަލާތައް ދޭން ފެށުމާއެކު އުރްސުލާ ވަނީ އިޒްރޭލަށް ގޮސްފަ އެވެ. އަދި އީޔޫގެ ފުރިހަމަ ތާއީދު އިޒްރޭލަށް އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެ މައްސަލައިގައި އީޔޫގެ އޮފިޝަލުން ވެސް އުރްސުލާ އަށް ފާޑުކިޔެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އީޔޫ އިން ރާއްޖެއަށް މެދުކެނޑުމެއްނެތި އެއްބާރުލުން ދޭނެ ކަމަށް އުރްސުލާ ވިދާޅުވި ކަމަށާއި ރާއްޖެއިން މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އޭނާ އެކަންކަމަށް ތައުރީފުކުރި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
Comment