23 ސެޕްޓެންބަރު 2024 - 11:23 0
މުހައްމަދު ނަސީމް
ރ.އަތޮޅު ކައުންސިލްގެ އިދާރާ، އެ ކައުންސިލުން މާލީ އެއްވެސް ކަމެއް ނުބަލަހައްޓާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނި. ފޮޓޯ: ރ.އަތޮޅު ކައުންސިލްގެ އިދާރާ
23 ސެޕްޓެންބަރު 2024 - 11:23 0
ރ. އަތޮޅު ކައުންސިލުން އެ ކައުންސިލްގެ މާލީ އެއްވެސް ކަމެއް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓު އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.
އެ ކައުންސިލުގެ 2021 ވަނަ އަހަރުގެ ބަޖެޓުން ހަރަދުކޮށްފައި ވަނީ ރަނގަޅަށްތޯ ބަލަން ހެދި އޮޑިޓަކަށް ފަހު މިދިޔަ ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓަން ޖެހޭ މުހިންމު ހަ ކަމެއް އެކައުންސިލުން އޮތީ ނުބަލަހައްޓައި ދޫކޮށްލައިފަ އެވެ.
އޮޑިޓު ރިޕޯޓްގައިވާ ގޮތުން ރ. އަތޮޅު ކައުންސިލަށް ފައިސާ ލިބޭ ކަންތައްތަކާއި ފައިސާ ލިބޭ ރޭޓް އެނގޭނެހެން، ދަފުތަރު ބަލަހައްޓައިފައެއް ނެތެވެ. އެހެން އެކަން އޮތުމުން ކުރިމަތިވާނެ އެއް ކަމަކީ އޮޑިޓު ރިޕޯޓުގައި ބުނި ގޮތުގައި ކައުންސިލަށް ގާނޫނީ ގޮތުން ލިބެން ޖެހެނީ ކޮން ފައިސާއެއް ކަން ދަނެގަންނަން ދަތިވުމެވެ.
ކައުންސިލަށް ނަގަން ޖެހެނީ ކޮން ރޭޓަކުން ކިހާ ފައިސާއެއް ކަން ވެސް ނޭނގުމަކީ އެކަމުން ކުރިމަތިވާނެ އަނެއް މައްސަލަ އެވެ. ނަގަން ޖެހޭ އަދަދަށް ފައިސާ ނުނެގުން ނުވަތަ ނަގަން ޖެހޭ ވަރަށް ވުރެ އިތުރަށް ފައިސާ ނެގުމަކީ ވެސް އެ ދަފުތަރު ނުބަލަހައްޓާ ނަމަ ވެދާނެ ކަމެކެވެ.
ތިޖޫރީގައި ބަހައްޓާ ފައިސާގެ ހިސާބުތައް ނުބަލަހައްޓާތީ ކުރިމަތިވާނެ މައްސަލަ އަކީ ފައިސާއާ ގުޅޭ ގޮތުން ތަންފީޒުކުރަން ޖެހޭ އިންޓާނަލް ކޮންޓްރޯލްތައް ތަންފީޒު ނުވުމެވެ. އެކަން އެހެން އޮތުމުން ދައުލަތުގެ ފައިސާ، މުވައްޒަފުންގެ އަމިއްލަ މަންފާއަށް ބޭނުންކުރުމުގެ މަގު ފަހިވެ އެވެ.
އެ ހިސާބުތައް ނުބަލަހައްޓާ ނަމަ ތިޖޫރީން ފައިސާ މަދު ވިޔަސް އެކަން ފާހަގަ ނުކުރެވި ކައުންސިލަށް މާލީ ގެއްލުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓު ރިޕޯޓުގައި ވާ ގޮތުން ރ. އަތޮޅު ކައުންސިލްގެ ސާވާއަށް ކުރިމަތިވި ރެންސަމް ވެއާ ހަމަލާއެއްގައި އެކައުންސިލްގެ ޑާޓާތައް ގެއްލުނު އިރު ހަރު މުދަލުގެ ރަޖިސްޓްރީ ވަނީ ގެއްލިފަ އެވެ. އެެހެން ނަމަވެސް އެ ރަޖިޓްރީ އަލުން ހަދާފައި ނުވާތީ، ކައުންސިލް އިދާރާއަށް ގަނެފައިވާ ހަރުމުދާ އެ އިދާރާގައި ހުރިކަން ނުވަތަ ނެތް ކަން ވެސް ޔަގީނެއް ނޫނެވެ.
އޮޑިޓް ރިޕޯޓްގައި ރ. އަތޮޅު ކައުންސިލަށް އަންގާފައި އޮތީ އެ ހުރިހާ ކަމެއް ހައްލުކުރުމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment