Advertisement

ރައީސްގެ އާދޭސް: ގައުމުތަކުގެ އެހީ އާއި އެއްބާރުލުން ރާއްޖެ އަށް މުހިއްމު


ރައީސްގެ އާދޭސް: ގައުމުތަކުގެ އެހީ އާއި އެއްބާރުލުން ރާއްޖެ އަށް މުހިއްމު

ރާއްޖޭގެ މާލީ ހާލަތު ދުވަހަކު ނުދާ މިންވަރަށް ވަރަށް ދަށަށް ގޮސްފައި ވަނިކޮށް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް އަރިހުގައި، އެހެން ގައުމުތަކުގެ އެހީ އާއި އެއްބާރުލުން ރާއްޖެއަށް މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދަންނަަވައިފި އެވެ.

އދ. އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ނިއުޔޯކަށް ވަޑައިގެން، އދ. ސެކްރެޓަރީ ޖެނަރަލްއާއެކު ސެޕްޓެމްބަރު 22 ގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ދަރަނި ކުޑަކުރުމާއި މާލީ ހާލަތު ރަނގަޅުކޮށް، ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މާލީ އިސްލާހީ އެޖެންޑާއެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވައިފަ އެވެ.

"އެކަމުގައި ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދިވެހިރާއްޖެއަށް ލިބުން މުހިންމުކަމުގައި ވެސް އެ މަނިކުފާނު ފާހަގަކުރެއްވި،" ރައީސް އޮފީހުން ބުންޏެވެ.

އދ. ގެ ނިޒާމުގެ ތެރޭގައި ރާއްޖެއިން މިހާރަށް ވުރެ ހަރަކާތްތެރި ދައުރެއް އަދާކުރުމަށް، ހާއްސަ ގޮތެއްގައި ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވަމުންދާ މައިގަނޑު މައްސަލަތަކާގުޅޭ ކަންކަމުގައި މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ބައިނަލްއަގުވާމީ މައްސަލަތަކުގައި، ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރޭވެ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ތައުރީފު ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖެއަށް ކުރިމަތިވާ އެހެން މުހިންމު ކަންކަމުގައި ވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވެފައި ވާތީ އަރަބި ގައުމުތަކުގައި އެހީ ހޯދަން ރައީސްގެ ސިޓީއެއް ވެސް ވަނީ ފޮނުއްވައިފަ އެވެ. ނަމަވެސް ބަޖެޓު ސަޕޯޓަށް އެއްވެސް ގައުމެއްގެ އެހީއެއް މި ސަރުކާރަށް އަދި ނުލިބެ އެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ފިޗް އަދި މޫޑީސްގެ ކްރެޑިޓް ރޭޓިން ވެސް ވަނީ ދަށްކޮށްފަ އެވެ. ފައިސާގެ ދަތިކަން ބޮޑުވެ މަޝްރޫއުތައް ހުއްޓާލާފައިވާއިރު، ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ އަދަދު މަދެއް ނުކުރެ އެވެ.