Advertisement

ކުރިމަގުގެ ޖީލުތަކުން ބޭނުންވަނީ ގާޒާގައި ހިނގާ ނަސްލުހޭދަ ހުއްޓުވާނެ ހިތްވަރު ހުރި ދުނިޔެއެއް: ރައީސް މުއިއްޒު

ސަމިޓް އޮފް ދަ ފިއުޗާ ގައި ރައީސް މުއިއްޒު މިރޭ ތަގުރީރު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް


ކުރިމަގުގެ ޖީލުތަކުން ބޭނުންވަނީ ގާޒާގައި ހިނގާ ނަސްލުހޭދަ ހުއްޓުވާނެ ހިތްވަރު ހުރި ދުނިޔެއެއް: ރައީސް މުއިއްޒު

ކުރިމަގުގެ ޖީލުތަކުން ބޭނުންވަނީ ގައްޒާގައި ހިނގަމުންދާ ނަސްލުހޭދަ ހުއްޓުވައި ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދޭނެ ހިތްވަރު ހުރި ދުނިޔެއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަ، އދ.ގެ މައި އިދާރާގައި މިހާރު ކުރިއަށްދާ "ސަމިޓް އޮފް ދަ ފިއުޗާ" ގައި މިރޭ ކުރެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ ކުރިމަގުގެ ޖީލުތަކުން ދިރިތިބީންގެ ތަރިކަ ވަޒަން ކުރާނީ ކުރަން ފަށާ ކަންތައްތަކުގެ ބަދަލުގައި ކަންކަން ހާސިލު ކުރުމަށް އަމަލީ ގޮތުން އަޅާ ފިޔަވަޅުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

"އެމީހުން [ކުރިމަގުގެ ޖީލުތައް] ބޭނުންވަނީ ނަތީޖާ ނެރެދޭ ނިޒާމެއް، ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާއިރު ހިތްވަރާއެކު ކުރިމަތިލެވޭ ދުނިޔެއެއް، [އެމީހުން ބޭނުންވަނީ] ގާޒާގައި ހިނގަމުންދާ ނަސްލުހޭދަ ހުއްޓުވުމުގެ ހިތްވަރު، ފަލަސްތީނުގެ ދައުލަތަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމުގެ ހިތްވަރު، އިންސާނީ ހައްގުތަކަށް އަރައިގަންނަ މުޖުރިމުން ޒިންމާދާރު ކުރުވުމުގެ ހިތްވަރު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އދ. އަކީ ރައްޔިތުންނާ ގާތް، ރައްޔިތުންގެ އަޑު އަހާ މަޖިލީހަކަށް ވުމަށާއި އަދުލު އިންސާފާއި ހަމަހަމަކަމާއި ހަގީގީ ބަދަލުތަކުން މާނަކުރެވޭ މުސްތަގުބަލެއް ދެކެން އަންނަން އޮތް ޖީލުތަކުން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ތަގުރީރުގެ ތަގުރީރުގައި ޖުމުލަ ތިން ކަމެއް "ސަމިޓް އޮފް ދަ ފިއުޗާ" އަށް ހުށަހެޅުއްވި އެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި އަދުގެ ޒުވާން ޖީލު ބާރުވެރި ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ދިފާއު ވާން ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެ ބަދަލުތަކަކީ މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ މީހުންނަށް ވެސް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ރައީސް ހުށަހެޅުއްވީ މި މައްސަލަތަކަށް ހައްލު ހޯދަން ބޭނުންވާ މާލީ އެހީތެރިކަން ހޯދޭނެ މަގެއް ކޮށުމެވެ.

ރައީސްގެ ތަގުރީރު ނިންމަވައިލައްވަމުން ވަނީ ސަމިޓަށް ރާއްޖޭން ހުށަހެޅި ތިން ލަނޑުދަނޑިއަށް ވެސް ވާސިލުވާން ސަމިޓުގެ ހުރިހާ ބައިވެރިން އަޒުމު ކަނޑައަޅުއްވަން އެދިވަޑައިގެންފަ އެވެ.

"ދިވެހިރާއްޖެއަށްޓަކައި، ކުޑަ ކޮންމެ ޖަޒީރާއަކަށްޓަކައި އަދި ރަނގަޅު މާދަމާއެއްގެ ހުވަފެން ދެކޭ ކޮންމެ ފުރާނައަކަށްޓަކައި އެ އުޖާލާ މުސްތަގުބަލުގެ ބިންގާ އަޅާ މީހުންގެ ގޮތުގައި ތިބެމާ ހިންގަވާ، އަޅުގަނޑުމެންނަށް މިކަމަށް ކުރިމަތިލެވޭނެތޯ؟ ދިވެހިރާއްޖެއަށް މި ސުވާލުގެ ޖަވާބަކީ އާނއެކޭ، އަޅުގަނޑުމެންނަށް ކުރެވޭނެއޭ،" ރައީސް ވިދާޅުވި އެވެ.