22 ސެޕްޓެންބަރު 2024 - 21:35 0
މުހައްމަދު ނަސީމް
ރައީސް ޑރ.މުހައްމަދު މުއިއްޒު އދ.ގެ "ސަމިޓް އޮފް ދަ ފިއުޗާ" ގައި ތަގުރީރުކުރައްވަނީ.
22 ސެޕްޓެންބަރު 2024 - 21:35 0
މޫސުމަށް އަންނަ ބަދަލުތަކުން ދިފާއު ވާން ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކަކީ މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ މީހުންނަށް ވެސް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ނިއުޔޯކްގައި ހުންނަ، އދ.ގެ މައި އިދާރާގައި މިހާރު ކުރިއަށްދާ "ސަމިޓް އޮފް ދަ ފިއުޗާ" ގައި މިރޭ ކުރެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ ގައުމުތައް ގުޅިގެން ކުރާ މަސައްކަތްތަކާއި މުއާމަލާތްތައް (މަލްޓިލެރަލިޒަމް) އަކީ ހަމަ އެކަނި މަފްހޫމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ކުރަން ޖެހޭ އެއް ކަމަކީ މޫސުމަށް އަންނަ ބަދަލުތަކާ "ހަނގުރާމަކުރުން" ކަމަށެވެ. އެގޮތުން ކުރަން ރާއްޖޭން ހުށަހަޅާ ތިން ކަމެއް އެމަނިކުފާނު ތަފްސީލުކޮށްދެއްވި އެވެ.
"ދެވަނަ ކަމަކަށް، އަޅުގަނޑުމެން ހަނގުރާމަކުރަން ޖެހޭ ކްލައިމެޓް ޗޭންޖް އާ، އެއީ މިހާރުގެ އަދި މާދަމާގެ ޖީލުތަކަށް އޮތް އެންމެ ބޮޑު ނުރައްކާ" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކްލައިމެޓް އެންޒައިޓީ (މޫސުމަށް އަންނަ ބަދަލުތަކުން ވެދާނެ ގެއްލުމަކާ މެދު އޮންނަ ހާސްކަން) އެއީ ހިޔާލީ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަމުން ދުނިޔޭގެ ގާތްގަނޑަކަށް 62 ޕަސެންޓްގެ ޒުވާނުންނަށް އެކަމުން އަސަރުކުރޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އާދަޔާހިލާފު މޫސުމީ ހާދިސާތަކުގެ ސަބަބުން، މިދިޔަ 50 އަހަރުގެ ތެރޭފައި ކުދި ގައުމުތަކަށް 150 ބިލިޔަން ޑޮލަރުގެ ގެއްލުން ވި އެވެ.
މޫސުމަށް އަންނަ ބަދަލަކުގެ ގެއްލުން ކުޑަކުރުމަށް ޓަކައި ދުނިޔޭގެ ފިނިހޫނުމިން މަތިވުން ލަސްކުރެވޭތޯ މަސައްކަތް ކުރަން ގައުމުތަކުން ކުރިއްސުރެ އިގުރާރުވެފައިވާ ކަމެއް އޮވެ އެވެ. އެއީ ހޫނުވާ މިންވަރު 1.5 ޑިގްރީއަށް ވުރެ މަތިވިޔަ ނުދިނުމެވެ. އެ ނިންމުމާ އަޅައިނުލައި ތިބުމަކީ ގައުމުތަކަށް އޮތް އިހުތިޔާރެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި އެކަމުން ލިބޭ ގެއްލުން ކުޑަކުރަން ކުރިން ދީފައިވާ ކޮމިޓްމެންޓަށް މި ސަމިޓުގައި އިހުތިރާމްކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެކަމުގައި ރާއްޖޭން ކުރަން ޖެހޭ މަސައްކަތް ރާއްޖޭން ކުރަމުން އަންނަ ކަމަށް ވިދާޅުވެ، މިސާލެއްގެ ގޮތުގައި ރައީސް ދެއްކެވީ "ނެޓްޒީރޯ" ގައުމަކަށް ރާއްޖެ ހަދަން ކުރަމުން ގެންދާ މަސައްކަތެވެ. އެހެން ހުރިހާ ގައުމަކުން ކުރަން ޖެހޭ މަސައްކަތްތައް އެގައުމުތަކުން ކުރަން ވެސް އެމަނިކުފާނު ގޮވައިލެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment