ފަށަމުން ވެސް ބުނަން އޮތީ މި ރާއްޖޭގެ އިގުތިސޯދުގައި މައްސަލައެއް ނެތޭ އެވެ. އިގުތިސޯދު ދަނީ ބާރަށް ކުރިއަށެވެ. ވޭތުވި ދަހަރުގެ ތެރޭގައި، ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރު ފިޔަވައި، ފަތުއަޑު ކިޔާފައި ކުރިއަރަމުން އައި ދުވެއްޔަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް، އިގުތިސޯދުގެ ކުރިއެރުން ހިސާބުކުރާ ހުރިހާ މިންގަނޑަކުން ބެއްޔަސް ހުރީ ބަރާބަރަށެވެ.
އެހެނަސް މި ގައުމުގެ މާލިއްޔާތުގައި ލައްކަ މައްސަލަ އެބަހުއްޓެވެ. އެކަމާ ދެބަސް ވާނެ މީހަކު ސަރުކާރުގައި ވެސް އިދިކޮޅުގައި ވެސް އާންމުންގެ ތެރޭގައި ވެސް ހުންނާނެހެނެއް ހިޔެއް ނުވެ އެވެ. ތިބިއްޔާ ތިބީ ޖަދަލު ކުރުމުގެ ބޭނުމަށް ނޫނީ ދެބަސް ވެލާ ހިތުން ގޯހެއް ނެތޭ ބުނާނެ މީހުންނެވެ.
ދައުލަތުގެ މާލިއްޔަތުގައި ހުރި މައްސަލަތަކަކީ ބަޔަކަށް ވަންހަނާ ވެފައި ހުރި ކަމެއް ނޫނެވެ. މި ރާއްޖޭގެ ކަންކަން ބަލައި ދިރާސާކުރާ ބަޔަކު ތައްޔާރުކޮށްފައި ހުރި ރިޕޯޓެއްގައި ވިއްޔާމުން، އެ ހުރިހާ ރިޕޯޓެއްގައި ވެސް ހުރީ މާލިއްޔަތުގައި ހުރި މައްސަލަތަކުގެ ވާހަކަ އެވެ. އެތެރެއެއް ބޭރެއް ކިޔާނެ ކަމެއް ނެތެވެ. އެންމެން ވެސް ދައްކަމުން ގެންދަނީ ހަމަ އެއް ވާހަކަތަކެވެ.
އެއީ އިގުތިސޯދާ ނުބައްދަލު ހަރަދުތައް ކުރާ ވާހަކަ އެވެ. މިކަން ހައްލުކުރަން އިސްރާފު ހަރަދުތައް ކުޑަކުރަން ޖެހޭ ވާހަކަ އެވެ. ކުރިން ބުނި ފަދައިން ބަރާބަރަަށް އޮތް އިގުތިސޯދަށް އެޅިފައި އޮތް އެންމެ ބޮޑު ހިޔަންޏަކީ އަދި ކުރިއަރަމުންދާ ދުވެލީގައި ޖެހެން އޮތް އެންމެ ބޮޑު ބުރައްކަކީ ވެސް ދައުލަތުގެ މާލީ މައްސަލަތަކެވެ. އެހެން ބަހަކުން ބުނަނީ ނަމަ ސަރުކާރުތަކުގެ ފައިނޭންޝަލް މިސްމެނޭޖުމަންޓެވެ.
ވެރިކަމުގައި މިއަދު އޮތް ސަރުކާރުން، ވެރިކަމާ ހަވާލުވީ މި ހުރިހާ ކަމެއް ދަނެ ތިބެގެންނެވެ. މާލިއްޔަތު ހަރުދަނާކޮށް، ބޮލުގައި އެޅިފައި އޮތް ބޮޑު ދަރަނީން ސަލާމަތްވާން ކުރަން ހުރި ކަންކަން ގިނަ ކަން އެނގި ތިބެ އެވެ. އެކަން ކުރާނެ ކަމެއް ވައުދާއި އަހުދުތައް ވެސް ވަމުންނެވެ.
ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު އޭރު އިދިކޮޅުގެ ކެންޑިޑޭޓު އަދި އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ހަރުއަޑުން ދެއްކެވި އެއް ވާހަކައަކީ "އިގުތިސޯދު ވެއްޓިފައި އޮތް ފުން އަނދަވަޅުގެ" ވާހަކަ އެވެ. އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު ވެސް މިއަދާ ހަމައަށް ވެސް ތަކުރާރުކުރައްވަމުން ގެންދަވަނީ ހަމަ އެ ވާހަކަތަކެވެ.
"އިގުތިސޯދީ ގޮތުން ފުން، ވަރަށް ފުން އަނދަވަޅަކަށް ވައްޓާލާފައި އޮތީ. އެއީ އަޑި ނޭނގޭ ފުން އަނދަވަޅެއްކަން އިހުސާސް ވާން ފެށީ އެ މަސައްކަތް އަޅުގަނޑުމެން ރަނގަޅު މަގުން ގެންދަން ފެށީމަ،" އެންމެ ފަހުން ޕީއެންސީގެ ޕޯޑިއަމެއްގައި ވާހަކަ ދެއްކެވި ދުވަހު، އެއީ މިދިޔަ މަހުގެ 26 ގައި، ރައީސް ވިދާޅުވެފައިވެ އެވެ.
ބާރުބާރަށް ތަކުރާރުކޮށް މި ވާހަކަތައް ދެއްކެވި ނަމަވެސް، ހިތާމަޔާއެކީ ދަންނަވަން ޖެހޭނީ ވެރިކަމުގެ ފުރަތަމަ 10 މަސް ނިންމާލިއިރު، ކަންބޮޑުވީ ކަންކަމުގެ ތެރެއިން ފައިސާ ޗާޕުކުރުން ހުއްޓާލުން ފިޔަވައި އެހެން އެއްވެސް ކަމެއް ނުވާ ކަމަށެވެ.
އޭގެން އެއް މިސާލަކީ ސަރުކާރުގެ ސިޔާސީ މުވައްޒަފުން މަދުކުރާނެ ކަމަށް ރައްޔިތުން ކައިރީ ދެއްކި ވާހަކަތަކެވެ. އިދިކޮޅުގައި ތިބެގެން އޭރު ސަރުކާރު ހިންގަމުން އައި އެމްޑީޕީއަށް އެންމެ ގިނަ ބަހުގެ ހަމަލާތައް އަމާޒުކުރީ ވެސް އެ ސަރުކާރުގެ މަތިބަރު ކަމަށް ބުނެ އެވެ. އެކަމަކު ސަރުކާރާ ހަވާލުވުމަށް ފަހު، ލިބުނު ފުރުސަތުގައި ސިޔާސީ މުވައްޒަފުން މަދުކުރަން ކުރެވުނު ކަމެއް ކޮބައިތޯ އަދި އެ އަދަދު މަދުކުރެއްވިއްޖެތޯ ސުވާލުކުރުމުން ދޭނެ ހަމަ އެއްވެސް ޖަވާބެއް ނެތެވެ.
މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސަރުކާރުން ވައުދުވެފައިވާ ގޮތަށް ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ތިރި ނުކުރަނީ ކީއްވެގެންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ފެނުނީ އެ ސުވާލުން ރެކުނު މަންޒަރެވެ. ކުރި ސުވާލަށް ޖަވާބު ނުދީ ދައްކަން ފެށީ އާމްދަނީ އިތުރުކުރަން ކުރާ މަސައްކަތްތަކުގެ ވާހަކަ އެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު ވިއްޔާވީ ގިނަ އެވެ. މިހެން ބުނަން ޖެހެނީ މިއަދާ ހަމައަށް އައި އިރު ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރި ނަމަވެސް، "އަދަދު" އިން ވަކިވަކި މިނިސްޓްރީތަކުން ހޯދި މައުލޫމާތުން ދައްކާ ގޮތުގައި މެއި މަހާ ހަމައަށް 18 މިނިސްޓްރީގައި 799 ސިޔާސީ މުވައްޒަފުން ތިއްބެވެ. އެއީ އަދި މައުލޫމާތު ނުލިބޭ ހަތަރު މިނިސްޓްރީ އާއި ކައުންސިލުތަކަށް ނަގާފައި ތިބި ސިޔާސީ މުވައްޒަފުން ނުލައި ހަމަވެފައިވާ އަދަދެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިދިޔަ ޖޫން މަސް ނިމެން ގާތްވެފައި ވަނިކޮށް، ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ސިޔާސީ މުވައްޒަފުން މަދުކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އެފަހުން މިވީ މުއްދަތުގެ ތެރޭގައި ވަކިކުރި މުވައްޒަފުންގެ އަދަދެއް މިއަދާ ހަމައަށް ވެސް ނުބުނެވެ އެވެ. ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދެއް ނޭނގޭތީ އަޅާކިޔާނެ އަދަދެއް ވެސް ނޭނގެ އެވެ.
ދެން އޮތީ ހަރަދު ކުޑަކުރަން ގެންނަ ރިފޯމްތަކުގެ ވާހަކަ އެވެ. މިއީ ވެސް ހަމަ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެހެން ކުރަން ޖެހޭ ކަން އެނގޭ ކަންކަމެވެ. މިހާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަގާމާ ހަވާލުވެވަޑައިގެން ފުރަތަމަ މަޖިލީހަށް ވަޑައިގެންނެވި ދުވަހު، ބަޖެޓު ކޮމިޓީގައި ވިދާޅުވީ އެކަން ނުކޮށް ކުރިއަށް ދާން އުނދަގޫ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި ވޭތުވެދިޔަ ތަނުގައި، މި އިކޮނޮމިކް އިންޑިކޭޓާސް ދައްކަމުން މި ދަނީކީ އަލުގަނޑުމެން ހަމަ ބިރުގަންނަން ޖެހޭ ކަހަލަ ގޮތަކަށް. އެހެންވީމަ، ހަގީގަތުގައި އަޅުގަނޑުމެން ބަލާނީ މިގޮތަށް ކަން ކުރި ކަމުގައި ވިޔަސް، މިހާރު ރިކަރަންޓު ހަރަދު ކުރެވޭނެ ގޮތްތަކެއް ވެސް ވިސްނައި، ހަގީގަތުގައި ވެސް މިހާރު އަޅުގަނޑުމެން ވަރަށް ބޮޑަށް ވެއްޖެ މި ސަބްސިޑީ މި ދެވޭ ގޮތް އެ ރަނގަޅު ނިޒާމަކުން އެ ޕޮލިސީތައް އިމްޕްލިމެންޓް ކުރަން." އޭނާ ވިދާޅުވި އެވެ.
ބަޖެޓު ކޮމިޓީގައި އެ ދުވަހު ވެސް މިނިސްޓަރު ޝަފީގު، މި އަހަރުގެ މެދު ތެރޭގައި ގެންނަން ބުނި ސަބްސީޑީ ރިފޯމުތައް ނުގެނެވިދާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އެންމެ ފަހުން މަޖިލީހަށް ވަޑައިގެންނެވި ދުވަހު ވެސް މިނިސްޓަރު ދެއްކެވީ ކުރީ ސަރުކާރުން އެކަން ކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވެ، ދެއްކެވީ އެކަން ކުރަން ކުރަން ޖެހޭ މަސައްކަތްތައް ނިންމަމުން އަންނަ ވާހަކަ އެވެ.
ހަރަދުކުޑަކުރަން އަޅަން ނިންމާފައިވާ ފިޔަވަޅުތައް: މި ޗާޓުން ފެންނަނީ އެ ފިޔަވަޅުތައް ތަންފީޒުކުރުމުން ސަލާމަތްކުރެވޭނެ ހަރަދު -- ގްރެފިކްސް: އިސްމާއިލް އިމްދާދު
ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ އޮކްޓޫބަރުގައި ސަބްސިޑީ ރިފޯމާއި އާސަންދައިގެ ހަރަދުތައް ކުޑަކުރަމުގެ ސިޔާސަތުތައް ތަންފީޒުކުރަން ފަށާނެ ކަމަށެވެ. މިހެން ނަމަވެސް މިހާރު މައުލޫމާތު ލިބެނީ މި އޮކްޓޫބަރުގައި ވެސް މިކަން ނުކުރެވޭނެ ކަމަށެވެ. ފެންނަމުން ދަނީ އެމްޑީޕީ ސަރުކާރުން ފަސް ޖެހުނު ގޮތަށް ތަފާތު އެކި ބަހަނާތަކުގެ ތެރޭގައި މިކަން ކުރަން ފަސްޖެހެމުންދާ މަންޒަރެވެ.
ޑޮލަރު މައްސަލަ ހައްލުކުރުމުގެ ކަންކަން ވެސް ހަމަ އެހެންނެވެ. އިގުތިސޯދަށް އޮތް އެންމެ ބޮޑު ދައްޗަކީ ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ޖެހުމެވެ. މިހާރު ކަންކަން ހުރި ގޮތުން 15.42 ރޭޓުގައި ޑޮލަރުގެ އަގު ހިފަހައްޓަން އުނދަގޫ ވާނެ އެވެ. މަރުކަޒީ ބޭންކުން ބުނަނީ، މިކަން ހައްލުކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން މަސައްކަތް ކުރަމުން އަންނަ ވާހަކަ އެވެ. އޭގެ ތެރޭގައި މި މަހުގެ ތެރޭގައި މަނިޓަރީ ސިޔާސަތަށް ގެންނަ ބަދަލުތަކާއި އަހަރު ނިމުމުގެ ކުރިން މޮޕްއަޕް އޮޕަރޭޝަންސްްތައް ފަށާނެ ކަމަށް ބުނެފައިވެ އެވެ. މިއިން ކަމެއް ވެސް ވާތަނެއް ނުފެނެ އެވެ.
ނަމަވެސް މިގޮތަށް ހިފަހައްޓާލައިގެން ތިބެވޭކަށް ނެތެވެ. އެންމެ ފަހުން މޫޑީސް އާއި ފިޗުން ރޭޓިން ދަށްކުރަމުން ވެސް ފާހަގަކުރީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފަސްޖެހެމުންދާ ވާހަކަަ އެވެ. އަދި މިކަން ނުކޮށް އިގުތިސޯދުގެ މުސްތަގުބަލު ރަނގަޅު ވާނެ ކަމުގެ އުއްމީދެއް ނެތް ވާހަކަ އެވެ. ކުރުކޮށް ބުނަނީނަމަ ކުރަންކުރަން ތިއްބައި ކަންކަން ގޯހުންގޯހަށް ދާ ކަމަށެވެ.
މިދާ ގޮތަށް ދާ ނަމަ މި އަހަރަށް ފާސްކޮށްފައި އޮތް ރެކޯޑު ބަޖެޓު ސަޕްލިމެންޓު ކުރަން ޖެހޭ ހިސާބަށް ކަންކަން ގޮސްފި އެވެ. މިހެން ވިދާޅުވީ ސީދާ ފިނޭންސް މިނިސްޓަރެވެ. ސަރުކާރުން މި ފިޔަވަޅުތައް އެޅުން އަވަސްކޮށް ހަރަދުތައް ކުޑަކުރަން އެބަޖެހެ އެވެ. މަސައްކަތް ބުރައިއްޔާމުން ސަރުކާރުގެ ހުރިހާ މުވައްޒަފުން ނެރެގެން ވިޔަސް މިކަން ކުރަން އެބަޖެހެ އެވެ. ބަހަނާއެއްގެ ނިވަލުގައި ތިބެ ގައުމު ޑީފޯލްޓު ވެއްޖެ ހާލަތެއްގައި ރައީސް އެ ބުނާ އަނދަވަޅު ވާނީ އިތުރަށް ފުނެވެ. އެ ވަޅުން އަރަން ކުރަން ޖެހޭ މަސައްކަތްތައް ވާނީ ގިނަ އެވެ.
Comment