Advertisement

ފެނަކައަށް ހިދުމަތް ދިން ބަޔަކަށް ދެ ލައްކަ ރުފިޔާ ދައްކަން ކޯޓުން ހުކުމްކޮށްފި

22 ސެޕްޓެންބަރު 2024 - 14:43 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފެނަކަ ކޯޕަރޭޝަން ބްރާންޗެއްގެ އޮފީހެއް: ފެނަކައަށް ހިދުމަތްދިން ބަޔަކަށް ދެ ލައްކަ ރުފިޔާ ދައްކަން ހުކުމް ކުރުން -- ފޮޓޯ: ފެނަކަ


ފެނަކައަށް ހިދުމަތް ދިން ބަޔަކަށް ދެ ލައްކަ ރުފިޔާ ދައްކަން ކޯޓުން ހުކުމްކޮށްފި

22 ސެޕްޓެންބަރު 2024 - 14:43 0

ފެނަކަ ކޯޕަރޭޝަނަށް އިނޮވިކްސް ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދިން ހިދުމަތްތަކަށް ފައިސާ ނުދޭތީ 255،832ރ. ރުފިޔާ އެ ކުންފުންޏަށް ދައްކަން ފެނަކައިގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އިނޮވިކްސްއިން ފެނަކައިގެ މައްޗަށް ދައުވާކުރީ އެ ކުންފުނިން ފެނަކައަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ދައްކަން ޖެހޭ އަގުގެ ގޮތުގައި 518،684ރ. އަދާ ކޮށްފައި ނުވާތީ، ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 151،190ރ. ގެ އިތުރުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި 518،368ރ. އާއެކު ޖުމްލަ 5،853،244ރ. ހޯދުމަށެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ، އެޕްރިލް، 20، 2022، އިން ފެށިގެން ޑިސެމްބަރު 8، 2023، އާ ދެމެދު ފެނަކައަށް ފޯރުކޮށްދީފައިވާ މުދަލުގެ އަގުގެ ގޮތުގައި 5،183،684ރ. ހޯދަން އެދުނު ނަމަވެސް، އެއީ އެއް އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ނުލިބި ހުރި ފައިސާ ކަމަށް ނުބެލެވޭ ކަމަށެވެ.

"ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑުން ފޯރުކޮށްދީފައިވާ ހިދުމަތާއި މުދަލުގެ އަގު ނުދައްކައި އޮތްއިރު ވެސް، މެދުކެނޑުމެއް ނެތި 5،183،684ރ. އަށް ވާވަރަށް މުދާ އެކި ފަހަރު މަތިން ފޯރުކޮށްދީފައިވުމަކީ ގެއްލުން ކުޑަ ކުރުމަށް މަސައްކަތް ކޮށްފައި ނުވާކަން ދައްކުވައިދޭ ކަމެއް ކަމާއި، އިންވޮއިސްތަކުގައި ފައިސާ ދެއްކުމަށް އެންމެ ފަހުގެ ތާރީހަކަށް ބަޔާން ކުރާ ތާރީހުގައި ފައިސާ ނުދައްކާނަމަ، ގެއްލުން ކުޑަ ކުރުމަށް ކުރަން ޖެހޭ ކަމަކީ އިންވޮއިސްއަށް ފައިސާ ނުދޭ ފަރާތަށް އިތުރަށް މުދަލާއި ހިދުމަތް ފޯރުކޮށްދިނުން ހުއްޓާލުން،" ސިވިލް ކޯޓުން ބުންޏެވެ.

ސިވިލް ކޯޓުން ބުނީ 5،183،684ރ. އަކީ އިނޮވިކްސްއަށް ފެނަކައިން ލިބެން ޖެހޭ ފައިސާ ކަމަށް ބުނެފައިވީ ނަމަވެސް، އެ އަދަދު ހިސާބު ކޮށްފައިވާ ގޮތުގެ ތަފްސީލު ހުށަނާޅާ ކަމަށާއި އެކަމަށް ބާރުދޭ ހެެއްކެއް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

އިނޮވިކްސްއަށް ފެނަކައިން ދައްކަން ޖެހޭ 255،832ރ. ގެ ތެރެއިން ދެ ލައްކަ ރުފިޔާއަކީ އެ ކުންފުނިން ޝަރީއަތަށް ވަކީލުންނަށް ހަރަދު ކުރި ފައިސާ އެވެ. އަދި ބާކީ 55،832ރ. އަކީ ހުށަހެޅި އިންވޮއިސްތަކުން ދައްކާ ގޮތުގައި އަދި ފެނަކައިން ވެސް އެއްބަސްވާ ގޮތުގައި އެ ކުންފުނިން އިނޮވިކްސްއަށް ދައްކަން ޖެހޭ ފައިސާ އެވެ.

ދަރަނި ބޮޑުވެފައިވާ ފެނަކަ، އެސްޓީއޯގެ ދަށަށް ބަދަލު ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން އަންނަ ޖެނުއަރީގެ ކުރިން އެކަން ނިންމުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.