Advertisement

އަގު ބޮޑުކޮށް ފޭކު ސްޕެއާ ޕާޓްސް ގަތް ކަމަށް ބުނާ ހަބަރު ފެނަކައިން ދޮގުކޮށްފި

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު: އަގުބޮޑުކޮށް ފޭކު ސްޕެއާ ޕާޓްސް ގަތް ކަމަށް ބުނާ ހަބަރު ފެނަކައިން ވަނީ ދޮގުކޮށްފަ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އަގު ބޮޑުކޮށް ފޭކު ސްޕެއާ ޕާޓްސް ގަތް ކަމަށް ބުނާ ހަބަރު ފެނަކައިން ދޮގުކޮށްފި

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފެނަކަ ކޯޕަރޭޝަނުން ބޮޑު އަގުގައި އަސްލު ނޫން ސްޕެއާ ޕާޓްސް ގަތް ކަމަށް ބުނާ ހަބަރު އެ ކުންފުނިން ދޮގުކޮށްފި އެވެ.

ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހަކުން އާންމުކުރި އެ ލިޔުންތަކުން ފެންނަނީ އެ ކުންފުނިން ގަނެފައިވާ މުދާތަކެއް ނޫން ކަމަށެވެ. އަދި ސްޕެއާ ޕާޓްސް ގަތުމުގެ މަސައްކަތް އޮތީ އުސޫލާ އެއްގޮތަށް ޓެންޑާ ކޮމިޓީގެ މަރުހަލާގައި ކަމަށާއި އެއްވެސް އެފަދަ މުދަލަކަށް ފެނަކައިން ފައިސާ ދައްކާފައި ނުވާނެ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

"މި ކުންފުންޏަށް މުދާ ގަންނަނީ ފަނީ މުވައްޒަފުންނަށް ފުރިހަމައަށް ބާރު ލިބިދޭ ގޮތަށް އެކުލަވާލެވިފައިވާ އިޖުރާއަތްތަކުގައި ހިމެނޭ މަރުހަލާތަކެއް ފުރިހަމަވެގެން. މި ހުރިހާ މަރުހަލާއެއް ފުރިހަމަވެގެން އަންނައިރު ކުންފުންޏަށް ގަނެވޭ މުދަލުގެ ކޮލިޓީ އާއި އަގު އަދި މުއްދަތު ކަނޑައެޅުމުގައި އެ މުދަލެެއް ބޭނުންވާ އަސާސީ ހިދުމަތާއި ވަގުތުގެ ހާލަތައް ރިއާޔަތް ކުރެވޭނެ،" ރާއްޖޭގެ އެންމެ ގިނަ ރަށްތަކުގައި ކަރަންޓާއި ފެނުގެ ހިދުމަތް ދެމުން އަންނަ ފެނަކައިން ބުންޏެވެ.

މީގެއިތުރުން މި ސަރުކާރުން އެކުލަވާލި ފެނަކައިގެ އާ މެނޭޖުމަންޓުން ވަނީ އެ ކުންފުންޏަށް ލިބެމުންދިޔަ މާލީ ގެއްލުންތައް ފޫބެއްދުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައި ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެގޮތުން މީގެކުރިން އެ ކުންފުންޏަށް ފެންވަރުދައް ހިދުމަތާއި މުދާ ފޯރުކޮށްދެމުންދިޔަ ކުންފުނިތައް "ބްލެކްލިސްޓު" ކުރެވިފައިވާކަން ފެނަކައިން ވަނީ ފާހަގަކޮށްފަ އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައިވެސް ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވި ފެނަކައިގެ މިހާރުގެ މޭނުޖްމަންޓަށްވެސް ދަނީ ކެނޑިނޭޅި ކުރިމަތިވަމުންނެވެ. ނަމަވެސް ފެނަކައިން ދަނީ އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.

އެގޮތުން އެ ކުންފުންޏަށް ގެއްލުންވާ ގޮތަށް ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) ގެ އަލްފާ އެނާޖީ ސޮލިއުޝަންސް އެފްޒެޑް-އެލްއެލްސީއާ ގުޅިގެން 66 މިލިއަން ރުފިޔާއަށް ކޭބަލްތަކެއް ގަތް ހަބަރެއްވެސް ވާނީ މި ނޫހުން ގެނެސްދީފަ އެވެ.

"އަދަދު" އަށް ލިބުނު ލިޔެކިޔުމުން އެނގޭ ގޮތުގައި މިދިޔަ މަހެއްހާ ދުވަސް ތެރޭގައި ކޭބަލްތަކެއް ގަތުމަށް އަލްފާއަށް ޖުމްލަ 18 ޕާޗޭސް އޯޑަރު ހެދި އެވެ. އެ ޕާޗޭސް އޯޑަރުތަކުން އެނގޭ ގޮތުގައި ކޭބަލްތައް ގަތީ އެކި ރަށްރަށަށް ބޭނުންވާ ކަމަށް ބުނެ އެވެ. ނަމަވެސް މި ނޫހާ ވާހަކަ ދެއްކި އޮފިޝަލުން ބުނީ ކޭބަލްތައް ގަތީ މާކެޓު ރޭޓަށްވުރެ މާ ބޮޑު އަގެއްގަ އެވެ.

ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު އާއި އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު އައިޝަތު އައިމަން އަދި ޑިރެކްޓާ އަބްދުލް ވާހިދު މުހައްމަދު އެޕްރޫވް ކޮށްފައިވާ ޕާޗޭސް އޯޑަރުތަކުގެ ޖުމްލަ އަގު ހިސާބު ކޮށްލުމުން 65.7 މިލިއަން ރުފިޔާއަށް އަރަ އެވެ.