22 ސެޕްޓެންބަރު 2024 - 12:37 0
ލީވާން އަލީ ނާސިރު
ރާއްޖެއަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައިގައި ހިމެނޭ ތިން މީހުން: ފުލުހުން ވަނީ އެ ތިން މީހުންނަށް ދައުވާ ކުރަން ޕީޖީއަށް ހުށަހަޅާފައި -- ފޮޓޯ: ފުލުހުން
22 ސެޕްޓެންބަރު 2024 - 12:37 0
ރާއްޖެއަށް ޖުލައި 24، ގައި 2.12 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައިގައި ތިން މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިދިޔަ ހަފްތާގައި ފޮނުވައިފި އެވެ.
ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓަކުން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މައްސަލައިގައި ދައުވާ އުފުލީ ޕާކިސްތާން، މުހައްމަދު ހާރޫން، 49 އާއި ވ. ސިނަމާލެ 4 3-03, ޝާހިލް މުހައްމަދު، 40 އަދި ހދ. ކުމުންދޫ، ނަރުގިސްވިލާ، އަހުމަދު އައްފާނު، 25 އަށް ކަމަށެވެ.
އަބޫދާބީ މަގުން ރާއްޖެ އައި މުހައްމަދު ހާރޫން ހައްޔަރުކޮށް، އެކަމުގައި ޝާމިލުވާ ޝާހިލް މުހައްމަދު އަދި އަހުމަދު އައްފާނު ހައްޔަރު ކުރީ ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގަ އެވެ.
ރާއްޖެއަށް އެތެރެ ކުރަން އުޅުނު ދެ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުން -- ފޮޓޯ: ފުލުހުން
އެ މަސްތުވާތަކެތި ތަހުލީލުގެ ފުރަތަމަ މަރުހަލާގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެތަކެތީގެ މަގުމަތީ އަގު 2،420،000ރ. އަރާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މައްސަލައާ ގުޅޭ އިތުރު މީހުން ތިބިކަމަށް ތަހުގީގަށް އެނގިފައިވާކަން ފުލުހުން ކުރިން ބުނި ނަމަވެސް، އެ މީހުން އަތުލައިގަނެ ދައުވާ ކޮށްފައެއް ނުވެ އެވެ.
Comment