Advertisement

ސަރުބީ ގިނަ ކާނާ ކެއުމުން އެންޒައިޓީގެ މައްސަލަ އިތުރަށް ގޯސްވޭ

22 ސެޕްޓެންބަރު 2024 - 06:14 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ަަސަރުބީގެ ބާވަތްތައް ކެއުމުގައި ހިމަނާ ނަމަ ހިމަނަންވީ މިފަދަ ފައިދާ ހުރި ބާވަތްތައް


ސަރުބީ ގިނަ ކާނާ ކެއުމުން އެންޒައިޓީގެ މައްސަލަ އިތުރަށް ގޯސްވޭ

22 ސެޕްޓެންބަރު 2024 - 06:14 0

ހާސްކަން ބޮޑުވުމާ އެކު ކޮންމެެވެސް ތައްޔާރީ ކާނާއެއް ހޯދަން އުޅެވުމަކީ ގިނަ ބައެއްގެ އާދައެކެވެ. މީރު އެއްޗެއް ކައިލުމަކީ ލުޔެއް ލިބޭނެ ކަމެއް ކަމަށް ބަލައިގެންނެވެ. އެހެން ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކަނީ އެގޮތަށް އެކަން ނުވާނެ ކަމަށެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ކޮލެރާޑޯ ބޯލްޑާ އިން ކުރި ދިރާސާއަކުން ދެއްކީ އެގޮތަށް ކަންތައް ކޮށްފި ނަމަ މައްސަލަ އިތުރަށް ބޮޑުވާނެ ކަމަށެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި ގިނައިން ސަރުބީ އެކުލެވޭ ކާނާ، ޖަނަވާރަށް ކާންދިނުމުން, ހަޖަމު ކުރުމުގެ ނިޒާމުގައި ދާއިމީކޮށް ހުންނަ ބެކްޓީރިއާތަކުގެ މަސައްކަތަށް ބުރޫ އަރަ އެވެ. އަދި ހަޖަމުކުރުމުގެ ނިޒާމާއި ސިކުނޑީއާ ދެމެދު ގުޅިފައިވާ ގުޅުމުގެ ތެރެއިން، ސިކުނޑިއަށް އެކަމުގެ އަސަރުކޮށް، ސިކުނޑީގެ ކެމިކަލްތަކަށް އޭގެ ނުފޫޒު ފޯރާ ކަން ވެސް އެ ދިރާސާއިން އެނގުނެވެ.

"އެންމެނަށް ވެސް އެނގޭ މިއީ ސިއްހަތަށް ރަނގަޅު ކާނާ ނޫންކަން، އެކަމަކު އެކަމަކު މި ބާވަތުގެ ކާނާއާ މެދު އަހަރެެމެންނަށް ބެލެނީ ހަމަ އެކަނި ކުޑަކޮށް ބަރުދަން އިތުރުވާ ކަމެއްގެ ގޮތުގައި،" ކްރިސްޓޮފާ ލައުރީ ވިދާޅުވި ކަމަށް ސައިންސް ޑެއިލީގެ ރިޕޯޓެއްގައި ބުންޏެވެ.

އޭނާއަކީ ކޮލެރާޑޯ ބޯލްޑާ ޔުނިވާސިޓީ ގައި އިންޓަގްރޭޓިވް ސައިކޮލޮޖީގެ ދާއިރާއިން ކިޔަވައިދެއްވާ ޕްރޮފެސަރެކެވެ.

ޕްރޮފެސަރް ލައުރީ ވިދާޅުވާ ގޮތުގައި ސަރުބީ ގިނަ ކާނާއަކީ އެންޒައިޓީގެ މައްސަލަ އިތުރަށް ގޯސްކުރާ ބާވަތްތަކެއް ކަން މީހުންނަށް ވިސްނިއްޖެ ނަމަ އެފަދަ ސަރުބީ ގިނަ ކާނާއާާ ދޭތެރޭ މިހާރަށް ވުރެ ބޮޑަށް ވިސްނާނެ އެވެ.

އެެ ދިރާސާ ކުރުމަށް ޓަކައި ލައުރީގެ ޓީމުން ކުރި ކަމަކީ ޅަ މީދާތަކެއް ދެ ގްރޫޕަކަށް ބަހާލައި، 11 ޕަސެންޓް ސަރުބީ އެކުލެވޭ ކާނާ އެއް ގްރޫޕަށް، ނުވަ ހަފުތާ ވަންދެން ކާންދިނުމެވެ. އަނެއް ގްރޫޕަށް ކާންދިނީ 45 ޕަސެންޓް ސަރުބީ އެކުލެވޭ ކާނާ އެވެ. އެގޮތުން ދިނީ ޖަނަވާރުގެ ބާވަތްތަކުން ނަގާފައިވާ (ސެޖުރޭޓެޑް ފެޓް ނަމަކަށް ކިޔާ) ބާވަތުގެ ސަރުބީ އެވެ.

ދިރާސާގެ ތެރޭގައި އެ މީދާތަކުގެ ނަޖިސް ތަހުލީލުކޮށް، ނަޖިހުގައި އެކުލެވޭ މައިކްރޮބަޔޯމް ނުވަތަ ބެކްޓީރިއާ އެކުލެވިފައި ހުރި ގޮތް ލަވްރީގެ ޓީމުން ބެލި އެވެ. އަދި ހަމަ އެ ނުވަ ހަފުތާގެ ތެރޭގައި މީދާތަކުގެ އުޅުމަށް އަންނަ ބަދަލުތައް ވެސް ބެލި އެވެ.

އެ ތަހުލީލުތަކުން އެނގުނީ ގިނައިން ސަރުބީ އެކުލެވޭ ކާނާ ކާންދިން މީދާތަކުގެ ހަޖަމުކުރުމުގެ ނިޒާމުގައި އެކުލެވެނު ބެކްޓީރިއާގެ ބާވަތްތައް މަދެވެ. ލަވްރީ ސައިންސް ޑެއިލީއަށް ވިދާޅުވެފައިވާ ގޮތުގައި ހަޖަމުކުރުމުގެ ނިޒާމުގައި އެކުލެވިފައިވާ ބެކްޓީރިއާގެ ބާވަތްތައް ގިނަވުމަކީ ސިއްހަތު ރަނގަޅުވުމަށް މުހިންމު ކަމެކެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ސަރުބީ ގިނަ ކާނާ ކޭ މީދާތަކުގެ ހަޖަމުކުރުމުގެ ނިޒާމުގައި ގިނައިން ހުރީ ފާމިކިއުޓްސް ނަމަކަށް ކިޔާ ބާވަތުގެ ބެކްޓީރިއާ އެވެ. އަދި ބެކްޓިރޮއިޑެޓްސް ނަމަކަށް ކިޔާ ބާވަތުގެ ބެކްޓީރިއާ ހުރީ މަދުންނެވެ.

ބެކްޓީރިއާގެ ރޭޓިއޯ މިގޮތަށް ހުންނަނީ ފަލަބައްޔަށް މަގުފަހިވާ އިންޑަސްޓްރިއަލް ކާނާ ކާ މީހުންގެ އެވެ.

ގިނައިން ސަރުބީ އެކުލެވޭ ކާނާ ކާންދިން މީދާތަކުގެ ސިކުނޑީގައި، ސްޓްރެސްއާއި އެންޒައިޓީއަށް މަގުފަހިވާ ޖީންތައް ގިނަވެފައި ހުރިިކަން ވެސް އެ ތަހުލީލުތަކުން އެނގުނެވެ.

ލަވްރީ ލަފާކުރައްވާ ގޮތުގައި މިގޮތަށް ކަންތައް ހިނގަނީ ހަޖަމުކުރުމުގެ ނިޒާމުގައިވާ ބެކްޓީރިއާގެ އާބާދިއަށް ބަދަލު އައުމުން، އެ ނިޒާމު ގަޑުބަޑުވެ، ހަށިގަނޑުގެ އެހެން ތަންތަނަށް ބެކްޓީރިއާ ފެތުރި އެކަމުން ސިކުނޑިއަށް އަސަރުކޮށްގެންނެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ބާވަތެއްގެ ސަރުބީ އަކީ ގެއްލުން ހުރި ބާވަތްތަކެއް ނޫނެވެ. ކަނޑުމަހާއި މަދުގެ ބާވަތްތަކުގައި އެކުލެވޭ ސަރުބީ އަކީ ހަމަ ފައިދާ ހުރި ބާވަތްތަކެވެ. އޭނާގެ ނަސޭހަތަކީ އެނޫން ބާވަތްތަކުގެ ސަރުބީ މަދުކޮށް، ފާމެންޓެޑް ކާނާ ފަދަ ބާވަތްތަކާ އެކު ހަޖަމުކުރުމުގެ ނިޒާމުގެ ސިއްހަތު ރަނގަޅުވާ ގޮތަށް ކެއުން ބައްޓަން ކުރުމެވެ.