Advertisement

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމު ކުރަން މަޝްވަރާކޮށްފި

ރައީސް މުއިއްޒު, އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޖައިޝަންކަރުއާ ސަލާމްކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމު ކުރަން މަޝްވަރާކޮށްފި

ކުރީ ސަރުކާރުގައި މަޑުޖެހިފައި އޮތް އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް ގާއިމުކުރުމުގެ ޕްލޭނާ ގުޅޭ ގޮތުން، މި ސަރުކާރާއެކު މަޝްވަރާތައް ފަށައިފި އެވެ.

އެކަން ދެ ގައުމުން އަދި ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.

އިތުބާރު ހުރި މަސްދަރަކުން "އަދަދު" ނޫހަށް މައުލޫމާތު ދިން ގޮތުގައި އައްޑޫގައި އިންޑިއާ ކޮންސިއުލޭޓު ގާއިމުކުރާތީވެ، އިންޑިއާގެ އިތުރު ސްޓޭޓެއްގައި ދިވެހި ކޮންސިއުލޭޓެއް ގާއިމުކުރުމުގެ ފުރުސަތު ދޭން އެ ގައުމުން އޮތީ ތައްޔާރަށެވެ.

އިންޑިއާގެ ކެޕިޓަލް ސިޓީ، ނިއު ދިއްލީގައި ދިވެހި ހައިކޮމިޝަން ހުންނައިރު، އެންމެ ގިނަ ދިވެހިން ދިރިއުޅޭ ޓްރިވެންޑްރަމްގައި ދިވެހި ކޮންސިއުލޭޓެއް ވެސް ހުރެ އެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން އެ ގައުމުގެ ކެބިނެޓުން ފާސްކުރީ 2021 ގަ އެވެ. ނަމަވެސް، ނިމިގެން ދިޔަ ސަރުކާރުން އެކަމަށް ހުއްދަ ނުދޭތީވެ، އެކަން އޮތީ މަޑުޖެހިފަ އެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރާ ދެކޮޅަށް އޭރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމް/ޕީއެންސީގެ ވެރިން އަޑުއުފުލި އެވެ. އަދި ސޭވް އައްޑޫގެ ނަމުގައި ކެމްޕޭނެއް ވެސް ކުރިއަށް ގެންދިޔަ އެވެ.

ކޮންސިއުލޭޓެއް ގާއިމުކުރުމާ ދެކޮޅަށް އޭޑު އަޑުފުލި ބައެއް ބޭފުޅުން، މި ސަރުކާރުގެ ކެބިނެޓުގައި އެބަ ތިއްބެވި އެވެ.

ރާއްޖެއިން އިންޑިއާ އަށް ދައްކަން އޮތް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ދެއްކުން އެއް އަހަރަށް ފަސްކޮށްދީފައި ވާއިރު، އެ މަޝްވަރާތަކަށް، ދަނޑު ހައްދަން ކަމަށް ބުނެ ޗައިނާގެ ކުންފުންޏަކަށް ދީފައި އޮތް އުތުރުތިލަފަޅުގެ މައްސަލަ އިންޑިއާ ސަރުކާރުން ގެނައިކަން އަދަދު ނޫހަށް ވަނީ އެނގިފަ އެވެ.

ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގައި އަދި ވެރިކަމުގެ އެންމެ ކުރީކޮޅުގައި އިންޑިއާ ދެކޮޅު ޝުއޫރުތައް ފާޅުކުރެއްވި ނަމަވެސް، އެ މަނިކުފާނުގެ ރާގު ބަދަލުވެ، އިންޑިއާ އޮތް ގުޅުން ދަނީ ބަދަހި ކުރަމުންނެވެ. އެގޮތުން ރަސްމީ ދަތުރެއްގައި އިންޑިއާ އަށް ވަޑައިގަތުމަށް ވެސް އެ މަނިކުފާނު ވަނީ ނިންމަވައިފަ އެވެ.

އިންޑިއާ އަށް ކުޑައިމީސްކޮށް ރައީސް މުއިއްޒު ބަސްތައް ރައްދުކުރިއިރު، އިންޑިއާއިން އެކަމަށް ރައްދެއް ނުދެ އެވެ.