Advertisement

ދަގަނޑޭ ކަކުލުގެ އޮޕަރޭޝަނެއްކޮށްފި

21 ސެޕްޓެންބަރު 2024 - 07:13 0


ދަގަނޑޭ ކަކުލުގެ އޮޕަރޭޝަނެއްކޮށްފި

21 ސެޕްޓެންބަރު 2024 - 07:13 0

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަަލީ އަޝްފާގު (ދަގަނޑޭ)، ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.

މިއީ، ފަސް ވަރަކަށް އަހަރު ދުވަހު ކަކުލުގެ އަނިޔާއަކާ އެކުގައި ކުޅެމުން އައުމަށް ފަހު ދަގަނޑޭ ކުރި އޮޕަރޭޝަނެކެވެ. ދަގަނޑޭ، 39، އޮޕަރޭޝަން ކޮށްފައިވަނީ، އިންޑިއާގަ އެވެ.

އަނިޔާއަކާ އެކު ވެސް ދަގަނޑޭ ކުޅެމުން އައި އެންމެ ބޮޑު ސަބަބަކީ އޮޕަރޭޝަނެއް ކުރުމަށް ފަހު، ދެން އެނބުރި ކުޅުމަށް ނުކުމެވިދާނެތޯ އުފެދިފައިވާ ސުވާލާ ހެދި އެވެ. އޮޕަރޭޝަން ކުރުމުގެ ކުރިން، ދިން މީޑިއާ އިންޓަވިއުއެއްގައި ދަގަނޑޭ ބުނެފައިވަނީ، ފޯކަސް ހުރީ ފުރަތަމަ މި އަނިޔާއިން އަރައިގަތުމަށް ކަމަށެވެ.

ދަގަނޑޭގެ ކަކުލަށް އެންމެ ފަަހުން އަނިޔާވީ، މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގައި ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ދަގަނޑޭ، އޮޕަރޭޝަން ކުރުމަށް ފަހު.--- ފޮޓޯ: މައިލޯ ސިޓީ ސްޕޯޓްސް ކްލަބް / ފޭސްބުކް


އެ ގޮތުން، ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި، އީގަލްސްގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް)އާ އެކު އެއް ފަހަރައި އެރި ބޯޅައެއްގައި ދަގަނޑޭ ކަކުލަށް އަނިޔާވެގެން، ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ދަގަނޑޭ ބޭލީ އަށިގަނޑުގަ އެވެެ.

ގައުމީ ފުޓްބޯޅަ ޓީމަށް 98 މެޗުން 58 ގޯލު ޖަހާފައިވާ ދަގަނޑޭ އަށް މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ގެއްލުނީ ވެސް އަނިޔާގެ މައްސަލަތަކާ ހުރެ އެވެ.

ސާފް ޗެމްޕިއަންޝިޕް، 2021 ވަަނަ އަހަރު ރާއްޖޭގައި ބޭއްވިއިރު ވެސް ދަގަނޑޭ ކުޅެފައިވަނީ، އެއްކޮށް ފިޓްކޮށް ހުރެއެއް ނޫނެވެ. ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދިއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދަގަނޑޭ އަކީ ލަނޑު ޖެހުމާ ގުޅޭ ބައެއް ކަންކަމުގައި އިންޑިވިޖުއަލް ރެކޯޑަށް ބަލާއިރު، ދުނިޔޭގެ ލެވަލްގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.