Advertisement

ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް އިތުރު ދައުރަކަށް އިންތިހާބުވެއްޖެ

20 ސެޕްޓެންބަރު 2024 - 19:08 0

މިއަދު ބޭއްވި އިންތިހާބުގައި ފައިސަލް ވޯޓުލަނީ: ކްރިކެޓް ބޯޑު ރައީސްގެ މަގާމުގައި ދެ ވަނަ ދައުރެއް ފައިސަލް ފުރިހަމަކުރައްވާއިރު، އޭނާ ވަނީ 2030 ވަނަ އަހަރާ ހަމައަށްދާއިރު ކްރިކެޓް ޑިވެލޮޕްކުރާނެ ޕްލޭނެއް ހަދައިފައި.---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް


ކްރިކެޓް ބޯޑުގެ ރައީސް ފައިސަލް އިތުރު ދައުރަކަށް އިންތިހާބުވެއްޖެ

20 ސެޕްޓެންބަރު 2024 - 19:08 0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް، މުހައްމަދު ފައިސަލް، އިތުރު ދައުރަކަށް މިއަދު ވަނީ އިންތިހާބުވެވަޑައިގެންފި އެވެ.

ފައިސަލް، އެންމެ ފުރަތަމަ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، ކްރިކެޓް ބޯޑުގެ ރައީސްކަމަށް އިންތިހާބުވީ ގިނިކަންޏާ ވާދަކުރައްވަ އެވެ. އެކަމަކު، މިއަދު ޝީ ބިލްޑިންގައި ބޭއްވި ކްރިކެޓް ބޯޑުގެ އިންތިހާބުގައި ފައިސަލް، އިތުރު ދައުރެއް ކާމިޔާބު ކުރެއްވީ، ކްރިކެޓްގެ އިސް ހިދުމަތްތެރިއެއް ކަމަށްވާ ފަރުހަތު ޖަލީލްއާ ވާދަކުރައްވައިގެންނެވެ.

އެ ގޮތުން، އިންތިހާބުގައި 17 ފަރާތަކުން ވޯޓު ލާފައިވެ އެވެ. އެއީ، 16 ކްލަބެއްގެ އިތުރުން، ސްކޫލް ތަމްސީލްކުރާ ފަރާތެއްގެ ގޮތުގައި، ދަރުމަވަންތަ ސްކޫލް އެވެ. އެ ގޮތުން، ފައިސަލް އަށް ވަނީ 10 ވޯޓު ލިބިފަ އެވެ. އަދި ފަރުހަތަށް ލިބިފައިވަނީ، ހަތް ވޯޓެވެ.

ކުރިން ކްރިކެޓާއި ވޮލީބޯޅަ ވެސް ކުޅުއްވި، ފައިސަލް، ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވި އެވެ. އެ ގޮތުން، ކްރިކެޓް ބޯޑުގެ ޖެނެރަލް ސެކްރެޓަރީކަން 2011 ވަނަ އަހަރު ކުރެއްވި ފައިސަލް ނައިބް ރައީސަކަށް ހުންނެވީ 2012 އިން 2016 އަށެވެ. ފޮރިން މިނިސްޓްރީގައި އިސް މަގާމުތަކުގެ ޒިންމާ އަދާ ކުރައްވަމުން ވެސް ރާއްޖެ އަށް ކުޅިވަރުގެ ކަންކަމުގައި ފުރުސަތު ހޯދައިދޭން، ފައިސަލް ވަނީ މަސައްކަތް ކުރައްވައިފަ އެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން އޭޝިއާ ސަރަހައްދުގެ ނޮން-އެލިޖިބަލް (ނޮން ވޯޓިން) ގައުމުުތައް ތަމްސީލްކުރާނެ މެމްބަރަކަށް ހުންނެވި ފައިސަލް ވަނީ، މިދިޔަ މެއި މަހު އެ މަގާމުގައި ވެސް އިތުރު ދައުރެއް ކާމިޔާބު ކުރައްވައިފަ އެވެ.

މިއަދުގެ އިންތިހާބުގައި ކްރިކެޓްގެ ނައިބު ރައީސަކަށް ހޮވުނީ، އަހުމަދު އިޝްއާގު އެވެ. އޭނާ އަށް 10 ވޯޓު ލިބުނެވެ. ދެން، އެ މަގާމަށް ވާދަކުރި، އަހުމަދު އާމިރަށް ލިބުނީ ހަތް ވޯޓެވެ.

ފުލް މެމްބަރުންގެ ގޮތުގައި އިންތިހާބުވީ، 17 ވޯޓު ލިބުނު، އިސްމާއިލް ނަޝްވާން ނާސިރުގެ އިތުރުން، 10 ވޯޓު ހޯދި، އަބްދުﷲ ސައުދާން އިބްރާހިމް، އަހުމަދު އައްސަދު ވަހީދު އަދި މިދިޔަ ދައުުރުގެ ނައިބު ރައީސް، އަހުމަދު ހުސެއިން (ކުޑަދޮނާ) އެވެ. އެސޯސިއޭޓް މެމްބަރުންގެ ގޮތުގައި ހޮވުނީ، ނުވަ ވޯޓު ހޯދި އަލީ ތޯލިބާއި އިބްރާހިމް މޫސާ އެވެ.

މީގެ އިތުރުން، ފަރުދީ މެމްބަރެއްގެ ގޮތުގައި ކުރިމަތިލި، އަހުމަދު ކަލީމް، ހޮވުމާ މެދު ނެގި ފެންނަ ނުފެންނަ ވޯޓުގައި އޭނާ އަށް ނުވަ ވޯޓު ލިބުނުއިރު، ފަސް ވޯޓު ދެކޮޅަށް އަދި ތިން ވޯޓު ވަނީ ބާތިލްވެފަ އެވެ.