Advertisement

އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރުދީގެނެ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

މި މައްސަލާގައި ފުލުހުން ހައްޔަރުކުރި ދެ މީހުން --- ފޮޓޯ: ފުލުހުން


އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރުދީގެނެ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާތަކެއް ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި ދެމީހުން ފައިސާ ފޭރުނީ ރޭ ރަސްފަންނު ސަރަހައްދުގައި ތިބި ބިދޭސީންތަކެއްގެ އަތުން ކަމަށެވެ. އެގޮތުން ހައްޔަރުކުރި ދެ މީހުން ވަނީ ބިދޭސީންތަކަކަށް ވަޅިން ބިރުދައްކާ ފައިސާ ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެފައި ކަމަށްވެ އެވެ.

އެ ދެ މީހުން ފޭރިގަތީ ބިދޭސީ ދެ މީހެއްގެ ވޮލެޓުގައި ހުރި ފައިސާ އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ ސ. ހިތަދޫ، އަތިރީގެ، އަހުމަދު ސިވާތު، 37، އަދި ސ. ހިތަދޫ، ޑިލައިޓް ފޭސް، މުހައްމަދު ސާލިމް، 37 އެވެ. ފުލުހުން ބުނި ގޮތުގައި މި ދެ މީހުން ފޭރުނު ފައިސާ މިހާރު ވަނީ ހޯދާފަ އެވެ.

އެ ދެމީހުން އަދިވެސް ފުލުހުންގެ ހައްޔަރުގައި ތިބިއިރު މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ފަހަކަށް އައިސް މާލޭގައި ފޭރުމާއި ވައްކަމުގެ މައްސަލަތައް ވަނީ ގިނަވެފަ އެވެ. އެގޮތުން އިމިގްރޭޝަން އޮފިސަރުން ކަމަށް ބުނެ ބިދޭސީއެއްގެ އަތުން ފައިސާ ފޭރުނު މައްސަލައެއް ވެސް މިދިޔަ ހަފުތާ ފެންމަތިވި އެވެ. އެ މައްސަލާގައި އެކަކު ހައްޔަރުކުރި އެވެ.