Advertisement

ބަންކަރިން ހިދުމަތް ފެށީ އީޕީއޭގެ ލަފަޔާ ހިލާފަށް އީއައިއޭ ނުހަދާ

20 ސެޕްޓެންބަރު 2024 - 22:06 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ބަންކަރިން ހިދުމަތް ފެށުމަށް އިއްޔެ ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ


ބަންކަރިން ހިދުމަތް ފެށީ އީޕީއޭގެ ލަފަޔާ ހިލާފަށް އީއައިއޭ ނުހަދާ

20 ސެޕްޓެންބަރު 2024 - 22:06 0

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ހިދުމަތް ދޭން އިއްޔެ ފެށީ، އެންވަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދިން ލަފަޔާ ހިލާފަށް އެކަމަށް ބޭނުންވާ އެންވަރަމަންޓު އިމްޕެކްޓު އެސެސްމަންޓު (އީއައިއޭ) ނުހަދާކަން އެނގިއްޖެ އެވެ.

ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އީއައިއޭ ހެދުމަކީ ގާނޫނުގެ ދަށުން ލާޒިމުކޮށްފައި އޮންނަ ކަމެކެވެ. އެކަމަށް ބާރުދެނީ ތިމާވެށީގެ ގާނޫނުގެ ދަށުން 2012 ގައި ހެދި "ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭހޭ ގަވާއިދު" އިންނެވެ. މި ގަވާއިދުގެ ދަށުން އީއައިއޭ ނުހަދާ މަޝްރޫއުތައް ފަށާ ފަރާތްތައް ޖޫރިމަނާ ވެސް ކުރެ އެވެ.

އެ ގަވާއިދުގެ ޖަދުވަލު ރ. ގައިވާ ގޮތުން ތެލާއި ގޭސް ބެހެއްޓުމާއި ގެންގުޅުމާއި އަދި ތެޔޮ ސާފުކުރުމާ ބެހޭ މަސައްކަތް ހިންގާ ތަންތަން ހެދުމުގެ ކުރިން އީއައިއޭ ހަދަން ޖެހޭނެ އެވެ.

އެކަމުގެ މައުލޫމާތު އެނގޭ އިތުބާރުހުރި މަސްދަރަކުން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި މި ގަވާއިދުގެ ދަށުން ބަންކަރިންގެ ހިދުމަތް ފެށުމުގެ ކުރިން އީއައިއޭ ހެދުމަށް އީޕީއޭއިން ލިޔުމުން އެންގި އެވެ. އީޕީއޭއިން ލިޔުން ފޮނުވީ ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ އަށެވެ.

މިކަމާ ގުޅޭ ގޮތުން ރަސްމީ ބަހެއް ހޯދުމަށް އީޕީއޭގެ އިސް ފަރާތްތަކަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. ނަމަވެސް މި މަޝްރޫއަށް ހެދި އީއައިއޭއެއް އީޕީއޭއިން އާންމުކޮށްފައެއް ނުވެ އެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންކަރިންނަށް އީއައިއޭ ނުހަދާ މައްސަލާގައި ނޫސްވެރިޔަކު ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. ތޯރިގު އިބްރާހިމް އާ ސުވާލުކޮށްފަ އެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އިއްޔެ ފެށުނީ އޮފްޝޯ ބަންކަރިން ނުވަތަ ބޯޓުން ބޯޓަށް ތެޔޮ އެޅުމުގެ މަސައްކަތް ކަމަށެވެ. އެހެންކަމުން މިވަގުތަށް އީއައޭ ހަދަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ މޭރުމަކުން މިނިސްޓަރު ވަނީ ޖަވާބު ދެއްވާފަ އެވެ.

"އެހެން ނަމަވެސް، ކުރިއަށް އޮތްތަނުގަ އެ ކުންފުނިތަކުން ރާވަމުން އެބަގެންދޭ ބަންކަރިން ފެސިލިޓީޒް ރާއްޖޭގަ ރަށްރަށުގަ ނޫނިއްޔާ ހިއްކާ ތަނެއްގަ. އެތަނެއްގަ ތެޔޮ ރައްކާކޮށް، ބޯޓުފަހަރު އައިސް ޕަމްޕުކޮށް އިންފްރާސްޓަކްޗާ ފެސިލިޓީޒްތަކެއް ހަދަން. އެކަންތައްތަކަށް ވާންޖެހޭ ތައްޔާރީތައްވެ އީއައިއޭ ހަދައިގެން ކުރިއަށްދާނީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މި ނޫހާ ވާހަކަ ދެއްކި އޮފިޝަލުން މައުލޫމާތު ދިން ގޮތުގައި ބޯޓުން ބޯޓަށް ތެޔޮ އެޅުމުގެ ހިދުމަތް ފެށުމުގެ ކުރިން އީއައިއޭ ހެދުމަށް ވެސް އީޕީއޭއިން ވަނީ އަންގާފަ އެވެ. އީއައިއޭ ނުހެދުމުގެ ސަބަބުން ކުންފުންޏެއް ޖޫރިމަނާ ކުރާނެކަން ސާފެއްނުވެ އެވެ.

ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ދޭން ފެށީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތް ދެމުންދާ ވިޓޯލް އާއި އެސްޓީއޯ އާ ގުޅިގެންނެވެ. ސަރުކާރާއެކު ހެދި އެއްބަސްވުމުގެ ދަށުން ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރިން ހަބު އިޝްތިހާރުކުރުމަކީ ވިޓޯލްއިން ކުރާނެ މަސައްކަތްތަކެވެ.

ބަންކަރިންގެ ހިދުމަތް ފެށީ އީއައިއޭގެ އިތުރުން ވެސް ކޮންމެހެން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށެވެ. އޭގެ ތެރޭގައި ހިމެނެނީ އެސްޓީއޯގެ ނިމުނު އަހަރުގެ އަހަރީ ރިޕޯޓަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ދެއްވި މެސެޖުގައި ބަންކަރިން ހިދުމަތް ފެށުމުގެ ކުރިން ސަރުކާރުގެ އިދާރާތަކާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެވެ.

އެގޮތުން، އިހަވަންދިއްޕޮޅު އަތޮޅުގެ މެރިން ޗާޓު އަދާހަމަ ކުރުމާއި، ފަޔާ އެންޑް ރެސްޕޮންސް ޕްލޭނެއް އެކުލަވާލުމާއި، ބަންކަރިންއާ ގުޅޭ އައިއެމްއޯ މުއާހަދާތަކެއް ތަސްދީގުކުރުން ޝިމާދު ފާހަގަކުރި ނަމަވެސް އޭގެ ތެރެއިން އެއްވެސް ކަމެއް އިއްޔެއާ ހަމައަށް ފުރިހަމަކޮށްފައެއް ނުވެ އެވެ. އެކަމުގެ ތަފުސީލު މި ނޫހުން ވާނީ ގެނެސްދީފަ އެވެ.