Advertisement

ފެކްޓު ޗެކް: މެދުފަޅު އޮންނަނީ މިޔަރުކަނޑާ އިންވެގެން ނޫން

25 ސެޕްޓެންބަރު 2024 - 11:07 1

މެދު ފަޅާއި މިޔަރު ކަނޑު ފާހަގަކޮށްފައިވާ މެޕެއް: މިޔަރު ކަނޑު އޮންނަނީ މެދު ފަޅާ ތިން ކިލޯމީޓަރަށް ވުރެ ދުރުގައި -- ގްރެފިކްސް: އިސްމާއިލް އިމްދާދު/ގޫގުލް އާތު


ފެކްޓު ޗެކް: މެދުފަޅު އޮންނަނީ މިޔަރުކަނޑާ އިންވެގެން ނޫން

25 ސެޕްޓެންބަރު 2024 - 11:07 1

ކާނި ހޮޓެލްސްއަށް ވ. ބޮޑުފިނޮޅުގެ ބަދަލުގައި ދީފައިވާ ވ. މެދުފަޅުގެ (މެދުފަރު) މައްސަލައިގައި ވ. އަތޮޅު ކައުންސިލުން ކަންބޮޑުވާ ކަންކަން ފާހަގަކޮށް މިދިޔަ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވެ އެވެ. މި ސިޓީ އެ އަތޮޅު ކައުންސިލުގެ ރައީސް އަލީ ސުޖާއު ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައިވެ އެވެ.

އެ ސިޓީގައި ފާހަގަކޮށްފައި ވަނީ މައިގަނޑު ދެ ކަމަކެވެ. އެއީ ވ. އަތޮޅު ކައުންސިލުގެ އިހުތިސޯސުގެ ތެރޭގައި އޮތް ތަނެއް ކައުންސިލުގެ މަޝްވަރާއެއް ނެތި ދޫކުރުމާއި އެ ފަޅުގެ ހިއްކާ ސަރަހައްދަކީ ހިމާޔަތަކޮށްފައިވާ މިޔަރު ކަނޑާ އިންވެގެން އޮންނަ ސަރަހައްދަކަށް ވުމެވެ.

ކައުންސިލުން މި ކަންބޮޑުވުން ފާޅުކުރި ނަމަވެސް މެދުފަޅަކީ މިޔަރު ކަނޑާ އިންވެގެން އޮންނަ ސަރަހައްދެއް ނޫނެނެވެ. "އަދަދު" އިން ގޫގުލް އާތު ބޭނުންކޮށްގެން މެދުފަޅާއި މިޔަރު ކަނޑާ ދެމެދު އޮންނަ ރާސްތާ ހިސާބުކުރިއިރު، އެ ދެމެދުގައި 3.4 ކިލޯމީޓަރު އޮވެ އެވެ.

މެދުފަޅާއި އިންވެގެން އުތުރަށް އޮންނަނީ ކަހަނބު ތިލަ ފަޅެވެ. އަދި ހުޅަނގަށް އޮންނަނީ ބޮލިކޭ ފަރެވެ. މި ދެ ތަނަކީ ވެސް ހިމާޔަތްކޮށްފައި އޮތް ސަރަހައްދުތަކެއް ނޫނެވެ. ހިމާޔަތްކޮށްފައި އޮތް މިޔަރު ކަނޑު އޮންނަކީ ބޮލިކޭ ފަރާއި ޖެހިގެން އޮންނަ އަލިމަތާ ރިސޯޓުގެ ހުޅަނގުންނެވެ. މިހެން ކަމުން މިޔަރު ކަނޑަކީ މެދުފަޅާއި އިންވެގެން އޮންނަ ތަނެކޭ ބުނެވޭނެ ތަނެއް ނޫނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ގަވާއިދުތައް ހެދިފައި އޮތް ގޮތުން، ރިސޯޓު ހެދުމަށާއި ދަނޑުވެރިކަން ފަދަ ސިނާއީ ބޭނުންތަކަށް ދޫކޮށްފައިވާ ފަޅުތަކުން ހިއްކެނީ ފަޅުގެ 30 ޕަސެންޓެވެ. ބިން ހިއްކާއިރު، ވެލި ނެގޭ ސަރަހައްދުތައް ވެސް އޮންނަނީ އެ ގަވާއިދުގެ ދަށުން ކަނޑައަޅައިފަ އެވެ.

އެގޮތުން މިގޮތަށް ބިން ހިއްކާއިރު ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި "ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތައް" ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ވެލި ނެގޭނީ 200 މީޓަރު ދުރުންނެވެ. މިހެން ނަމަވެސް މިދިޔަ އޭޕްރިލްގައި ގަވާއިދަށް ގެނައި އިސްލާހެއްގެ ދަށުން ވަޒީރުންގެ މަޖިލީހުގެ ހުއްދައެއްގެ ދަށުން މި ސަރަހައްދުތަކުން ވެސް ވެލި ނެގޭ ގޮތަށް ވަނީ ގަވާއިދު ބަދަލުކޮށްފަ އެވެ.