Advertisement

ތަރިކައާ ބެހޭ ވުޒާރާގެ އެކްޓިން ޕީއެސްއާ ދެކޮޅަށް ހުށައެޅި ޕެޓިޝަން ތަހުގީގު އެބަކުރަން: ސިވިލް ސާވިސް ކޮމިޝަން

19 ސެޕްޓެންބަރު 2024 - 16:54 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ސިވިލް ސާވިސް ކޮމިޝަނުގެ ބައްދަލުވުމެއްގެ ތެރެއިން. ޕެޓިޝަނުގެ މައްސަލަ ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ބުނޭ


ތަރިކައާ ބެހޭ ވުޒާރާގެ އެކްޓިން ޕީއެސްއާ ދެކޮޅަށް ހުށައެޅި ޕެޓިޝަން ތަހުގީގު އެބަކުރަން: ސިވިލް ސާވިސް ކޮމިޝަން

19 ސެޕްޓެންބަރު 2024 - 16:54 0

ދިވެހި ބަހާއި ސަގާފަތާއި ބެހޭ ވުޒާރާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަނަށް ހުށައެޅި ޕެޓިޝަން ބަލަމުންދާ ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.

ޕެޓިޝަންއާ ބެހޭގޮތުން "އަދަދު" ނޫހާއި ވާހަކަދައްކަވަމުން ރަޝީދު ވިދާޅުވީ އެ ކޮމިޝަނަށް އެފަދަ ޕެޓިޝަނެއް ހުށައަޅާފައިވާ ކަމަށާއި، ކޮމިޝަނުގެ ލީގަލް އެފެއާޒް ޑިވިޝަނުން އެ މައްސަލަ ބަލާ ކަމަށެވެ.

"ލީގަލް ޓީމުން އެ މައްސަލަ [ޕެޓިޝަން] ތަހުގީގު ކުރަމުން އެބަދޭ. ޕެޓިޝަން ހުށައެޅި ދުވަހުން ފެށިގެން ހަމަ މަސައްކަތް ފެށިގެން ދިޔަ" ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ޕެޓިޝަނުގައި ސޮއިކޮށްފައިވާ މުވައްޒަފުންނާ ސުވާލުކުރުމުގެ މަސައްކަތް ވެސް އެ ޓީމުން ކުރަމުންދާ ކަމަށެވެ.

އެ ޕެޓިޝަނުގައި ދިވެހި ބަހާއި ތަރިކައާ ބެހޭ މިނިސްޓަރީގެ މުވައްޒަފުން ޖުމުލަ 11 ޝަކުވާއެއް ފާހަގަކޮށްފައިވާއިރު، މައިގަނޑު ގޮތެއްގައި ހުރީ އެ މިނިސްޓަރީގެ އެކްޓިން ޕީއެސްގެ މަގާމުގައި ހުންނެވި، ޑިރެކްޓާ ޖެނެރަލް، އާތިކާ އިބްރާހީމްގެ މައްސަލަތަކެވެ.

ސިވިލް ސާވިސް ކޮމިޝަނަށް ހުށައެޅި ޕެޓިޝަނުގައި އޮތީ ފަރުވާތެރި މުވައްޒަފެއްގެ ނަން ކަމަށް ދިވެހި ބަހާއި ސަގާފަތާއި ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބުރާހިމް ވިދާޅުވެފައިވެ އެވެ.

އެ ޕެޓިޝަނުގައި ބުނެފައި ވަނީ އެ ވުޒާރާގެ މުވައްޒަފުންގެ ހައްގުތަކަށް ބެލުމެއް ނެތި ހަމަހަމަކަމުގެ އުސޫލުން ބޭރުން ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ބެލުމެއް ނެތި ގަނާ ކުރުމުގެ އުސޫލުން އެ ވަގުތަކު ބޭނުންވާ ފަރާތެއް ލައްވައި ބޭނުންވާ ކަމެއް އެ ވުޒާރާގެ ބައެއް ވެރީން ކުރަމުންދާ ކަމަށެވެ.

މުވައްޒަފުންނަށް އެންގުމަކާ ނުލައި ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި ހަމަޖެހިފައިވާ އުސޫލުތަކުގެ ބޭރުން ވަކި ފަރާތެއް އަންގައިގެން ކަމަށް ބުނެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމާއި ގަވާއިދާ ހިލާފަށް އަމަލު ކުރަން މުވައްޒަފުންނަށް މަޖުބޫރު ކުރާ ކަމަށް ވެސް ޕެޓިޝަނުގައި ތުހުމަތު ކޮށްފައިވެ އެވެ.