Advertisement

ހުލާސާކޮށް އިއްޔެ: މުވައްޒަފުން ވަކިކުރުން ކުށްވެރިކުރުން

މާލޭގެ އަމީނީ މަގު ތާރު އަޅައިގެން ހެދި ދުވަސްވަރު އެ މަގުގައި އާރުޑީސީގެ މުވައްޒަފުން މަސައްކަތް ކުރަނީ. އެ ކުންފުނީގެ ބައެއް މުވައްޒަފުން ވެސް ވަނީ ވަކިކޮށްފައި. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: މުވައްޒަފުން ވަކިކުރުން ކުށްވެރިކުރުން

ރައީސް ޑރ.މުހައްމަދު މުއިއްޒު ވަައުދުވެވަޑައިގެންފައިވާ ގޮތާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން އެމްޑީޕީން އިއްޔެ ކުށްވެރިކުރި އެވެ.

އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން އެތައް ސަތޭކަ މުވައްޒަފުން ވަކި ކުރުން ބަލައި ނުގަނެވޭނެ ކަމަށެވެ.

"އިންތިހާބުތައް ނިމުމާއެކު ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން ކޮންމެ ދުވަހަކު އެތައް ސަތޭކަ މުވައްޒަފުންނެއް ދަނީ ވަކިކުރަމުން،" އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުންކަމަށް ބުނެ ސަރުކާރުގެ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ކަނޑައި، ބޮޑެތި މުސާރަ ލިބޭ ސިޔާސީ މަގާމުތަކަށް ޕާޓީގެ މެންބަރުން އަދިވެސް އައްޔަނު ކުރަމުންދާ ކަމަށެވެ.

މިހާރު ގައުމަށް ދިމާވެގެން އުޅޭ ދަތިތަކަކީ ރައީސް މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު މެނޭޖްކުރަން ނޭނގުމުގެ ސަބަބުން ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ނޭގުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކެއް ކަމަށް ވެސް އެޕާޓީން ބުންޏެވެ.

"މިކަން މި ހިނގަނީ، ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް ނުވަތަ ރައީސް މުއިއްޒަށް ތާއީދުނުކުރާ މުވައްޒަފުން ވަކިކުރަން ފަށާނެކަމަށް ބުނެ، ޕީޕީއެމް/ޕީއެންސީ ކޯލިޝަން ޕާޓީއެއްގެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގައި އިންޒާރު ދީފައިވަނިކޮށް،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

މީގެ ކުރިން ރައީސް މުއިއްޒުގެ ސަރުކާރުން، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރަން ފެށިއިރު ވެސް އެމްޑީޕީން ކަށަވަރުކޮށްދިން ފަދައިން، މިހާރު ވެސް ނުހައްގުން ވަޒީފާތަކުން ވަކިކުރާ މުވައްޒަފުންގެ ހައްގުތައް ދިފާއުކުރުމަށް، ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިދިނުމުގެ މަސައްކަތް އެ ޕާޓީން ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ވަނީ އަރުވާފަ އެވެ.

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން ހުއްޓާލައި، ސަރުކާރުގެ ހަރަދުކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އެންމެ ފުރަތަމަ ސަރުކާރާ ހަމައިން ފަށަން، ބަޔާނުގައި އެމްޑީޕީން ގޮވައިލި އެވެ.

އެގޮތުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ 2,000 އަށްވުރެ ގިނަ މީހުންގެ ތެރެއިން، އެއްވެސް މަސައްކަތެއް ނެތި އައްޔަނުކޮށްފައި ތިބި މީހުން މަގާމުތަކުން ވަކިކޮށް، އެފަދަ މަގާމުތައް މަދުކުރުމާއެކު، ސަރުކާރުން ބޭކާރުގޮތުގައި ކުރަމުންދާ ހަރަދުތައް ހުއްޓައިލުމަށް ވެސް އެ ޕާޓީން ގޮވައި އެވެ.

މުހިއްމު ބައެއް ހަބަރު