Advertisement

ވ.އަތޮޅުގެ ދެ ފަޅެއް ދޫކުރަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ތުހުމަތުކޮށް، އެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި

18 ސެޕްޓެންބަރު 2024 - 18:27 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ، ވ.އަތޮޅުގެ ދެ ފަޅެއް ކުއްޔަށް ދޫކުރާ ގޮތުގެ މައްސަލަ ޝުޖާއު ވަނީ އޭސީސީއަށް ހުށަހަޅުއްވާފައި. ފޮޓޯ: ވ.އަތޮޅު ކައުންސިލް


ވ.އަތޮޅުގެ ދެ ފަޅެއް ދޫކުރަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ތުހުމަތުކޮށް، އެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި

18 ސެޕްޓެންބަރު 2024 - 18:27 0

ވ.އަތޮޅުގެ ދެ ފަޅެއް، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރަން ސަރުކާރުން އިއުލާނުކޮށްފައި އޮތީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ތުހުމަތުކުރައްވައި އެ އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއުއަލީ އެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފި އެވެ.

ޝުޖާއު އޭސީސީއަށް ހުށަހެޅުއްވި މައްސަލާގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ދެ ފަޅު ކުއްޔަށް ދޫކުރަން އިއުލާނު ކުރި އިރު އެ ފަޅުތަކުގެ ބޮޑުމިން ކަމަށް ބަލާފައި އޮތީ ގިރުމާއި ވޮޑުމުގެ ތެރެއިން އެކި މޫސުމުގައި އެކި ވަރަށް އޮންނަ ފިނޮޅެއް، އެއީ ހިކިފަސްތަނެއްގެ ގޮތުގައި ބަލައިގެންނެވެ.

އެގޮތަށް ބެލުމުން އެލްޑީ-1366 ކޯޑުގައިވާ ފަޅުގެ ބޮޑުމިނަކީ 0.62 ހެކްޓަރެވެ. އެއީ އެ ފަޅުގައި އޮތް ފިނޮޅުގައި ކޮންމެވެސް އެއް އިރެއްގައި ހުންނަ ބޮޑުމިނެނެވެ. އެހެން ނަމަވެސް އެއީ ފަޅެއްގެ ގޮތުގައި ކުއްޔަށް ދޭ ނަމަ އެ ފަޅުގެ ބޮޑުމިނަކީ 195 ހެކްޓަަރެވެ. އެ ފަޅާ މެދު ޝުޖާއު އޭސީސީއަށް ހުށަހެޅުއްވީ އެގޮތަށް ކަންތައް ކުރުމުން އެ ފަޅުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެން އޮތް ފުރިހަމަ އަދަދަށް ފައިސާ ނުލިބޭނެތީ އެ މައްސަލަ އެވެ.

ޓޫރިޒަމަށް ކުއްޔަށް ދޭން އިއުލާނުކޮށްފައިވާ ތަންތަނުގެ ތެރެއިން، އެތަނަކާ މެދު ވ.އަތޮޅު ކައުންސިލުން އޭސީސީއަށް މައްސަލަ ހުށަހެޅި ދެވަނަ ތަނަކީ ވ. ވެންފަރުފަޅެވެ. ފަޅެއްގެ ގޮތުގައި ބަލައިފި ނަމަ 158 ހެކްޓަރު ހަމަވާ އެ ފަޅު ވެސް ހިކިފަސްތަނެއްގެ ގޮތުގައި އިއުލާނު ކުރުމުން އެތަނުގެ ބޮޑުމިނަކީ އެންމެ 0.14 ހެކްޓަރެވެ.

އެ ފަޅު ދޫކުރާ ގޮތުގައި ވެސް އޮތް ގޯހަކީ ޝުޖާއު ވިދާޅުވެފައިވާ ގޮތުގައި އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެން އޮތް ފުރިހަމަ އަދަދަށް ފައިސާ ނުލިބޭނެ ކަމެވެ.

"މިކަމުގެ ސަބަބުން، ކުޑަ އަގެއްގައި ބޮޑު ފަޅެއް ވަކި ފަރާތަކަށް ހޯދައިދީ އެކަމުން ޖާއިޒްނޫން މަންފާ ހޯދުމަށް މަގު ފަހިވޭ،" ޝުޖާއު އޭސީސީއަށް ހުށަހެޅުއްވި މައްސަލައިގެ ކަރުދާހުގައި ވިދާޅުވި އެވެ.

އޭނާ އެދިވަަޑައިގެންނެވީ އެ ދެ ފަޅު ދޫކުރާ ގޮތުގެ މައްސަލަ އޭސީސީން ބަލައިދިނުމަށާއި އެ ދެފަޅާ ގުޅޭ މުއާމަލާތް ކުރިއަށް ނުގެންދަން ޓޫރިޒަމް މިނިސްޓްރީއަށް އަމުރުކޮށްދިނުމަށެވެ.