Advertisement

އަންހެނުން ކޮންޓްރޯލްނުވާ ކަމަށް އިޔާޒު މީހުން ކައިރި ކިޔަންޏާ އެކަހަލަ ބަސްނާހާ ކުއްޖަކާ އެކު ނޫޅޭން ބުނެދާނެ: ޝަހީމް

18 ސެޕްޓެންބަރު 2024 - 15:19 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޑރ. އިޔާޒު އަދި ޑރ. ޝަހީމް. ދެ ބޭފުޅުންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ދަނީ ބަދަލުކުރަމުން ---


އަންހެނުން ކޮންޓްރޯލްނުވާ ކަމަށް އިޔާޒު މީހުން ކައިރި ކިޔަންޏާ އެކަހަލަ ބަސްނާހާ ކުއްޖަކާ އެކު ނޫޅޭން ބުނެދާނެ: ޝަހީމް

18 ސެޕްޓެންބަރު 2024 - 15:19 1

އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލްއާންމާ ދެކޮޅަށް އަޑު އުފުލަމުންދަނިކޮށް ޖަލަށްލި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން އާއިޝަތު ޝާދިޔާ ކޮންޓްރޯލް ނުވާ ކަމަށް އިޔާޒު މީހުން ކައިރީ ކިޔަމުންދާ ކަމަށާއި އެހެންކަމަށްވާނަމަ އެފަދަ ބަސްނާހާ ކުއްޖަކާ އެއްކޮށް ނުއުޅެން މީހަކު ބުނެދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިޔާޒުގެ އަނބިކަނބަލުން ޝާދިޔާ ވަރިކުރަން މި ސަރުކާރުގެ ކެބިނެޓުގައި ހިމެނޭ ވަޒީރަކު އޭނާއަށް އެންގި ކަމަށް އިޔާޒު ހާމަކުރެއްވީ ސެޕްޓެމްބަރު 8, ގަ އެވެ. ވާހަކަ ފެންމަތިވީ، ޝާދިޔާ އަދި އޭނާއާއެކު ބަންދުކުރި ޑރ. ޝަޒްރާ އިބްރާހިމް "އަދަދު" ނޫހަށް ދިން ހާއްސަ އިންޓަވިއުއެއްގަ އެވެ.

ކޮން ވަޒީރެއްކަން ހާމަނުކޮށް އެ ދުވަހު އިޔާޒު ވިދާޅުވީ އަނބިކަނބަލުން ވަރި ކުރަން އެންގީ "ބަޔަކު" ނޫން ކަމަށާއި ސީދާ ސަރުކާރުން ކަމަށެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ އިޔާޒުއަށް ސިދާ ނުގުޅުތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. ޝަހީމު ވަނީ އޭނާ އިޔާޒު ކައިރީގައި އަނބިކަނބަލުން ވަރިކުރަން ބުނެފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު އިޔާޒަށް ބުނެފައި ނޯންނާނެ, އިޔާޒަށް ގުޅާފައި އިޔާޒު އަންހެނުން ވަރިކުރާށެކޭ. އެހެން ނޫނަސް އިޔާޒުގެ އަންހެނުން, އިޔާޒު ބުނާ ބަސް ނާހާ އުޅެންޏާމުން, އަޅުގަނޑު މިއީ އިޔާޒުގެ ރަހުމަތްތެރިޔަކަށްވާ ކަމަށް ވަންޏާ މީހަކު މެދުވެރިކޮށް ވެސް އިޔާޒު ކައިރީގައި ބުނެފާނަން ބަސް ނާހާ މީހަކާ އެއްކޮށް ނޫޅޭށޭ," ޝަހީމް ވިދާޅުވި އެވެ.

އެ ހަބަރު ފެނުނީ ނޫހުން ކަމަށާއި ސަރުކާރުގެ ފަރާތުން އެގޮތަށް އަންގާފައި ނުވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. ރައީސް އޮފީހުގެ ޕޯޑިއަމްގައި ހުންނަވައި ޝަހީމް ވަނީ އިޔާޒުއާ ގުޅޭ ގޮތުން ޒާތީ ބައެއް ވާހަކަތައް ވެސް ދައްކަވާފަ އެވެ.

"ޑރ. އިޔާޒު މީސްމީހުން ކައިރީގައި ކިޔަމުން ދަނީ ތިމަންނަ އަންހެނުން ތިމަންނައަށް ކޮންޓްރޯލެއް ނުވެޔޭ, ތިމަންނަ ބުނާ ބަހެއް އޭނާ ނާހަޔޭ. އެހެންވެއްޖިއްޔާ ދެން މީހަކު ބުނެދާނެ ދޯ ޑރ. އިޔާޒަކީ ނުލާހިކު މާތް ބޭފުޅެއް, އެކަހަލަ ބަސްނާހާ ކުއްޖަކާ އެއްކޮށް އުޅޭކަށް ނުވާނޭ. އޭގެ މާނައަކީ ސަރުކާރުގެ ފަރާތުން އެންގީއެކޭ ނޫން އަންހެނުން ވަރިކުރަން," ޝަހީމް ވިދާޅުވި އެވެ.

ޝާދިޔާ އާއި ޝަޒުރާ ހައްޔަރުކުރީ ފަލަސްތީނުގެ ވާހަކަ ދައްކައިގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"ދުނިޔޭގެ ގާނޫނުގައި ވެސް މަނާކަމެއް އެއީ ސަފީރުން ތިބޭ ގޭގެއަށް ގޮސް އެއްޗެހި އެޅުމަކީ. އެއްވެސް ގައުމެއްގައި އެގޮތަށް އެކަމެއް ނުކުރެވޭނެ."

ޝާދިޔާ އަދި ޝަޒްރާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އޯގަސްޓު 28، ގަ އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ތިން ދުވަހަށާއި ފަސް ދުވަހަށް އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ. މާލޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރިއަށް ގޮސް އަޑުނުއުފުލަން ޝަރުތުކޮށް އެ ދެ މީހުން ދޫކޮށްލީ މި މަހު ފަހެއްގަ އެވެ. ފުލުހުންގެ ފޯމުގައި އެދުވަހު ވެސް އެދިފައި އޮތީ 15 ދުވަހަށް ބަންދު ޖެހުމަށެވެ.

ޝާދިޔާ، 47، އާއި ޝަޒްރާ، 36، ހައްޔަރު ކުރުމުން އެކަން އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީން ކުށްވެރިކޮށް، އެ ދެ މީހުން ދޫކޮށްލަން ގޮވާލި އެވެ. ނަމަވެސް އެ ބަޔާންތަކާއެކު ސަރުކާރުން ވަނީ ޑިޕްލޮމެޓުންނަށް އުނދަގޫނުކޮށް ފަލަސްތީނަށްޓަކާ އަޑުއުފުލޭނެ ކަމަށް ބުނެ ފުލުހުންގެ އަމަލު ދިފާއުކޮށްފަ އެވެ.

ޝާދިޔާ ހައްޔަރުކުރުމާއެކު އިޔާޒު ވެސް ވަނީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ގިނަ ޕޯސްޓުތަކެއް ކުރައްވާފަ އެވެ. އަދި ސަރުކާރުގެ ބައެއް އޮފިޝަލުންނާ ބަހުގެ ހަމަލާ ވެސް ބަދަލުކުރެއްވި އެވެ.

މި ސަރުކާރާ ދެކޮޅަށް ބަސްބުނަމުންދާ އިޔާޒު، އިސްލާމީ މަރުކަޒުގައި ނަގައިދެމުން އައި ތަފުސީރު ކްލާސްތަކެއް އެ މިސްކިތާއި ސަލްމާން މިސްކިތް ނޫން މިސްކިތަކަށް ބަދަލުކުރަން އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު އެންގި އެވެ. އެކަމާ ގުޅިގެން ވެސް ސަރުކާރުގެ އޮފިޝަލުންނާއި އޭނާއާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރި އެވެ.