Advertisement

ބީއެމްއެލްގެ އިތުބާރު ގެެއްލޭ ފަދަ އެއްވެސް ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ: ސޯލިހު

18 ސެޕްޓެންބަރު 2024 - 12:24 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެމަނިކުފާނު ވިދާޅުވީ ސަރުކާރުންވިޔަސް ބީއެމްއެލްގެ އިތުބާރު ގެެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް


ބީއެމްއެލްގެ އިތުބާރު ގެެއްލޭ ފަދަ އެއްވެސް ކަމެއް ސަރުކާރުން ކޮށްގެން ނުވާނެ: ސޯލިހު

18 ސެޕްޓެންބަރު 2024 - 12:24 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ، ބީއެމްއެލް އަކީ ވަރަށް ގިނަ އާންމުންނާ ވިޔަފާރިވެރިންގެ ދިރިއުޅުމާ ގުޅިފައިވާ ތަނެއް ކަމަށާއި އަބަދުވެސް އެންމެންގެ ފުރިހަމަ އިތުބާރު އޮންނަން ޖެހޭ ތަނެއް ކަމަށެވެ.

"ސަރުކާރުން ވިޔަސް ބީއެމްއެލްއަށް އޮތް އިތުބާރު ގެެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ. ބީއެމްއެލްއަށް ކުރާ އިތުބާރު ގެއްލިއްޖެނަމަ އެއީ މުޅި މުޖަތަމައަށް ލިބޭނެ ބޮޑު ދެރައެއް. އެއީ ރައްޔިތުންގެ ބޭންކު،" ސޯލިހު ލިޔުއްވާފައިވެ އެވެ.

އެމަނިކުފާނު މިފަދައިން ލިޔުއްވާފައިވާއިރު މިދިޔަ މަހުގެ ފަހުކޮޅު ބީއެމްއެލްގެ ކާޑުތަކުން މުއާމަލާތް ކުރެވޭ މިންވަރަށް ގެނައި ބަދަލުތަކާއެކު އެއީ މާލީ ބަގާވާތެއްކޮށް ވެރިކަން ބަދަލުކުރަން ކުރި މަސައްކަތެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު ވަނީ ސިފަކުރައްވާފަ އެވެ. އެކަމުގެ ތަހުގީގެއްވެސް ފުލުހުން ފެށި އެވެ.

ތަހުގީގު ކުރިއަށް ދަނިކޮށް ބޭންކުގެ ސީއޯއޯ ކާލް ސްޓުމްކާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެ ތަހުގީގުގައި މިހާތަނަށް އެއްވެސް މީހަކާ ސުވާލު ކޮށްފައި ނުވެ އެވެ.

އެއާއެކު ސަރުކާރުން އިއްޔެ ވަނީ ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒްގެ މަގާމުގައި ހުންނެވި އަހްމަދު އަލީ ހަބީބު އައްޔަނުކުރަން ހުށަހަޅާފަ އެވެ.

ބީއެމްއެލްގެ ހިއްސާދާރުންނަށް ފޮނުވި ލިޔުމެއްގައިވާ ގޮތުގައި، މިހާރު ހުށަހަޅާފައިވާ ދެ މީހުންގެ އިތުރުން ހަބީބު އައްޔަނުކުރަން ސަރުކާރުން ހުށަހެޅީ ބޭންކުގެ ހިންގާ ގަވާއިދުގެ 49 ވަނަ މާއްދާގެ ދަށުންނެވެ.

ބޭންކުގެ ހިންގާ ގަވާއިދުގެ 49 މާއްދާގައި އޮންނަނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހުސްވެފައިވާ މަމާމުތަކަށް އައްޔަނުކުރުމަށް ހުށަހަޅާ ޑިރެކްޓަރުންގެ އަދަދު ހުސްވެފައިވާ މަގާމުތަކުގެ އަދަދާ އެއްވަރުވާ ހާލަތުގައި ނުވަތަ މަދުވާ ހާލަތުގައި، ކުންފުނީގެ ހިއްސާދާރުންނަށް އެ މަގާމުތަކަށް ޑިރެކްޓަރުންގެ ނަން ހުށަހެޅިދާނެ ކަމުގަ އެވެ.