about 2 hours 0
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު: 2026 ގައި ބޭރަށް ފުރާ މީހުންނަށާއި ކްރެޑިޓު ކާޑަށް ދޭ ޑޮލަރު އިތުކުރައްވާނެ ކަމަށް އެމަނިކުފާނު ރޭ ވިދާޅުވި --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
about 2 hours 0
ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ބޭންކު ރޭޓުގައި ދޭ ޑޮލަރުގެ އަދަދާއި ކްރެޑިޓު ކާޑުތަކުން ކުރެވޭ ޑޮލަރުގެ މުއާމަލާތްތަކުގެ ލިމިޓު 2026 ގެ ފުރަތަމަ ކުއާޓާ ނިމެންވާއިރަށް ބޮޑުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރަން، ވެރިންނާއި އެތައް ސަތޭކަ ސިޔާސީ މުވައްޒަފުންނާއެކު ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއީ ޓޫރިސްޓު ރިސޯޓުތަކާއި ގެސްޓުހައުސްތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ކުރާ ގަވާއިދަށް އަމަލުކުރާނަމަ ލިބޭނެ ނަތީޖާ ކަމަށެވެ.
ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭންކު ރޭޓުގައި މިހާރު ދޫކުރަނީ 500 ޑޮލަރެވެ. ރައީސް ރޭ ވިދާޅުވީ 2026 ގެ ފުރަތަމަ ކުއާޓާ ނިމުމުގެ ކުރިން އެ އަދަދު 1،000 ޑޮލަރަށް މަތިކުރައްވާނެ ކަމަށެވެ.
އޭގެއިތުރުން، މިހާރު 700 ގައި ހުރި ބީއެމްއެލްގެ ކްރެޑިޓު ކާޑުތަކުން ޑޮލަރުގެ މުއާމަލާތްތައް ކުރެވޭ ލިމިޓު 1،400 ޑޮލަރަށް މަތިކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. މިކަންވެސް ކުރައްވާނީ 2026 ގެ ފުރަތަމަ ކުއާޓަރުގައި ކަމަށް ވިދާޅުވި އެވެ.
ޑޮލަރު މާރުކުރަން މަޖުބޫރުކުރުވާ، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަރުކަޒީ ބޭންކު، އެމްއެމްއޭ އަށް ލިބޭ ލިބޭ ޑޮލަރުން ކުރިން ބުނި ކަންކަމުގެ އިތުރުން ސަރުކާރުގެ ކުންފުނިތަކަށް ބޭނުންވާ ޑޮލަރާއި އަމިއްލަ ވިޔަފާރިތަކުން ބޭރަށް ފައިސާ ފޮނުވާއިރު ދޭ ޑޮލަރު ސަޕޯޓުގެ އިތުރު ވެގެންދާނެ ކަމަށްވެސް ރައީސް ރޭ ވިދާޅުވި އެވެ.
ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވާއިދަށް ބަދަލު ގެނައީ އޮކްޓޯބަރު 1، ގަ އެވެ. މި ގަވާއިދަށް އަމަލުކުރަން ފަށަނީ ޖެނުއަރީ 1، 2025 އިން ފެށިގެންނެވެ.
މިކަމާ ގުޅިގެން ޓޫރިސްޓު ރިސޯޓުތައް ހިންގާ ވިޔަފާރިވެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަދަދުން ސިޔާސީންވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މި ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ވެސް 50 އަށްވުރެ ގިނަ ރިސޯޓުން ވަނީ އެމްއެމްއޭ އަށް އަންގާފަ އެވެ.
އެ ރިސޯޓުތަކުގެ ވެރިންނަށް ރައްދު ދެއްވަމުން ރައީސް ރޭ ވަނީ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފައިދާ ވާނެ ކަމަށް ވިދާޅުވެ، އެކަމަށް ހުރަސް އަޅަނީ ކީއްކުރަންތޯ ސުވާލު އުފައްދަވާފަ އެވެ.
މި ފާޑުކިޔުންތަކާއި ނިންމުންތަކަށް ގޮންޖައްސަވާ ރައީސް މުއިއްޒު ރޭ ވަނީ ތަކުރާރުކޮށް އެމްއެމްއޭ ގެ ގަވާއިދު ބަދަލުނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު މިހެން ވިދާޅުވި ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއް ފުރުން ފާހަގަކުރުމަށް ސަރުކާރުގެ ވެރިންނާއި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުންނާއެކު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
"އަޅުގަނޑުމެން ނެތިން މި ގަވާއިދު ބަދަލުކުރާކަށް. ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. ގަވާއިދަށް އަމަލުކުރުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ،" ހަރުއަޑުން ރައީސް ވިދާޅުވި އެވެ.
.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment