Advertisement

ބަންކަރިންގެ ހިދުމަތް ފަށަން ސަރުކާރުގެ ބޮޑު ވަފުދެއް ހޯރަފުއްޓަށް

18 ސެޕްޓެންބަރު 2024 - 08:13 2

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އެސްޓީއޯގެ ބަންކަރިން ހިދުމަތުގައި ބޭނުންކުރާ ބޯޓުތައް: މި ދެ ބޯޓު މިހާރު އޮތީ ރާއްޖޭގައި ބަނދަރުކޮށްފައި -- ފޮޓޯ: މެރިން ޓްރެފިކް


ބަންކަރިންގެ ހިދުމަތް ފަށަން ސަރުކާރުގެ ބޮޑު ވަފުދެއް ހޯރަފުއްޓަށް

18 ސެޕްޓެންބަރު 2024 - 08:13 2

މާލީ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ބުރާސްފަތި ދުވަހު ބަންކަރިންގެ ހިދުމަތް ފަށަން ސަރުކާރުގެ ބޮޑު ވަފުދެއް ހޯރަފުއްޓަށް ދާން ނިންމާފައިވާކަން އެނގިއްޖެ އެވެ.

ހަފުލާތަކަށް ކުރާ ހަރަދު ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ގޮތަށް ސަރުކާރުގެ ހިންގުމުގެ ޖުމުލަ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތައް ޖޫން މަހު ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވި އެވެ. ނަމަވެސް ބަންކަރިންގެ ހިދުމަތް ފެށުމަށް ހޯރަފުށީގައި ބާއްވާ ރަސްމިއްޔާތަށް މާލެއިން ދާ ވަފުދުގައި 80 މީހުން ހިމެނޭކަން، އިންތިޒާމުތައް ހަމަޖެއްސުމަށް ހޯރަފުށީ ކައުންސިލުން ތައްޔާރުކޮށްފައިވާ ލިޔުމުން އެނގެ އެވެ.

އެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ރައީސް އޮފީހުން ހާމަ ނުކުރެ އެވެ. ނަމަވެސް އަދަދު ނޫހަށް ލިބިފައިވާ ހޯރަފުށީ ކައުންސިލްގެ ލިޔުމެއްގައިވާ ގޮތުން ބަންކަރިންގެ ހިދުމަތް ފެށުމަށް ރައީސް މުއިއްޒު ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު ހަވީރު އެވެ.

"ރައީސް ވަޑައިގަންނަވާ ވާހަކަ ކައުންސިލަށް އެނގެވީ އެމްޕީ (ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ). އެހެންވެ، އަޅުގަނޑުމެން އެކަމަށް ތައްޔާރު މިވަނީ. ރައީސް އޮފީހަކުން ރަސްމީކޮށް އަދި އަންގާފައެއް ނެތް ރައީސް ބައިވެރިވެވަޑައިގަންނަވާ ކަމެއް،" ހޯރަފުށީ ކައުންސިލްގެ މެންބަރަކު ވިދާޅުވި އެވެ.

ބަންކަރިންގެ ހިދުމަތް ފެށުމުގެ ކުރިން ސަރުކާރުގެ އިދާރާތަކާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ނިމުނު އަހަރުގެ އެ ކުންފުނީގެ އަހަރީ ރިޕޯޓަށް ދީފައިވާ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

"[ބަންކަރިން] އޮޕަރޭޝަންތައް ފެށުމުގެ ކުރިން، ސަރުކާރުގެ އިދާރާތަކުގެ އެހީއާއެކީ ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން އެބަހުރި. އޭގެ ތެރޭގައި އިހަވަންދިއްޕޮޅު އަތޮޅުގެ މެރިން ޗާޓު އަދާހަމަ ކުރުމާއި، ފަޔާ އެންޑް ރެސްޕޮންސް ޕްލޭނެއް އެކުލަވާލުމާއި، ބަންކަރިންއާ ގުޅޭ އައިއެމްއޯ މުއާހަދާތަކެއް ތަސްދީގުކުރުން ހިމެނޭ," އޭނާ ވިދާޅުވެފައިވެ އެވެ.

ނަމަވެސް އެ ކަންކަމެއް ފުރިހަމައެއް ނުވެ އެވެ.

އުތުރުގައި އޮންނަ އެއިޓް ޑިގްރީ ޗެނަލުން ކޮންމެ ދުވަހަކު ހުރަސްކުރާ ބޯޓުތަކަށް ބަންކަރިންގެ ހިދުމަތް ދޭން އުތުރުގައި ދެ ބޯޓު ބާއްވަ އެވެ. އ

އެ ހިދުމަތް އިފުތިތާހުކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު ތެޔޮ އަޅާނީ އެމްއެސްއެސް އިން އޮޕަރޭޓު ކުރާ ވައިސީ ބެރިއާއަށެވެ. އެ ބޯޓަކީީ ކޮލަމްބޯ އާއި މާލެއާ ދެމެދު ދަތުރު ކުރާ އުޅަނދެކެވެ. 1100 ކޮންޓޭނަރު އުފުލުމުގެ ގާބިލުކަން ހުންނަ އެ ބޯޓުން މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުން ކުރާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެއިޓު ޑިގްރީ ޗެނަލުން ދަތުރުކުރާ ބޯޓުތަކުގެ އެއް ޕަސެންޓު ރާއްޖޭގެ ބަންކަރިންގެ ހިދުމަތް ބޭނުން ކުރިޔަސް އަހަރަކު 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވެސް ވިދާޅުވި އެވެ.