Advertisement

ވިހި އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން ކުރިއަށް އޮތް އެއް އަހަރު ތެރޭ އެކުލަވާލަން ރައީސް ނިންމަވައިފި

17 ސެޕްޓެންބަރު 2024 - 17:00 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް އެކުލަވައިލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް -- ފޮޓޯ: ރައީސް އޮފީސް


ވިހި އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން ކުރިއަށް އޮތް އެއް އަހަރު ތެރޭ އެކުލަވާލަން ރައީސް ނިންމަވައިފި

17 ސެޕްޓެންބަރު 2024 - 17:00 1

ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް އެއް އަހަރު ދުވަހުގެ ތެރޭގައި އެކުލަވައިލަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

ވީޑިއޯއެއް މެދުވެރި ކުރައްވައި ރައީސް ދެއްވި މެސެޖެއްގައި ވިދާޅުވީ 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ މެދު އިއްޔެ އޮތް ކެބިނެޓު ބައްދަލުވުމުގައި މަޝްވަރާކޮށް ކުރިއަށް އޮތް އެއް އަހަރު ތެރޭގައި އެ ޕްލޭން އެކުލަވައިލުމަށް ނިންމި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެެރޭގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ހިމެނޭ ގޮތަށް އަދި ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކިއެކި ސްޓޭކް ހޯލްޑަރުންނާއި އެކިއެކި އެކްސްޕާޓުންނާއި ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ވަރަށް ފުރިހަމަ ބައިވެރިވުމާއި މަޝްވަރާއާ އެކީ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް ކުރިއަށް އޮތް 20 އަހަރު ދުވަހަށް އިރާދަކުރެއްވިއްޔާ ތަރައްގީ ކުރުމުގެ މަސައްކަތް މި ފަށަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ޕްލޭނަކީ ގާނޫނީ ބާރުވެރިކަން ލިބިގެންދާ ޕްލޭނެއް ކަމަށާއި އެ ކަމަށް ހާއްސަ ގާނުނެއް ވެސް ވުޖޫދު ކުރައްވާނެ ކަމަށެވެ. އޭގެ މަގުސަދަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނަކީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އޭގައި ހިމެނިގެން ދާނެ ގޮތަށް ތައްޔާރު ކުރެވޭ ޕްލޭނަކަށް ހެއްދެވުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތަނުގައި އިރާދަކުރެއްވިއްޔާ ހުރިހާ ރަށެއްގައި މިކަމާ ބެހޭ މަޝްވަރާތައް ހިނގާނެ، ކަމާބެހޭ އެކިއެކި ޖަމިއްޔާތަކާއި ހުރިހާ ޖަމާއަތްތަކާއި ކުޅިވަރު ކުޅޭ ފަރާތްތަކާއި އެކިއެކި ސިޔާސީ ޕާޓީތަކާއި އަދި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވިޔަސް ގައުމުގައި ތިބި ކަމުވޮށިގެންވާ އެކިއެކި ފަރާތްތަކާއި މި ހުރިހާ ފަރާތްތަކާ ވަރަށް ބޮޑަށް އޮގަނައިޒްޑް ގޮތެއްގައި ވަރަށް ތަފުސީލީ ގޮތެއްގައި އަޅުގަނޑުމެން މަޝްވަރާ ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުމަކީ ހުރިހާ ދިވެހީންނާ ގުޅިފައި އޮތް ކަމެއް ކަމަށާއި އެކަމުގައި ހުރިހާ އެންމެންގެ ބައިވެރިވުން ވެސް ބޭނުންވެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ޕްލޭން އެކުލަވައިލާއިރު، ރާއްޖެއިން ބޭރުގެ ބައެއް ފަންނީ މާހިރުންގެ ލަފާ ވެސް ހޯއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް, ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލުމުގައި އިސްކޮށް ހަރަކާތްތެރި ވާނީ ދިވެހީން ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް އެކުލަވައިލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.