Advertisement

މެޖޯރިޓީ ބޮޑުވާ ވަރަކަށް ރަބަރު ސްޓޭމްޕުގެ ބާރު ވަނީ ގަދަ!

18 ސެޕްޓެންބަރު 2024 - 09:11 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު


މެޖޯރިޓީ ބޮޑުވާ ވަރަކަށް ރަބަރު ސްޓޭމްޕުގެ ބާރު ވަނީ ގަދަ!

18 ސެޕްޓެންބަރު 2024 - 09:11 1

ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށްގެން މިވެނިކަމެއް ކުރާނަމޭ ބުނެފިއްޔާ މީހުން ދެކޭނީ އެހާ އަވަހަށް ވާނެ ކަމެއް ނޫން ކަމަށެވެ. މަޖިލީހުން ކަމެއް ނިންމަން ހިންގާ މަރުހަލާތައް އެހާ ވެސް ދިގުލައިގެން ދާނެތީ އެވެ.

އެ ބިލެއް ގާނޫނަކަށް ވުމުން ރައްޔިތުންނަށް ކުރާ އަސަރު ބޮޑު ނަމަ އެ މަރުހަލާތައް އިތުރަށް ދިގުލައިގެން ދެ އެވެ. ތަޖުރިބާކާރު ބައެއް ޕާލަމެންޓޭރިއަނުން ދެކެވަޑައިގަންނަވާ ގޮތުގައި އެ މަރުހަލާތައް ކުރުގަޅުވައިލުމަކީ ގޯހެކެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ސަރުކާރުން ބޭނުންވާހާ ކަމެއް، ބޭނުންވާ ގޮތަކަށް ކުރުން ކަމަށް ނުވާތީ އެވެ.

މަޖިލީހުގެ ދައުރަކީ ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި ވިސްނުމާއި ބޭނުންތަކަށް ރިއާޔަތްކޮށް، ނިންމުންތައް ނިންމުމެވެ. އެހެން ނޫން ނަމަ، ސަރުކާރުގެ އިދާރާތަކުން ހަދައިލާ ގަވާއިދުތަކަކުން ހުރިހާ ކަމެއް ވެސް ހިންގައިލެވިދާނެ އެވެ.

ގިނަ ޕާޓީ ހިމެނޭ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން 2009 ވަނަ އަހަރު އިންތިހާބުވި 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން މިއަހަރު ކުރީ ކޮޅު ދައުރު ނިމުނު 19 ވަނަ މަޖިލީހާ ހިސާބަށް ވެސް އިންތިހާބުވި، މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ މަރުހަލާތައް އެގޮތަށް ދޫކޮށްލާ ނަމަ "ރައީސް އޮފީހުގެ މޭޒަކާ މަޖިލީހާ ދެމެދު އެއްވެސް ތަފާތެއް" ނެތެވެ.

"ޕާލަމެންޓަށް ބިލެއް ފޮނުވީމާ އެ ޕްރޮސެސް ދާންވީ ގޮތަށް ނުދިޔައިމާ ހަމަ ގަވާއިދެއް ހަދައިލުން ކަހަލަ ކަމަކަށް އެވީ. އެ ގަވާއިދު އެ ހަދަނީ ޕާލަމެންޓުން އިނގޭތޯ އެކަމަކު،" އިމްތިޔާޒް ވިދާޅުވި އެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މެންބަރުކަން އަދި ވަކިން ހާއްސަކޮށް އެ މަޖިލީހުގެ ޑްރާފްޓިން ކޮމިޓީގެ މެންބަރުކަން ވެސް ކުރެއްވި އިބްރާހީމް އިސްމާއީލް (އިބްރާ) ވެސް ވިދާޅުވީ މަޖިލީހުގެ ތެރެއިން "ރާސްރާސްލާފައި ކަންތައްތައް ނިންމައިލުން" އެއީ މަޖިލީހުން ކަންތައް ކުރަން އޮންނަ ގޮތެއް ނޫން ކަމަށެވެ.

"މަޖިލީހުގައި ކަންތައް ކުރަން ޖެހޭނީ ވިސްނުންތެރިކަމާ އެކު ވަގުތު ނަގައިގެން، ބަހުސްކޮށްގެން، ހިޔާލުބަދަލުކޮށްގެން، މީހުންގެ ހިޔާލު ވެސް ހޯދައިގެން،" އިބްރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި ބޮޑު ބިލެއް ނިންމަން އެ މަރުހަލާތައް ފުރިހަމަ ކުރާ ނަމަ އެކަމަށް ހައެއްކަ މަސް ދުވަސް ހޭދަވާނެ އެވެ.

ބިލެއް ފާސްކުރުމުގެ ދިގު މަރުހަލާތައް

އެންމެ ފުރިހަމައަށް، ކަމާ ގުޅޭ ހުރިހާ އެންމެންގެ ކަންކަމަށް ރިއާޔަތް ކޮށްގެން ބިލެއްގެ މަސައްކަތް ކުރާ ނަމަ އެކަމަށް ހިންގާ ގިނަ މަރުހަލާތަކެއް އޮވެ އެެވެެ. މަޖިލީހުގެ ތަޅުމުގައި ކުރާ އިބްތިދާއީ ބަހުސުން ފެށިގެން ކަމާ ގުޅޭ އެންމެންގެ މަޝްވަރާ ހޯދުމާއި ކޮމިޓީ މަރުހަލާގައި ކުރާ ދިރާސާ އެވެ. ރައްޔިތުންގެ ހިޔާލު ހޯދުމާއި ރިޕޯޓް އެކުލަވައިލުމެވެ. އެއަށް ފަހު ތަޅުމުގައި އެ ރިޕޯޓަށް ބަހުސް ކުރުމެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން އޭރު އަމަލުކުރި ގޮތް އިމްތިޔާޒް ވިދާޅުވެ ދެއްވި އެވެ.

"މިސާލަކަށް އަޅުގަނޑު އިން ކޮމިޓީގައި އަމަލުކުރާ އެއް ގޮތަކީ، އަދި ޕާލަމެންޓްގައި އަމަލުކުރުމަށް އުސޫލެއްގެ ގޮތުން ކަނޑައެޅިފައި އޮތް ގޮތަކީ ވެސް އެއީ، އާ ބިލެއް ޕާލަމެންޓަށް ދިޔައިމާ އެ ޑިބޭޓްކޮށްފައި ކޮމިޓީ މަރުހަލާއަށް ދިޔައިމާ ހުޅުވާނީ ޕަބްލިކްގެ ކޮމެންޓަށް،" އޭނާ ވިދާޅުވި އެވެ.

ބިލަކަށް އާންމުންގެ ހިޔާލު ހޯދާ އެތައް ގޮތެއް ހުރެ އެވެ. އޮންލައިންކޮށް، ހިޔާލު ހުށަހެޅުމާއި ޕަބްލިކް ފޯރަމްތައް ބޭއްވުން އޭގެ ތެރޭގައި ހިމެނެ އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި "އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނު" ފާސްކުރަން އޭރު ކުރި މަސައްކަތަކީ އޭގެ މިސާލެކެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްވީ މާޗް 22, 2023 ގައި ބޭއްވި، 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 21 ވަނަ ޖަލްސާގަ އެވެ. ޖުމްލަ ހަތަރު ޖަލްސާއެއްގައި ބަހުސްކުރުމަށް ފަހު އެ ބިލު މަޖިލީހަށް ބަލައިގަތީ އޮކްޓޯބަރު 16، 2023 ގައި ބޭއްވި، 2023 ވަނަ އަހަރުގެ ތިން ވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި ނެގި ވޯޓަކުންނެވެ.

އެއަށް ފަހު އެ ބިލު ކޮމިޓީއަށް ފޮނުވުމުން އެ ބިލު ގާނޫނަކަށް ވުމުން އެކަމުގެ އަަސަރު ކުރާނެ ގާތްގަނޑަކަށް ހުރިހާ ބައެެއްގެ ހިޔާލު ހޯދުމުގެ މަސައްކަތް ކުރި އެވެ. އެގޮތުން ފަރުދަކު ހިމެނޭ ގޮތުން ޖުމްލަ 10 ފަރާތަކަށް ކޮމިޓީން ސިޓީ ފޮނުވައި ލިޔުމުން ހިޔާލު ހޯދި އެވެ.

ކޮމިޓީން ހިޔާލި ހޯދި ފަރާތްތަކުގެ ލިސްޓް

  1. ލޭބަ ރިލޭޝަންސް އޮތޯރިޓީ
  2. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ
  3. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
  4. ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް
  5. ބޭންކް އޮފް މޯލްޑިވްސް
  6. މޯލްޑިވްސް އިސްލާމިކް ބޭންކް
  7. ދިރާގު
  8. ޓްރާންސްޕޭރެންސީ މޯލްޑިވްސް
  9. އެސޯސިއޭޝަން އޮފް މޯލްޑިވްސް މެރިޓައިމް އޮތޯރިޓީ
  10. އާއްމު ފަރާތެއް

ކޮމިޓީ ރިޕޯޓުގައިވާ ގޮތުން މިފަރާތްތަކުން ފޮނުވި ހިޔާލުތައް އެއް ކަރުދާސްކޮށް، ކޮމިޓީގެ ބައްދަލުވުންތަކުގައި މަޝްވަރާކުރުމަށް ފަހު ބައެއް ހިޔާލުތަކުގެ ތެރެއިން ކޮމިޓީއަށް ފެނުނު އިސްލާހުތައް ބިލުގައި ހިމެނި ވެސް މެ އެވެ. އެ މަސައްކަތްތައް ކުރަން ކޮމިޓީން ޖުމްލަ 10 ބައްދަލުވުމެއް ބާއްވައި 10 ގަޑިއިރާއި 34 މިނެޓް ހޭދަކޮށްް، ޖުމްލަ 23 ބަދަލެއް ގެނަ އެވެ.

މިއީ އެކަމަކު 19 ވަނަ މަޖިލީހުން އެންމެ ފުރިހަމައަށް މަސައްކަތް ކުރިކަން ސާބިތުކޮށްދޭ މިސާލެއް ނޫނެވެ. ބިލެއްގެ މަސައްކަތް ރަނގަޅަށް ކުރާ ގޮތުގެ މިސާލެކެވެ. މިވެނި ކަމެއްގައި މަޖިލީހުން ޖެހީ "ރަބަރު ސްޓޭމްޕެކޭ" ނުބުނެވޭނީ މިގޮތަށް މަސައްކަތް ކުރީމަ އެވެ.

މަރުހަލާތައް ކުރުގަޅުވާލާފައި ފާސްކުރުމަކީ ރަބަރު ސްޓޭމްޕް ޖެހުން

މި ރިޕޯޓަށް ވާހަކަ ދެއްކެވި ދެބޭފުޅުން ވެސް ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރުން ބޭނުންވާ ކަންކަމުގައި ބޭނުންވާ ގޮތަށް ރަބަރު ސްޓޭމްޕް ޖަހައިދިނުމަކީ ރާއްޖޭގައި ކުރިން ފެށިގެން ވެސް ހިނގަމުން އައި ކަމެކެވެ. ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ އެކަން އަބަދުވެސް ހިނގަ އެވެ.

"އެއީ ދެން އަދި މިސަރުކާރު އޮންނަ އިރެއްގައި އެކަންޏެއް ވެސް ނޫން، ހަމަ ދޭތެރެއަކުން ސަރުކާރަކަށް ޕާލަމެންޓްގެ މެޖޯރިޓީ އޮންނަ އިރެއްގައި ވަރަށް ބޮޑަށް މިކަންތައްތައް ވެގެންދާ ތަން ފެނޭ. އަސްލު ވެގެން ވާނެ ގޮތެއް ނޫން އެއީކީ. ސަރުކާރުގެ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ އޮތަކަސް މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އެބަ އޮތް ވަރަށް ސާފުކޮށް ލިޔެފައި،" އިމްތިޔާޒް ވިދާޅުވި އެވެ.

އިބްރާ ވިދާޅުވީ މަޖިލީހުން ސަރުކާރަށް ރަބަ ސްޓޭމްޕް ޖަހައިދިނުމުގެ ކަންތައް 2008 ވަނަ އަަހަރުން ފެށިގެން ވެސް ދަނީ ފެންނަމުން ކަމަށެވެ.

"ވަކި މިހާރަކު ނޫން، އަބަދު ވެސް ތިޔަހެން ކަންތައްތައް ހިނގަމުން ދާ ތަން ފެންނަނީ،" އިބްރާ ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ މިހާރު މި އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮވެގެން، ސަރުކާރުގެ ބިލުތަކުގައި "ރަބަރު ސްޓޭމްޕް" ޖެހުމުގެ އެއް މިސާލަކީ ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލެވެ. ސަރުކާރުގެ ފަރާތުން ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދު ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވީ އޯގަސްޓް 13، ގަ އެވެ. ހަމަ އެ ދުވަހު މުޅި މަޖިލީހުގެ ކޮމިޓީން އެބިލު ދިރާސާކޮށް ނިންމައި އޭގެ ދެ ދުވަސް ފަހުން މަޖިލީހުން ފާސްކޮށްލި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމްގެ ސިނާއަތުގެ އެއްވެސް ފަރާތެއްގެ ހިޔާލެއް އެކަމުގައި ނުހޯދަ އެވެ.

އެފަދަ އަނެއް މަސައްކަތަކީ ކުންފުނީގެ ގާނޫނަށް ބަދަލު ގެންނަން އިއްޔެ ފާސްކުރި ބިލެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްވީ ސެޕްޓެމްބަރު 11، ގައި ބޭއްވި ދައުރުން ބޭރު ޖަލްސާގަ އެވެ. އެއަށް ފަހު މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި އެ ބިލަށް ބަހުސްކުރަން ހުޅުވައިލި ފުރުސަތު މަދު މެންބަރުންކޮޅެއް ބޭނުން ކުރެއްވި އިރު ކުރެއްވީ ހަމަ އެކަނި ތައުރީފެވެ. އެއަށް ދަހު ހަމަ އެ ދުވަހު ބިލު ބަލައިގަނެ، ހަމަ އެ ދުވަހު އިގުތިސާދީ ކޮމިޓީން އެ ދުވަހު ބޭއްވި ބައްދަލުވުމުގައި އެ އޮތް ގޮތަށް ފާސްކޮށްލީ އެންމެ 10 މިނެޓްގެ ތެރޭގަ އެވެ.

އެއަށް ފަހު ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ކޮމިޓީ ރިޕޯޓް ފާސްކޮށްލީ އެއްވެސް ބަހުސެއް ނުކޮށެވެ.

ދައުލަތާއި ފަރުދުންގެ ވިޔަފާރިތަކާ ވެސް ގުޅުން ހުރި ގާނޫނަކަށް ގެނައި ބަދަލަކަށް އެ ބިލު ވިޔަސް އެއްވެސް ބައެއްގެ ހިޔާލެއް ނުހޯދަ އެވެ. ކުރިހާ ވެސް ކަމަކީ މަޖިލީހުން ބިލެއް ފާސްކުރުމުގައި ހިންގަން ޖެހޭ އިޖުރާއަތްތައް ނަމަކަށް ހިންގުމެވެ.

މި މަޖިލީހުން ސަރުކާރަށް ރަބަރު ސްޓޭމްޕް ޖަހައިދިނުމުގެ މިފަދަ މިސާލުތައް ނަގާނަމަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޮށްފައިވާ މިފަަދަ އެތައް މަސައްކަތެއް ފެންނަން އެބަ ހުއްޓެވެ. މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު މަގާމުން ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދިނުމާއި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ޓަކައި ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުން ކުރިއަށް ގެންދިޔަ ގޮތަކީ ވެސް މީގެ މިސާލުތަކެވެ.

ޕްރޮސެކިިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސް މަޖިލީހަށް ފޮނުއްވުމުން، އެ މަނިކުފާނު އިސްކަން ދެއްވި، އައްބާސް ޝަރީފުގެ އިންޓަވިއު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އިއްޔެ ކުރިއަށް ގެންދިޔަ އެވެ. އިންޓަވިއު ނިމުމާ އެކު އޭނާއަށް ރުހުންދޭން ކޮމިޓީން ފާސްކޮށް ރިޕޯޓް އެކުލަވައިލި އެވެ.

އެ ރިޕޯޓް ވެސް އިއްޔެގެ ޖަލްސާއިން ފާސްކުރީ ބަހުސް ނުކޮށެވެ.

ކުންފުނީގެ ގާނޫނަށް ގެނައި ބަދަލު ފާސްކުރި ގޮތުގެ މިސާލުގެ ވާހަކަ ބުނުމުން އިބްރާ ސިފަކުރެއްވި ގޮތުގައި މަޖިލީހުން އަވަސް އަރުވާލައިގެން ކަންތައްތައް ނިންމުމުގެ މިސާލެއްގެ ގޮތުގައި ކުންފުނީގެ ބިލަކީ ނިސްބަތުން ކުޑަ މިންވަރެކެވެ. އެހެނީ ގާނޫނުއަސާސީ އަށް ވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި ބަދަލު ގެނައުމުގެ ކަންތައް ކުރިން ހިނގާފައި ވާތީ އެވެ.

"ތިޔައީ އަދި ގާނޫނުގައި އޮތް ތަންކޮޅެއްތާ، ގާނޫނު އަސާސީގައި ހުރި މާއްދާތައް އެބަހުރި ވިއްޔާ 72 ގަޑިއިރު ނުވަނީސް ބަދަލުވެފައި،" އިބްރާ ވިދާޅުވި އެވެ.

މަޖިލީހުން ކަންތައްތައް ނިންމުމުގައި ބަހުސް ކުރަން ޖެހޭ

ރައްޔިތުންގެ މަޖިލީހުން ކަމެއް ނިންމުމުގައި ފުޅާ ދާއިރާއެއްގައި ބަހުސް ކުރަން ޖެހެ އެވެ. އެއީ މައިގަނޑު ދެ ބޭނުމެއްގަ އެވެ. އެއް ކަމަކީ މަޖިލީހުން އެކުރާ މަސައްކަތް ބަހުސްތައް އަޑު އެހުމުގެ ޒަރިއްޔާއިން ރައްޔިތުންނަށް އެނގުމެވެ. އަނެއް ކަަމަކީ އެކަމެއްގެ މާހިރުންގެ ހިޔާލާ މަޝްވަރާ އެކަމަށް ލިބުމެވެ.

"މަޖިލީހަށް ހުށަހެޅޭ ގާނޫނުތަކަކީ، ބިލުތަކަކީ ރައްޔިތުން އެމައްޗަށް އަމަލުކުރަން ޖެހޭ އެެއްޗިހި، ރައްޔިތުންނާ ގުޅުން ހުންނަ އެއްޗިހި، އޭގައި ނޯންނާނެ އެންމެން ރުހޭ އެއްވެސް ގޮތެއް، އެންމެންނަށް ކަމުދާނެ ގޮތެއް، ހިޔާލުތަފާތުވުން އޮންނާނެ. އެހެންވީމާ އެ ތަފާތު ހިޔާލުތައް މަޖިލިސް ތެރޭގައި ދެއްކެން ޖެހޭނެ. ދެއްކުމުގެ ބޭނުމަކީ ކޮންމެހެން އަރައިރުން ވުމެއް ނޫން. އެ އަޑު އަހަން ތިބޭ ރައްޔިތުންނަށް ވެސް އެއްޗިހި ތަކެއް ވިސްނި، އެނގި އެމީހުން އެމީހުންގެ މެންބަރުންނާ ހަމައަށް ހިޔާލު ވެސް ގެންދާނެ ގޮތެއް ވާނީ އެތާގައި ބަހުސްތަކެއް ކުރެވެންޏާތާ،" އިބްރާ ވިދާޅުވި އެވެ.

ބިލެއްގެ މަސައްކަތް ކުރުމަށް މަރުހަލާތަކެއް ލާފައި އޮތީ އޭނާ ވިދާޅުވި ގޮތުގައި އެހެންވެ އެވެ.

އިމްތިޔާޒް ވިދާޅުވީ އެގޮތަށް ކަންތައް ނުކުރާ ނަމަ ދައުލަތް ހިންގުމުގެ ނިޒާމަށް ބޮޑު ގެއްލުމަކަށް އެކަން ވާނެ ކަމަށެވެ.

އެ މަރުހަލާތައް ކުރިއަށް ނުގެންގޮސް ބިލުތައް ފާސް ކުރާ ނަމަ އެއީ ރައީސް އޮފީހުން ގަވާއިދެއް ހެދުން ކަހަލަ ކަމެކެވެ. ރައްޔިތުންނަށް އެކަމުގައި އެއްވެސް ގޮތެއް ނުކިޔޭނެ އެވެ.

"ސަރުކާރު މެންބަރުންނޭ ބުނެ ރަބާ ސްޓޭމްޕް ޖަހާ ކަމަށް ވަންޏާ އެއީ އަބަދުވެސް ނުރައްކާތެރިކަމެއް. ރަބަ ސްޓޭމްޕް ޖަހަން ތިބޭ ބަޔަކަށް ޕާލަމެންޓް ވެއްޖެއްޔާ އެއީ ރައްޔިތުންނަށް ނުރައްކަލަކަށް ވާނީ،" އޭނާ ވިދާޅުވި އެވެ.

--

ސަރުކާރު ބޭނުންވާ ގޮތަށް ނިންމުމުގެ ބޭނުމުގައި މަޖިލީހުން ފާސްކުރި ކިތަންމެ އެއްޗެއް، އެ ވެރިކަން ނިމުމާ އެކު ބަދަލުކުރާތަން ވެސް ރާއްޖޭން ވަނީ ފެނިފަ އެވެ. އެގޮތަށް ކަންތައް ވުމަކީ ހަމަޖެހުން އައުމުގެ ބަދަލުގައި ބޮޑެތި މައްސަލަތައް އުފެދޭނެ ކަމެކެވެ. އެފަދަ ބަދަލުތައް އިއާދަކުރުމުގެ ސަބަބުން ދައުލަތުން ބަދަލުދޭން ޖެހިފައި ވެސް މީގެ ކުރިން އެބަހުއްޓެވެ. މިއީ އިއްޒަތްތެރި ހުރިހާ މެންބަރުން ވެސް ވިސްނާވަޑައިގަންނަވަން ޖެހޭ ކަމެކެވެ.