Advertisement

އެއިޓީން ތާޓީ: ޕޮލިސް ކަޓުވާލައި ވެމްކޯ ފައިނަލުގައި އެމްޕީއެލްއާ ދެކޮޅަށް

17 ސެޕްޓެންބަރު 2024 - 09:30 1

ވެމްކޯ ޓީމުގެ ފަޒްލާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


އެއިޓީން ތާޓީ: ޕޮލިސް ކަޓުވާލައި ވެމްކޯ ފައިނަލުގައި އެމްޕީއެލްއާ ދެކޮޅަށް

17 ސެޕްޓެންބަރު 2024 - 09:30 1

ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން، އެއިޓީން ތާޓީ މުބާރާތުގެ ސެމީ ފައިނަލުގައި ޕޮލިސް ކްލަބް 5-4 އިން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ކްލަބް ވެމްކޯ އިން ފައިނަލުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދެކޮޅަށް ކުޅެން ތައްޔާރުވެއްޖެ އެވެ.

މި ފަހަރު ކްލަބް މޯލްޑިވްސް އިން ކުރިއަށްގެންދާ ހަމައެކަނި އަންހެން މުބާރާތް އެއިޓީން ތާޓީގައި ބައިވެރިވީ ހަތް ޓީމެކެވެ. ހަތް ޓީމެއް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުމަށް ފަހު، މިހާރު ފައިނަލަށް މި ވަނީ ދެ ޓީމު ދަތުރުކޮށްފަ އެވެ.

ރޭ އެމްޕީއެލް އިން ވަނީ ސްޓެލްކޯ ކްލަބް އަތުން ސެމީ ފައިނަލް މެޗުގައި، 3-0 އިން މޮޅުވެފަ އެވެ. އެމްޕީއެލްގެ ލަނޑުތައް ޖެހީ، އައިޝަތު ސިއުނާ، ފާތިމަތު ތާނީ ލަތީފް އަދި މިރްޒޮއޭވާ ކަރީނާ އެވެ.

ސްޓެލްކޯގެ ފިރުޝާނާ (ވ) އަތުން ބޯޅަ ހޯދަން އެމްޕީއެލްގެ ކަރީނާ މަސައްކަތްކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ސެމީ ފައިނަލްގެ ތެރެއިން ފޯރިގަދަ ކުރިމަތިލުމެއް ފެނިގެންދިޔައީ، ވެމްކޯ އާއި ޕޮލިސް ކްލަބްގެ މެޗުންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ޕޮލިހުން ލީޑުނެގިއިރު، އެ ޓީމުގެ ގޯލު ޖެހީ، ނީޝާ ސަމީރު އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން، ވެމްކޯ އަށް އެއްވަރުކޮށްދިނީ ފާތިމަތު އިނާޝާ އާދަމް އެވެ. ދެ ވަނަ ހާފުގައި ކުޅުން ފަށައިގެން ގާތްގާތުގައި ދެ ގޯލު ޖަހައި، މަރިޔަމް ރިފާ ވަނީ ޕޮލިހަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

އެކަމަކު، ވެމްކޯ އިން ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. މަރިޔަމް ނޫރާގެ ދެ ގޯލާއި އިނާޝާ ޖެހި ގޯލުން ވެމްކޯ އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގި އެވެ. އަދި އާމިނަތު ފަޒްލާގެ ގޯލުން ވެމްކޯ އިން ހަމަޖެހިލިއިރު، ޕޮލިހުގެ ފާތިމަތު ތީބާ އެ ޓީމަށް ލަނޑެއް ޖަހައިދީ، ފަހު ވަގުތު ކުރިއަށް ޖެހިގެން އިތުރު ގޯލެއް ޖެހޭތޯ ބެލި ނަމަވެސް ވެމްކޯ ޑިފެންސް ކޮށްގެން މެޗުން މޮޅުވީ އެވެ.

ވެމްކޯ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ


ފައިނަލްުގައި އަންނަ ހުކުރު ދުވަހުގެރޭ ކުޅޭ ވެމްކޯ އާއި އެމްޕީއެލް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދެ ފަހަރެއްގެ މަތިން ކުޅެފަ އެވެ. އެ ދެ މެޗު ވެސް ކުޅެގެން ވެމްކޯ އިން މޮޅުވި ނަމަވެސް، އެ ދެ މެޗުގައި ކުޅެފައިވަނީ، ގަވާއިދު ބުނާގޮތުން ޓީމުގައި ނުހިމެނޭނެ ކުޅުންތެރިއަކަށްވާތީ، އެ މައްސަލަ ހުށަހަޅައިގެން އެމްޕީއެލް އަށް މެޗުތައް ލިބުނީ އެވެ.

ވެމްކޯ އަކީ ކްލަބް މޯލްޑިވްސް އެއިޓީން ތާޓީ ކްލަސިކްގެ އެންމެ ފަހު ޗެމްޕިއަނެވެ. މި ފަހަރު އެއިޓީން ތާޓީގެ ތަށި ހޯދަން އެ ޓީމުން ވާދަކުރާ އެމްޕީއެލް އަކީ އެ މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ޓީމެކެވެ.