Advertisement

ތިނަދޫ އަދި އަލިފުށިން އާރްޑީސީގެ 60 މުވައްޒަފަކު ކަނޑާލައިފި

16 ސެޕްޓެންބަރު 2024 - 23:04 1

އާރްޑީސީގެ މައި އޮފީސް: އާރްޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރުމުން އިދިކޮޅު ޕާޓީން ވަނީ އެކަން ކުށްވެރިކޮށްފައި -- ފޮޓޯ: އަދަދު ފައިލް


ތިނަދޫ އަދި އަލިފުށިން އާރްޑީސީގެ 60 މުވައްޒަފަކު ކަނޑާލައިފި

16 ސެޕްޓެންބަރު 2024 - 23:04 1

ގދ. ތިނަދޫ އަދި ރ. އަލިފުށިން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ 60 މުވައްޒަފަކު އެ ކުންފުނިން ކަނޑާލައިފި އެވެ.

އާރްޑީސީގެ ތިނަދޫ ބްރާންޗުން ވަކި ކުރީ އެ ރަށުގައި މަސައްކަތް ކުރަމުންދިޔަ 38 މުވައްޒަފުންނެވެ. އަލިފުށިން ވަކި ކުރީ 22 މީހުންނެވެ.

ތިނަދޫއިން ވަކި ކުރި މުވައްޒަފުން މަގާމުން ވަކި ކުރި ކަމުގެ ލިޔުން މި ނޫހަށް ވަނީ ލިބިފަ އެވެ. ލިޔުންތަކުގައިވާ ގޮތުން އެ މުވައްޒަފުން ވަކި ކުރީ އެއީ ޕްރޮޖެކްޓަކަށް ނަގާފައިވާ މުވައްޒަފުން ކަމަށްވާތީ ޕްރޮޖެކްޓު ނިމުމުންނެވެ.

"[ވަޒީފާގެ އެއްބަސްވުން ބާތިލު ކުރި ސަބަބަކީ] މި އެއްބަސްވުމަކީ ވަކި ހާއްސަ މަސައްކަތަކަށް ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއް ކަމަށްވެފައި މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދެވުނު ގދ. ތިނަދޫ ޕްރޮޖެކްޓު ނިމުމަކަށް އައިސްފައިވުން،" އެ ލިޔުންތަކުގައި ބުނެފައިވެ އެވެ.

އަލިފުށިން ވަކި ކުރި އާރްޑީސީ މުވައްޒަފުންނަށް ފޮނުވި ލިޔުން މި ނޫހަކަށް ނުލިބެ އެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އެ 22 މީހުން ވެސް ވަކި ކުރީ އަލިފުށީގައި ކުރިއަށްގެންދިޔަ ޕްރޮޖެކްޓު ނިމިފައިވާ ކަމަށް ބުނެ އެވެ.

މި ހަބަރަށް މިރޭ އާރްޑީސީގެ ކޮމެންޓެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އާރްޑީސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އޭނާ މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީހުން ވަޒީފާއިން ވަކި ކުރާއިރު ވެސް ސިޔާސީ މުވައްޒަފުން ގިނަ ކުރަނީ ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތުމުން ކަމަށެވެ.

"ހަރަދު ކުޑަކުރުމުގެ ނަމުގައި މީހުން ވަޒީފާތަކުން ކެނޑުމަށް ފަހު ހައްދެއް ނެތި ސިޔާސީ މުވައްޒަފުން ނަގަމުން ދިޔުމުން އެނގެނީ ސަރުކާރުގެ އިހުލާސްތެރިކަން ނެތްކަން. ސިޔާސީ ބާރުވެރިކަން އިތުރުކުރަން ވަޒީފާގެ ބިރު ދައްކައިގެން ނުވާނެ،" ފައްޔާޒް ވިދާޅުވި އެވެ.

އޭގެ އިތުރުން ފައްޔާޒް ވިދާޅުވީ އެތައް ބައިވަރު މުވައްޒަފުންނެއް ވަޒީފާއިން ވަކި ކުރިއިރު، އާމްދަނީ ލިބޭނެ އިތުރު ގޮތެއް ހޯދައިދޭން މަސައްކަތް ނުކުރުމުން ދޭހަވަނީ ސަރުކާރުގެ ޒިންމާދާރުކަން ކުޑަ މިންވަރު ކަމަށެވެ.

"ވަޒީފާއިން ވަކިކުރުމުގެ ކުރިން އިތުރު ގޮތެއް ހޯދައިދިނުމަށް މަސައްކަތްތަކެއް ކޮށް އެމަގުން ކަންކަން ކުރިކަން ރައްޔިތުންނަށް އަންގާދިނުމަކީ ސަރުކާރުގެ ޒިންމާގެ އެންމެ ކުޑަ މިންވަރު،" އޭނާ ވިދާޅުވި އެވެ.