Advertisement

އެފްޓީއޭ އެގްރިމަންޓަށް އަމަލު ކުރަން ފެށުމުން ޗައިނާއާއެކު ރާއްޖެއިން އެއް ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ: ހީނާ

16 ސެޕްޓެންބަރު 2024 - 17:38 0

މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވާހަކަ ދައްކަވަނީ: ސަރުކާރުން ކުރިން ބުނެފައި ވަނީ މި ސެޕްޓެމްބަރު މަހު އެފްޓީއޭއަށް އަމަލު ކުރަން ފަށާނެ ކަމަށް -- ފޮޓޯ: ސްކްރީންގްރެބް


އެފްޓީއޭ އެގްރިމަންޓަށް އަމަލު ކުރަން ފެށުމުން ޗައިނާއާއެކު ރާއްޖެއިން އެއް ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ: ހީނާ

16 ސެޕްޓެންބަރު 2024 - 17:38 0

ޗައިނާއާއެކު ހަދާފައި އޮތް ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލު ކުރަން ފެށުމުން ދެ ގައުމުގެ ދޭތެރޭގައި ކުރަމުން އަންނަ ވިޔަފާރި ފުޅާވެ، އަހަރަކު ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ޗައިނާއާއެކު މިހާރު ވެސް 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރާ ކަމަށާއި އެކަމަކު ފްރީ ޓްރޭޑް އެގްރިމަންޓަށް އަމަލު ކުރަން ފެށުމުން އެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެ، އެއް ބިލިއަން ޑޮލަރަށް އަރާނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.

"މިހާރު ވެސް ދިވެހިރާއްޖެ އާއި ޗައިނާއާ އެކީގައި 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ކުރެވެމުން އެބަދޭ. އެހެން ނަމަވެސް ދިވެހިރާއްޖެ އާއި ޗައިނާއާ އެކީގައި މިހާރު އެފްޓީއޭ އެއްބަސްވުމުގައިވާ ގޮތުގެ މަތިންނާއި ހަމަ އެހެންމެ އެފްޓީއޭއަށް އަމަލު ކުރަން ފެށުމާ ގުޅިގެން އެއް ބިލިއަން ޑޮލަރަށް މި ވިޔަފާރީގެ އަދަދު މަތިވެގެންދޭ،" ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ސެޕްޓެމްބަރު 13، ގައި ޗައިނާއާއެކު ސޮއި ކުރި ލޯކަލް ކަރަންސީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއްވާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ. އެއިރުން، ފްރީ ޓްރޭޑް އެގްރިމެންޓާއެކު ވިޔަފާރި ފުޅާވާއިރު، ޑޮލަރުގެ ބަދަލުގައި ލޯކަލް ކަރަންސީން ވިޔަފާރި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"... މުދާ ގަތުމުގައި އަޅުގަނޑުމެން ޑޮލަރަށް ބަރޯސާ މިންވަރު ކުޑަވެ، ވިޔަފާރިވެރިންނަށް ވެސް އަދި އެހެންމެ ޗުއްޓީ ހޭދަކޮށްލުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ވެސް އެ ބޭފުޅުން ޑޮލަރުން ކުރައްވާ މުއާމަލާތް ދިވެހި ރުފިޔާއިން ކުރެއްވުމުގެ މަގު ފަހިވެގެންދާނެ،" ހީނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައި ވަނީ މި ހިނގާ ސެޕްޓެމްބަރު މަހު ފްރީ ޓްރޭޑް އެގްރިމެންޓަށް އަމަލު ކުރަން ފަށާނެ ކަމަށެވެ.

"ހަމަ އެއާއެކީގައި، އަޅުގަނޑުމެންގެ އެކުވެރި ދައުލަތްތަކާ އެކީގައި މި ކުރެވޭ މަސައްކަތުން އިންޑިވިޖުއަލް ވިޔަފާރިތަކަށް ވެސް ފައިދާވާނެ ގިނަ ކަންތައްތަކެއް މި ކުރެވެނީ. އެގޮތުން ބަލާއިރުގައި، ޗައިނާގެ އެފްޓީއޭ އިރާދަކުރެއްވިއްޔާ، މިހާރު އެ ހިނގާ ގާނޫނީ މަރުހަލާ ނިމިގެން ގޮސް، ސެޕްޓެމްބަރު މަސް ނިމުމުގެ ކުރީގައި އިރާދަކުރެއްވިއްޔާ، އެފްޓީއޭ ތަންފީޒު ކުރަން ފެށޭނެ،" ޖުލައި 26، ގައި ރައީސް ވިދާޅުވެފައިވެ އެވެ.

ޗައިނާއާއެކު ހަދާފައި އޮތް ފްރީ ޓްރޭޑް އެގްރިމެންޓުގެ އިތުރުން އިންޑިއާއާއެކު ވެސް އެފަދަ އެގްރިމެންޓެއް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

"އަޅުގަނޑު ވަރަށް ފަހުން އިންޑިއާ އާއެކު ކުރި މަޝްވަރާތަކެއްގައި އެ ބޭފުޅުން އިސްވެ ބޭނުންފުޅުވޭ ދިވެހިރާއްޖެއާ އެކުގައި ފްރީ ޓްރޭޑް އެގްރީމެންޓެއް އޮންނަން ވަކިން, އަދި ސަފްޓާގެ އިތުރަށް. ރައީސް އެވަނީ އެ ފުރުސަތު ހުރިހާ ގައުމަކާ އެކު ވެސް އޮންނަން," މެއި 25، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވެ އެވެ.