Advertisement

ޔާމީނު ވިދާޅުވީ ދައުލަތުން މައްސަލަ ރަނގަޅަށް ކިޔައިދީފައި އޮތް ނަމަ މިއަދުގެ އަޑުއެހުން ނުބޭއްވީސް ކަމަށް

16 ސެޕްޓެންބަރު 2024 - 11:55 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކުރިން މީޑިއާއާ ވާހަކަ ދައްކަވަނީ. އެމަނިކުފާނަށް ކުރާ ދައުވާތައް އަދި ވެސް ނުނިމޭ. ފޮޓޯ: މިރާން ނާޝިމް/އަދަދު


ޔާމީނު ވިދާޅުވީ ދައުލަތުން މައްސަލަ ރަނގަޅަށް ކިޔައިދީފައި އޮތް ނަމަ މިއަދުގެ އަޑުއެހުން ނުބޭއްވީސް ކަމަށް

16 ސެޕްޓެންބަރު 2024 - 11:55 0

ވ. އާރަށް ކުއްޔަށް ދިނުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހިޔާނާތުގެ އަމަލެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިިތައް ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައިގެ މައުލޫމާތު ކްރިމިނަލް ކޯޓަށް ދައުލަތުން ރަނގަޅަށް ދީފައި އޮތް ނަމަ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުން ތާވަލުވެސް ނުކުރީސް ކަމަށް ޔާމީނު ވިދާޅުވެއްޖެ އެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ ޑިސެމްބަރު، 25، 2022 ގަ އެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ނިންމީ އެމަނިކުފާނުގެ ދިފާއީ ހެކިތައް ނަފީ ކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ފަހުގަ އެވެ.

ނަމަވެސް, އެ މައްސަލަ ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އާ ހެކިތައް ބަލައިގަތުން ގޯސް ކަމަށް ނިންމާ، ދަށު ކޯޓުން އަލުން ބަލަން މައްސަލަ ބަލަން ހުކުމްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ފެށީ އާރަށް މައްސަލަ އަލުން ބެލުމުގެ ޝަރީއަތެވެ. ހެކި ބަލައިގަތުމާ މެދު ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލާގައި ގޮތެއް ނިންމަންދެން އެ މައްސަލަ ކުރިއަށް ނުގެންދަން ކްރިމިނަލް ކޯޓުން މިއަދު ނިންމި އެވެ.

އެގޮތަށް ނިންމުމުން ގެއަށް ވަޑައިގެން އެ ގޭގެ ބޭރުގައި މީޑިއާއާ ވާހަކަ ދައްކަވަމުން ޔާމީނު ވިދާޅުވީ ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ނުނިމެނީސް ކްރިމިނަލް ކޯޓުން އެކަމުގައި ގޮތެއް ނުނިންމޭނެ ކަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ގަބޫލުކުރެއްވި ކަމަށެވެ.

"އަނެއްކާ ދައުލަތުން ވެސް މި ބުނަނީ އަަޅުގަނޑުމެން [ޔާމީނުގެ ވަކީލުން] ދައްކާ ވާހަކައަކަށް ތިމަންނާ މެން އިއުތިރާޒެއް ނުކުރަމޭ، ބުރަދަން އެބަހުއްޓޭ، އެހެންވީމާ ދެން ގަބޫލުކުރެވެނީ މި މައްސަލަ ތަންކޮޅެއް ރަނގަޅަށް ދައުލަތުން ފަނޑިޔާރަށް ކިޔައިދީފައި އޮތް ނަމަކާ މިއަދުގެ ޝަރީއަތެއް ތާވަލެއް ނުކުރެއްވީސް،" ޔާމީނު ވިިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ޔާމީންގެ ވަކީލުންނާއި ޕީޖީ އޮފީހުގެ ވަކީލުން ވެސް ވަނީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމެންދެން ޝަރީއަތް މަޑުޖައްސައިލަން އެދިފަ އެވެ.

ވަކީލުން އެދުނު ގޮތަށް މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން މައްސަލައިގައި އިތުރު އަޑުއެހުމެއް ނުބާއްވަން ނިންމަވާފަ އެވެ.