16 ސެޕްޓެންބަރު 2024 - 11:20 0
އަމަން ހަލީމް
ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ޔާމީން އާއި އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު: ދެން ކްރިމިނަލް ކޯޓުގެ އަޑުއެހުމެއް އޮންނާނީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައިގައި ގޮތެއް ނިމުމުން -- ފޮޓޯ: ކްރިމިނަލް ކޯޓު ލައިވް ސްކްރީންޝޮޓް
16 ސެޕްޓެންބަރު 2024 - 11:20 0
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ އާ ހެކިތައް ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން ކްރިމިނަލް ކޯޓުގެ އަޑުއެހުންތައް މަޑުޖައްސާލަން މިއަދު ނިންމައިފި އެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ ޑިސެމްބަރު، 25، 2022 ގަ އެވެ.
ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އެ މައްސަލަ ސާބިތުވާ ކަމަށް ނިންމީ އެމަނިކުފާނުގެ ދިފާއީ ހެކިތައް ނަފީ ކުރަން ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ފަހުގަ އެވެ. ނަމަވެސް އެ މައްސަލަ ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އާ ހެކިތައް ބަލައިގަތުން ގޯސް ކަމަށް ނިންމާ، ދަށު ކޯޓުން އަލުން ބަލަން މައްސަލަ ބަލަން ހުކުމްކޮށްފަ އެވެ.
އޭގެ ފަހުން ޕްރޮސިކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ހައިކޯޓުގެ އެ ނިންމުން ބާތިލުކޮށް، ދަށު ކޯޓުގައި ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ޔާމީންގެ ވަކީލުންނާއި ޕީޖީ އޮފީހުގެ ވަކީލުން ވެސް ވަނީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލަ ނިމެންދެން ޝަރީއަތް މަޑުޖައްސައިލަން އެދިފަ އެވެ. ވަކީލުން އެދުނު ގޮތަށް މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން މައްސަލައިގައި އިތުރު އަޑުއެހުމެއް ނުބާއްވަން ނިންމަވާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment