Advertisement

ޔަމާލްގެ ދެ ގޯލާ އެކު މޮޅުވެ ބާސެލޯނާ އިން ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފި

16 ސެޕްޓެންބަރު 2024 - 00:26 0

ލަނޑު ޖެހުމަށް ފަހު ޔަމާލް އުފާފާޅުކުރަނީ.


ޔަމާލްގެ ދެ ގޯލާ އެކު މޮޅުވެ ބާސެލޯނާ އިން ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފި

16 ސެޕްޓެންބަރު 2024 - 00:26 0

ބާސެލޯނާ (ސެޕްޓެމްބަރު 16) - ސަތާރަ އަހަރުގެ ފޯވާޑް ލަމީން ޔަމާލް ޖެހި ދެ ގޯލާ އެކު، 4-1 އިން ޖިރޯނާ ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އާ ސީޒަނުގައި މޮޅުވުމުގެ ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފި އެވެ.

ހަންސީ ފްލިކްގެ ކޯޗުކަމުގައި ބާސެލޯނާ އިން މި ސީޒަނުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. އެ ޓީމު ލީގުގެ އެއް ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑްގެ އޮތީ 11 ޕޮއިންޓެވެ.

މެޗުގެ 30 ވަަަނަ މިނިޓްގައި ޔަމާލް، ބާސެލޯނާގެ ފުރަތަމަ ލަނޑު ޖެހީ، ޖިރޯނާގެ ކީޕަރު ޕައޮލޯ ގައްޒާނިގާ ކައިރިން ފަސޭހަކަމާ އެކު ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެ ހަތް މިނިޓް ފަހުން، ޔަމާލް ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ، ހިލޭޖެހުމަކުން ރަފީނިއާ އާއި ރޮބަޓް ލެވަންޑޯސްކީ ގުޅިގެން އުފެއްދި އެޓޭކެއްގައި ޔަމާލް ޖެހި ގޯލެކެވެ.

ބާސެލޯނާ އިން ދެ ވަނަ ހާފްގެ ކުޅުން ފެށިގެން، ދެ މިނިޓް ތެރޭ ތިން ވަނަ ލަނޑު ޖެހި އެވެ. މި ލަނޑު ޖެހީ، ޖޫލްސް ކޫންޑޭ ދިން ބޯޅައަކުން ޑެނީ އޮލްމޯ އެވެ. އޮލްމޯ އަކީ 2011 ވަނަ އަހަރު ސެސްކް ފަބްރެގަސް އަށް ފަހު، ބާސެލޯނާއާ ގުޅުމަށް ފަހު ލީގުގައި ފުރަތަމަ ތިން މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މެޗުގެ 64 ވަނަ މިިނިޓްގައި ބާސެލޯނާގެ ހަތަރު ވަނަ ލަނޑު ޖެހީ ޕެޑްރީ އެވެ.

ޖިރޯނާ އިން ވެސް މެޗުގައި ކޮންމެ ވެސް ވަރަކަށް ބާސެލޯނާ އަށް ނުރައްކާކުރިއިރު، އެ ޓީމުން މެޗުގެ 80 ވަނަ މިނިޓްގައި ލަނޑެއް ޖެހި އެވެ. މި ލަނޑު ޖެހީ، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ކްރިސްޓިއަން ސްޓުއާނީ އެވެ. ސްޓުއާނީ އަކީ މި މެޗުގައި ބަދަލަކަށް ކުޅެން އެރި ކުޅުންތެރިއެކެވެ.

ބާސެލޯނާ އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 86 ވަނަ މިނިޓްގައި ބާސެލޯނާގެ ފެރަން ޓޮރޭޒް އަށް ރަތް ކާޑު ދެއްކުމުންނެވެ. ކުޅެން ނުކުތްތާ 17 މިނިޓް ތެރޭ ފެރާން ޓޮރޭޒް އަށް މި ރަތް ކާޑު ދެއްކީ ޖިރޯނާގެ ޔަސެރު އަސްޕިރިއްލާ އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.