Advertisement

ބާސެލޯނާ ބަލިވެއްޖެ، އާސެނަލް ސަލާމަތްކޮށްދިނީ ކީޕަރު ރާޔާ

about 6 hours 0


ބާސެލޯނާ ބަލިވެއްޖެ، އާސެނަލް ސަލާމަތްކޮށްދިނީ ކީޕަރު ރާޔާ

about 6 hours 0

މޮނާކޯ (ސެޕްޓެމްބަރު 20) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ އިން މޮނާކޯ އަތުން 2-1 އިން ބަލިވިއިރު، ޑޭވިޑް ރާޔާ މަތަކުރި ޕެނަލްޓީއާ އެކު، 0-0 އިން މެޗު އެއްވަރުވެ، އެޓަލަންޓާ އަތުން އާސެނަލް ބަލިނުވެ، ސަލާމަތްވެއްޖެ އެވެ.

މޮނާކޯ ދަނޑުގައި ރޭ ކުޅުނު މެޗުގެ 10 ވަނަ މިނިޓްގައި ބާސެލޯނާގެ ޑިފެންޑަރު، އެރިކް ގާސިއާ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އެއީ، އެންމެ ފަހަތުގައި ހުރުމަށް ފަހު، މޮނާކޯގެ ފޯވާޑް، ޓަކޫމީ މިނަމީނޯ އަށް ފައުލުކުރުމުންނެވެ.

ބާސެލޯނާގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، މެޗުގެ 16 ވަނަ މިނިޓްގައި މޮނާކޯ އިން ލީޑުނެގީ، މެގްނެސް އަކްލިއޫޝޭ ޖެހި ގޯލުންނެވެ. އެކަމަކު، މެޗުގެ 28 ވަނަ މިނިޓްގައި ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހައި ބާސެލޯނާ އަށް އެއްވަރުކޮށްދީފަ އެވެ. މި ލަނޑާ އެކު، ޔަމާލް، 17، ވެފައިވަނީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަށް ލަނޑު ޖަހައިދިން ދެ ވަނަ އަށް އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.

މޮނާކޯ މޮޅުވީ، 71 ވަނަ މިނިޓްގައި، ޖިއޮޖް އިލެނިކޭނާ ޖެހި ގޯލުންނެވެ. ބަދަލަކަށް ކުޅެން އަރައި އިލެނިކޭނާ ޖެހި މި ގޯލާ އެކު، އޭނާ އަކީ މޮނާކޯ ތާރީހުގައި ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. މީގެ ކުރިން، ކީިލިއަން އެމްބާޕޭ އަތުގައި އޮތް ރެކޯޑެއް، އިލެނިކޭނާ މުގުރާލީ، 18 އަހަރާއި 34 ދުވަހުގެ ތެރޭ ގޯލު ޖަހައިގެންނެވެ. އެމްބާޕޭ ލަނޑު ޖެހިއިރު، އުމުރަކީ 18 އަހަރާއި 63 ދުވަހެވެ.

މިއީ ބަޔާން މިއުނިކާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަންސީ ފްލިކް ހަވާލުވި ފަހުން ބާސެލޯނާ ބަލިވި ފުރަތަމަ މެޗެވެ. އަދި އޭނާގެ ކޯޗިން ކެރިއަރުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

އާސެނަލް ކައިރިން މޮޅުވާން އެޓަލަންޓާ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ދެ ވަނަ ހާފުގައި އެޓަލަންޓާގެ މަޓެއޯ ރެޓެގީ ޖެހި ޕެނަލްޓީ އާސެނަލްގެ ކީޕަރު ރާޔާ މަތަކުރި އެވެ. އަދި އެ ބޯޅަ ރީބައުންސަށް ނުކުތް ވަގުތު ބޮލުން ރެޓެގީ ގޯލަށް ފޮނުވާލި ހަމަލާ ވެސް ކީޕަރު ރާޔާ ވަނީ ހުއްޓުވައިފަ އެވެ.

މި މެޗުގައި އާސެނަލަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ގޯލާ ސީދާކޮށް ގިނަ ހަމަލާތަކެއް ވެސް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އެންމެ ފަހުން އާސެނަލުން ޗެމްޕިއަންސް ލީގުގައި އިޓަލީގައި ކުޅުނު ހަތަރު ވަނަ މެޗުން ވެސް މޮޅެއް ނުވެ، ނިންމާލަން ޖެހުނުއިރު، އާސެނަލްގެ ރަހީމް ސްޓާލިން ވަނީ ރެކޯޑެއް ހަދައިފަ އެވެ. އެއީ ޗެމްޕިއަންސް ލީގުގައި ހަަތަރު ވަނަ އިނގިރޭސި ޓީމަށް ކުޅެގެންނެވެ. މީގެ ކުރިން، ސްޓާލިން ވަނީ ލިވަޕޫލާއި ޗެލްސީ އަދި މެންޗެސްޓާ ސިޓީއާ އެކު ޗެމްޕިއަންސް ލީގުގައި ކުޅެފަ އެވެ.

ޖަރުމަނުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަނުން ވަނީ ރޭ ކުޅުނު މެޗުން، ފެޔަނޫޑް އަތުން 4-0 އިން މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެތުލެޓިކޯ މެޑްރިޑުން ވަނީ ފަހަތުން އަރައި، 2-1 އިން އާރްބީ ލައިޕްޒިގު ބަލިކޮށްފަ އެވެ. އެތުލެޓިކޯ މޮޅުވި ގޯލު ޖެހީ މެޗުގެ އިތުރު ވަގުުތުގަ އެވެ.