Advertisement

އާސެނަލްގެ އަތްދަށުވެ ޓޮޓެންހަމް އަށް ދަށް ފެށުމެއް

16 ސެޕްޓެންބަރު 2024 - 00:11 0


އާސެނަލްގެ އަތްދަށުވެ ޓޮޓެންހަމް އަށް ދަށް ފެށުމެއް

16 ސެޕްޓެންބަރު 2024 - 00:11 0

ލަންޑަން (ސެޕްޓެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސް އިން އަމިއްލަ ދަނޑުގައި އާސެނަލް އަތުން 1-0 އިން ބަލިވެ، އަށް އަހަރު ތެރޭގައި ލީގުގައި އެންމެ ދަށް ފެށުމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި ނަތީޖާއާ އެކު، ލީގުގެ ފުރަތަމަ ހަތަރު މެޗު ނިމުނުއިރު، ޓޮޓެންހަމް އަށް ލިބިފައިވަނީ، ހަތަރު ޕޮއިންޓެވެ. މިއީ، މިދިޔަ އަހަރު ތެރޭ ޓޮޓެންހަމްގެ އެންމެ ދަށް ފެށުމެވެ. ޓޮޓެންހަމް އޮތީ ލީގުގެ 13 ވަނައިގަ އެވެ. އާސެނަލް ވަނީ މިރޭގެ މޮޅާ އެކު، ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ، ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާ އެއްވަރަށް 10 ޕޮއިންޓް ހޯދައިގެންނެވެ. ނިއުކާސަލް އިން ވަނީ ވުލްވްސް ދަނޑުގައި 2-1 އިން މޮޅުވެފަ އެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި ކުޅުނު މެޗު ފަށައިގެން އެ ޓީމުގެ ފޯވާޑް، ޑޮމިނިކް ސޮލާންކޭ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އަދި ޓޮޓެންހަމް ވިންގް، ޑޭޖާން ކުލުސެވްސްކީ ޖެހި ޝޮޓެއް އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.

ކައުންޓަ އެޓޭކުގައި އާސެނަލްގެ ގަބްރިއެލް މާޓިނެލީ ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ކީޕަރު، ގުގްލިއޭމޯ ވިކާރިއޯ ވަނީ މަތަކޮށްފަ އެވެ. އަދި އާސެނަލްގެ ކައި ހަވާޓްޒް ބޮލުން ޖެހި ބޯޅަ ކީޕަރު ވިކާރިއޯ ވަނީ ސަލާމަތްކޮށްފަ އެވެ.

މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު މެޗުގެ، 64 ވަނަ މިނިޓްގައި ޖެހީ ގަބްރިއެލް މަގާޅައެސް އެވެ. މަގާޅައެސް މި ލަނޑު ޖެހީ ބުކާޔޯ ސަކާ ނެގި ކޯނަރަކުންނެވެ. މި މެޗުގައި ސަކާ އަށް ލިބުނު އަނިޔާގެ ސަބަބުން ވަނީ ބަދަލުކޮށްފަ އެވެ.

އާސެނަލުން މި މެޗުގައި ކުުޅުނީ އަނިޔާގެ ސަބަބުން ކެޕްޓަން، މާޓިން އޮޑެގާޑް ނުލަ އެވެ. އަދި ލީގުގައި އެންމެ ފަހުން އާސެނަލް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން މި މެޗުގައި ޑެކްލަން ރައިސް ހުރީ ސަސްޕެންޝަނެއްގަ އެވެ.

ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ވަނީ އެ ޓީމުގެ ފެށުން ދަށް ކަމަށް ބުނެފަ އެވެ. އަދި ޓޮޓެންހަމްގައި، މިއީ އޭނާގެ ދެ ވަނަ ސީޒަން ކަމަށްވާއިރު، މި ސީޒަނުގައި އެ ޓީމާ އެކު ތަށްޓެއް ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޕޮސްޓެކޮގްލޫ ބުނެފައިވެ އެެވެ.