13 ނޮވެންބަރު 2024 - 09:14 0
13 ނޮވެންބަރު 2024 - 09:14 0
ލަންޑަން (ނޮވެމްބަރު 13) - އިނގިރޭސި ރެފްރީ، ޑޭވިޑް ކޫޓް، ލިވަޕޫލާއި އެ ޓީމުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕާ ބެހޭގޮތުން ބަދުބަސްތަކެއް ބުނާ ވީޑިއޯއެއްގެ މައްސަލަ ފެންމަތިވެފައިވާއިރު، އެކަމާ ގުޅިގެން އޭނާ އަށް އިނގިރޭސި އެފްއޭ އާއި ޔުއެފާ އިން ފިޔަވަޅު އަޅައިފި އެވެ.
ކޫޓް، 42، ގެ ވައިރަލްވި މި ވީޑިއޯގައި އޭނާ ވަނީ، 2020 ވަނަ އަހަރު ލިވަޕޫލާއި ބާންލީ ކުޅުނު މެޗުގައި ޓަޗްލައިންގައި ހިނގައިދިޔަ ކަންތައްތަކެއްގެ ވާހަކަ ދައްކައި، ލިވަޕޫލްގެ އޭރުގެ ކޯޗު ކްލޮޕާ ބެހޭގޮތުން ބޭއަދަބީ ބަސް ބޭނުންކޮށް ވާހަކަ ދައްކައިފަ އެވެ. އަދި އެ ވާހަކަތަކަށް ފަހު، ކޫޓް ވަނީ ޖުމްލަކޮށް މުޅި ލިވަޕޫލާ މެދު އޭނާ ހިތުގައި ނަފްރަތު އޮތް މިންވަރު ދޭހަވާ ގޮތަށް، ބޭއަދަބީ އިބާރާތް ބޭނުންކޮށް ވާހަކަ ދައްކައިފަ އެވެ.
ރެފްރީންގެ އިސް ޖަމިއްޔާ، ޕްރޮފެޝަނަލް ގޭމްސް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ކޫޓްގެ މި ވީޑިއޯގެ މައްސަލަ ބަލަން ފަށައި އޭނާ ސަސްޕެންޑްކުރިއިރު، އިނގިރޭސި އެފްއޭ އިން ބަލަމުން އަންނަ މައްސަލަ އަކީ ލިވަޕޫލްގެ ކުރީގެ ކޯޗު ކްލޮޕް ނިސްބަތްވާ ގައުމު، ޖަރުމަނަށް ވެސް ބަދުބަސް ރައްދުވާ މޭރުމަކުން ކޫޓް ވާހަކަ ދައްކާފައިވާތީ އެވެ. އަދި އެ ގޮތަށް މީހެއްގެ ގައުމިއްޔަތަށް އިހުތިރާމް ކުޑަކޮށް ވާހަކަ ދެއްކުމަކީ، އިނގިރޭސި އެފްއޭގެ ޑިސިޕްލިނަރީ ކޯޑާ ހިލާފުކަމެކެވެ.
ޔޫރަޕްގެ މައި އިދާރާ، ޔުއެފާ އިން ކޫޓް އަށް އެޅި ފިޔަވަޅަކީ، ޔުއެފާ އިން މެޗުތަކުގައި ބޭނުންކުރާ ރެފްރީންގެ ލިސްޓުން ކޫޓްގެ ނަން އުނިކުރުމެވެ.
ލިވަޕޫލްގެ ގިނަ ސަޕޯޓަރުންތަކެއް ކޫޓްއާ މެދު ހިތްހަމަނުޖެހުންތައް ފެށުނީ، 2020 ވަނަ އަހަރު އޮކްޓޫބަރު މަހު އެވަޓަން ދަނޑުގައި ލިވަޕޫލާ ކުޅުނު މެޗުގައި، އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑް ޖެހި ޓެކަލް އަކުން ލިވަަޕޫލްގެ ވާޖިލް ވެން ޑައިކް އަށް ސީރިއަސް އަނިޔާއެއް ލިބުނުއިރު، އެ މެޗުގެ ރެފްރީ އަކަށް ކޫޓް ހުރެ ފިޔަވަޅެއް ނޭޅުމުންނެވެ.
މީގެ އިތުރުން، މިދިޔަ ސީޒަނުގައި ލިވަޕޫލް ދަނޑުގައި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި، އާސެނަލްގެ މާޓިން އޮޑެގާޓް އަތުގައި އޭރިއާތެރެއިން ބޯޅަ ޖެހުމުން، އެ ޕެނަލްޓީއެއްތޯ ބަލަން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގައި ހުރެ، ކޫޓް ދެކޮޅު ހެދުމުން ވެސް އޭނާ އަށް ލިވަޕޫލްގެ ފާޑުކިޔުން އަމާޒުވި އެވެ.
ކޫޓްގެ މި ވީޑިއޯ މައްސަލައިގައި އޭނާ ރަސްމީކޮށް މީޑިއާގައި ވާހަކަ ދައްކާފައިނުވި ނަމަވެސް، ޕީޖީއެމްއޯއެލް އިން ކުރާ ތަހުގީގަށް އަންނަނީ އެއްބާރުލުން ދެމުންނެވެ.
Comment