Advertisement

ޑެމްބެލޭގެ ދެ ގޯލާ އެކު ޕީއެސްޖީ ފަހަތުން އަރައި މޮޅުވެއްޖެ

15 ސެޕްޓެންބަރު 2024 - 09:18 0


ޑެމްބެލޭގެ ދެ ގޯލާ އެކު ޕީއެސްޖީ ފަހަތުން އަރައި މޮޅުވެއްޖެ

15 ސެޕްޓެންބަރު 2024 - 09:18 0

ޕެރިސް (ސެޕްޓެމްބަރު 15) - ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި އޮސްމާން ޑެމްބެލޭ ޖެހި ދެ ގޯލާ އެކު، ޕީއެސްޖީން ފަހަތުން އަރައި 3-1 އިން ބްރެސްޓް ބަލިކޮށްފި އެވެ.

ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗުގެ 29 ވަނަ މިނިޓްގައި ބްރެސްޓުން ވަނީ ޕެނަލްޓީ އަކުން ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ، ރޮމެއިން ޑެލް ކަސްޓީއޯ އެވެ. މިއީ، ޕީއެސްޖީގެ ނޫނޯ މެންޑޭޒް އެ ޓީމުގެ އޭރިއާތެރެއިން، ބްރެސްޓްގެ ލުޑޯވިޗް އުޖޯގޭ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޕީއެސްޖީން އެއްވަރުކުރި އެވެ. މެޗުގެ 42 ވަނަ މިނިޓްގައި މާކޯ އަސެންސިއޯ ދިން ބޯޅައަކުން މި ލަނޑު ޖެހީ، ޑެމްބެލޭ އެވެ.

ޕީއެސްޖީން ލީޑުނެގީ، މެޗުގެ 73 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ފަބިއަން ރުއީޒް އެެވެ. މިއީ، އަޝްރަފް ހަކީމީ ދިން ބޯޅައަކުން ރުއީޒް ޖެހި މޮޅު ގޯލެކެވެ. މި ލަނޑު ޖެހިތާ މިނިޓެއް ފަހުން، ޕީއެސްޖީން ތިން ވަނަ ލަނޑެއް ޖެހި އެވެ. މި ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، ޑެމްބެލޭ އެވެ. މިއީ، ރަންޑަލް ކޯލޯ މުއާނީ ޖެހި ޝޮޓެއް ބްލޮކްވެގެން ތަނަވަސްވި ފުރުސަތެއްގައި ޑެމްބެލޭ ޖެހި ގޯލެކެވެ.

ލީގުގައި މި ފަހަރު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވި ހަމައެކަނި ޓީމަކީ، ޕީއެސްޖީ އެވެ. ދެން ފަހަތުން އޮތް މޮނާކޯ އާއި މާސޭ އަށް އެއް މެޗުން ޕޮއިންޓް ގެއްލި، އޮތީ ޕީއެސްޖީ އަށް ވުރެން ފަހަތުގަ އެވެ.