Advertisement

ކުރީގެ ރައީސް ޔާމީނުގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި

14 ސެޕްޓެންބަރު 2024 - 13:55 1

މޫސާ ނާޝިއު

މޫސާ ނާޝިއު

ރައީސް ޔާމީން.މ ކޮރަޕްޝަނުގެ މައްސަލަ އަލުން ބަލަން އެންގުމުން ޔާމީން ވަނީ މިނިވަންވެފައި--- ފޮޓޯ:އަބްދުﷲ އިޔަން


ކުރީގެ ރައީސް ޔާމީނުގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފި

14 ސެޕްޓެންބަރު 2024 - 13:55 1

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ދައުވާތަކުގެ ޝަރީއަތްތަކުގެ އަޑުއެހުން އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:00 އަށް ތާވަލުކޮށްފި އެވެ.

ޔާމީނުގެ މައްޗަށް ދެ މައްސަލައެއްގެ ޝަރީއަތް ހިނގަމުން އެބަ ދެ އެވެ.

އެއް މައްސަލައަކީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަ އެވެ. ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.

ހޯމަ ދުވަހު ތާވަލުކޮށްފައި އޮތީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެވެ.

އަނެއް މައްސަލައަކީ ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް 2022، ގައި އިއްވި އެވެ. ހައި ކޯޓުގައި މައްސަލަ ބެލުމަށް ފަހު ނިންމީ ކްރިމިނަލް ކޯޓުން އަލުން މައްސަލަ ބަލަން ޖެހޭ ކަމަށެވެ. މިގޮތަށް ނިންމެވުމުން އޭޕްރީލް 18، 2024 ގައި ވަނީ ރައީސް ޔާމީން މިނިވަންވެފަ އެވެ.

ހައި ކޯޓުން އެ މައްސަލާގައި ކުރި ހުކުމުގެ ބައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވެސް ވެ އެވެ. އެއީ ޔާމީންގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާތައް ސާބިތު ކުރުމަށް ކްރިމިނަލް ކޯޓުގައި ދައުލަތުން ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރުމަށް ހައި ކޯޓުން ނިންމި ބައެވެ.

ޔާމީނުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ އެ މައްސަލާގައި ޔާމީނަށް ރިޝްވަތު ދިން ކަމަށް ތުހުމަތުކުރާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމާ ދެމެދު ހިނގި ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަން ސާބިތު ކުރަން ދިފާއީ ހެކިތަކެއް ހުށަހެޅި އެވެ.

ޔާމީނުގެ ދިފާއީ ހެކިންގެ ވާހަކަތައް ނަފީ ކުރުމަށް ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގައި އާ ހެކިތަކެއް ހުށަހަޅައިފަ އެވެ. އަދި ހެކިތައް ދަށު ކޯޓުގައި ބަލައިގަތެވެ. ހައި ކޯޓުން މައްސަލަ އަލުން ބަލަން ހުކުމްކުރި އިރު އެ ހުކުމުގައި ނިންމީ މި އާ ހެކިތައް ދަށު ކޯޓުން ބަލައިގަތީ ގޯސްކޮށް ކަމަށެވެ.

ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ޓިކެޓު އޭރު އަރުވާފައިވާ ޔާމީން 11 އަހަރަށް ޖަލަށް ލުމަށް އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ޑިސެމްބަރު 25، 2022، ގަ އެވެ. އެ ހުކުމް އިސްތިއުނާފަށް މިދިޔަ އަހަރު މާޗު މަހު ހުށަހެޅި އެވެ. ޝަރީއަތް ފެށުނީ ޖޫން، 2023، ގަ އެވެ. އަދި އަޑުއެހުންތައް ނިންމާލީ ނޮވެމްބަރު 21، 2023، ގަ އެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލާގައި މީގެ ކުރިން ވެސް ޖަލު ހުކުމެއް އިއްވި އެވެ. ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި އެމަނިކުފާނަށް ފަސް އަހަރުގެ ހުކުމެއް ދަށު ކޯޓުން އިއްވައި ހައި ކޯޓުން އެ ހުކުމް ދެމެހެއްޓި އެވެ.

އެކަމަކު ސުޕްރީމް ކޯޓުން ނޮވެމްބަރު 2021، ގައި ހުކުމްކުރީ ޔާމީނަށް ޖަމާވީ ދައުލަތުގެ ފައިސާ ކަން ޔަގީން ނުވާތީ، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ. ފުއްގިރިއާއި އާރަށް މައްސަލައިގެ ތަހުގީގު އޭރު ވެސް ދިޔައީ ހިނގަމުންނެވެ.