Advertisement

ގްރީންވުޑް ގަތުމަކީ ގޯހެއް ކަމަށް މާސޭ އިން ނުދެކޭ

13 ސެޕްޓެންބަރު 2024 - 09:02 0


ގްރީންވުޑް ގަތުމަކީ ގޯހެއް ކަމަށް މާސޭ އިން ނުދެކޭ

13 ސެޕްޓެންބަރު 2024 - 09:02 0

މޮނާކޯ (ސެޕްޓެމްބަރު 13) - މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް، މޭސަން ގްރީންވުޑް ގަތުމަކީ، ފްރާންސްގެ މާސޭ އިން ހެދި ގޯހެއްގެ ގޮތުގައި ނުދެކޭ ކަމަށް އެ ކްލަބްގެ ރައީސް، ޕަބްލޯ ލޮންގޯރިއާ ވިދާޅުވެއްޖެ އެވެ.

ގެވެށި އަނިޔާގެ މައްސަލައެއްގައި ޖަލު ހުކުމެއް ވެސް ތަންފީޒުކޮށް، ފަހުން މިނިވަންވި، ގްރީންވުޑް ސޮއިނުކުރަން، މާސޭގެ މޭޔަރު، ބެނޮއި ޕަޔާން ވަނީ ލަފާދެއްވައިފަ އެވެ. އަދި އެ ޓްރާންސްފާއާ ދެކޮޅަށް ގިނަ ވާހަކަތަކެއް ވެސް ދެއްކެވި އެވެ.

އެކަމަކު، މާސޭގެ ރައީސް، ލޮންގޯރިއާ އާއި އެ ކްލަބްގެ އާ ކޯޗު، ރޮބާޓޯ ޑި ޒާބީއާ މަޝްވަރާކޮށް، ގްރީންވުޑް، 22 ގަތީ 33 މިލިއަން ޑޮލަރު ޔުނައިޓެޑަށް ދީފަ އެވެ. ފްރެންޗް ލީގުގައި ގްރީންވުޑް ކުޅުނު ފުރަތަމަ ތިން މެޗުން ވަނީ، ފަސް ގޯލު ޖަހައިފަ އެވެ.

"މޭޔަރު އެ ދެއްކެވި ވާހަކަތަކަކީ، ކަންކަން ހުރި ގޮތުގެ ފުރިހަމަ މައުލޫމާތު ނުލިބި ހުރެ ދެއްކި ވާހަކަތަކެއް. އެހެންވީމަ، އަހަރެމެން އެ އަށް މާ ބޮޑު ސަމާލުކަމެއް ނުދިނީ، އަހަރެމެން ގްރީންވުޑް ގަތުމަކީ ގޯހެއް ކަމަށް ނުދެކެން، ދެން، ތިބުނާ މައްސަލައެއްގައި އަހަރެން ޖަޖެއްގެ ދައުުރު އަދާނުކުރަން، އަހަރެން ކަންކަން މި ހިއްސާކުރަނީ ފުޓްބޯޅައިގެ ވިސްނުމުގައި،" ތިންކިން ފުޓްބޯލް ސަމިޓްގައި ވާހަކަ ދައްކަވަމުން ލޮންގޯރިއާ ވިދާޅުވި އެވެ.

އިންގްލެންޑްގެ ގައުމީ ޓީމަށް ގްރީންވުޑް ނުނަގާ ސަބަބެއް އޭނާ އަށް ނޭނގޭ ކަމަށް ލޮންގޯރިއާ ވަނީ ވިދާޅުވެފަ އެވެ. މީގެ އެންމެ މުހިންމު ކަމަކީ، ރަނގަޅު ފޯމުގައި ގްރީންވުޑްގެ ކެރިއަރު ކުރިއަށްގެންދެވޭނެ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށްވާތީ، މާސޭ އިން ވިސްނާނީ އެ އަށް ކަމަށް ލޮންގޯރިއާ ވިދާޅުވެފައިވެ އެވެ.

ގްރީންވުޑް، އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައި، ޖެެމެއިކާ އަށް ކުޅެން ފަށަން ކުރަން ޖެހޭ ކަންކަމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ހުނަރުވެރި ފޯވާޑް، ގްރީންވުޑް، ލައްވައި ޖެމެެއިކާ އަށް ކުޅުވަން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން މީގެ ކުރިން ވެސް މަސައްކަތްކުރި އެވެ. އެކަމަކު، އެކަން ހާސިލެއްނުވި އެވެ. މި ފަހަރު ގްރީންވުޑްއާ ޖެމެއިކާ އަށް ކުޅެން މަޝްވަރާ ކުރަމުން އަންނަނީ އެ ޓީމަށް ދާދި ފަހުން ހަމަޖެއްސި ކޯޗު ސްޓީވް މެކްލަރެން އެވެ. އޭނާ އަކީ މިދިޔަ ސީޒަނުގައި، މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓަންޓް ކޯޗެވެ.

އިންގްލެންޑްގެ ހަތަރު އުމުރުފުރާ ގައުމީ ޓީމަކަށް ކުޅުނު، ގްރީންވުޑް ވަނީ، އިންގްލެންޑްގެ ސީނިއާ ޓީމަށް ރަސްމީ އެއް މެޗު ކުޅެފަ އެވެ. އެއީ، 2020 ވަނަ އަހަރު، ނޭޝަންސް ލީގުގައި އައިސްލެންޑާ ދެކޮޅަށެެވެ.

ފީފާ އިން 2020 ވަނަ އަހަރު ގައުމީ ޓީމުގެ ކުޅުންތެރިން އެއް ގައުމުން އަނެއް ގައުމަށް ބަދަލުވުމުގެ އުސޫލަށް ވަނި ލުޔެއް ދީފަ އެވެ. އެ ގޮތުން 21 އަހަރުން މަތީގެ ކުޅުންތެރިއަކު އެއް ގައުމަށް ތިން މެޗަށް ވުރެ އިތުރަށް ނުކުޅެ ހުއްޓައި، އޭނާއާ އާއިލީ ގޮތުން ގުޅުން އޮތް އެހެން ގައުމެއްގެ ގައުމީ ޓީމަށް ކުޅެން ބަދަލުވެވޭނެ އެވެ. އެކަމަކު، އެކަން ފުރިހަމަކުރަން، ކުރިން ކުޅުނު ގައުމީ ޓީމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ލިޔުމެއް ބޭނުންވާނެ އެވެ.

ޖެމެއިކާ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ އިނގިރޭސި އެފްއޭއާ މަޝްވަރާކޮށް އެ ލިޔުން ހޯދަން މަސައްކަތް ކުރަމުންނެވެ.