Advertisement

ޑޮކްޓަރީ ބޭހުގެ އަގު ކުޑަކުރަން ފިޔަވަޅު އަޅަން ރައީސް އަންގަވައިފި

11 ސެޕްޓެންބަރު 2024 - 20:20 0

އަމަން ހަލީމް

އަމަން ހަލީމް

މާލޭގައި ހުންނަ ބޭސް ފިހާރައެއްގެ ބޭރުގައި މީހަކު މަޑުކޮށްލައިގެން: ރާއްޖޭގައި އަގު ބޮޑުކޮށް ބޭސް ވިއްކާ މައްސަލައިގައި އަޅަން ބުނި ގިނަ ފިޔަވަޅުތައް އަދިވެސް ތަންފީޒެއް ނުވޭ -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ޑޮކްޓަރީ ބޭހުގެ އަގު ކުޑަކުރަން ފިޔަވަޅު އަޅަން ރައީސް އަންގަވައިފި

11 ސެޕްޓެންބަރު 2024 - 20:20 0

ޑޮކްޓަރީ ބޭސް ވިއްކާ ވިޔަފާރިތަކުން ނަގާ ބޮޑު ފައިދާ ކުޑަކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާ ގުޅުން ހުރި މުއައްސަސާތަކަށް އަންގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ 200 ޕަސެންޓާއި 2000 ޕަސެންޓާ ދެމެދުގެ ފައިދާއެއް ލާފައި ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ސަބަބުން، ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވިގެންދާނެ ކަމަށެވެ. އަދި މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އިއުލާންކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ ގިނަ އަދަދެއްގެ ފައިސާ (އެތައް ސަތޭކަ މިލިއަން ރުފިޔާ) ސަލާމަތްކުރެވި، ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވެގެންދާނެ،" ރައީސް ލިޔުއްވާފައިވެ އެވެ.

ބޭސް ވިއްކާ އަގު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ރައީސް އެންގެވިއިރު، މި އަހަރުގެ ކުރީކޮޅު ހެލްތު މިނިސްޓްރީން ނެެރުނު "ނެޝަނަލް މެޑިސިން ޕޮލިސީ 2024-2030" ގައި، ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ވުރެ އެތައް ގުނައެއް އަގު ބޮޑުކޮށް ބޭސް ވިއްކާ މައްސަލަ ފާހަގަކުރި އެވެ. އެކަމާ ގުޅުވާ އަޅަން ނިންމާފައިވާ ފިޔަވަޅުތައް ވެސް މި ސިޔާސަތު ކަރުދާހުގައި ބަޔާންކޮށްފައިވެ އެވެ.

މީގެ ކުރިން ވެސް ސަރުކާރުން ވަނީ ބޭހުގެ އަގު ކުޑަކުރަން މަސައްކަތްތަކެއް ފަށާފަ އެވެ. އޭގެ ތެރޭގައި ހިމެނޭ ބަލްކް ޕްރޮކިޔުމަންޓުގެ މަސައްކަތް މިހާރު ފެށިފައިވާއިރު، ކުރިން ވެރިކަމުގައި އޮތް އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު ބޭހުގެ އަގު ކޮންޓްރޯލް ކުރަން ތާރީހެއް ކަނޑައަޅާ އެކަން ކުރަން ވެސް އުޅުނެވެ.

އެގޮތުން މެކްސިމަމް ރީޓެއިލް ޕްރައިސް ނުވަތަ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި އަސާސީ ބޭސްތަކަށް ގިނަވެގެން ލެވޭނީ 100 ޕަސެންޓުގެ ފައިދާ ކަމަށް ކަނޑައެޅި އެވެ. އެކަމަކު ވެރިކަމުގެ ދައުރު ނިމުނުއިރު މިއިން އެއްވެސް ސިޔާސަތެއް، އެކި ސަބަބުތައް ދައްކައި، ތަންފީޒެއް ނުކުރެ އެވެ.