Advertisement

އާ ދެ ގާނޫނާ އެކު ކައުންސިލްތަކަށް އަމިއްލަ އިހުތިޔާރުގައި މަޝްރޫއެއް ނުހިންގޭނެ: އާޒިމް

11 ސެޕްޓެންބަރު 2024 - 11:10 0

ފެލިދެ އަތޮޅު ކައުންސިލްގެ އަހަރީ ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވާހަކަ ދައްކަވަނީ. ފޮޓޯ: ވ.އަތޮޅު ކައުންސިލް


އާ ދެ ގާނޫނާ އެކު ކައުންސިލްތަކަށް އަމިއްލަ އިހުތިޔާރުގައި މަޝްރޫއެއް ނުހިންގޭނެ: އާޒިމް

11 ސެޕްޓެންބަރު 2024 - 11:10 0

ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލާއި، ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނު އޮތް ގޮތުން، ލޯކަލް ކައުންސިލްތަކުގެ އަމިއްލަ އިހުތިޔާރުގައި، ތަރައްގީގެ އެއްވެސް މަޝްރޫއެއް ނުހިންގޭނެ ކަަމަށް ވިދާޅުވެ، މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފެލިދޫގައި ރޭ ބޭއްވި، "ފެލިދެ އަތޮޅު ކައުންސިލްގެ 66 ވަނަ އަހަރީ ޖަލްސާ" ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެ ދެ ގާނޫނު ހިންގަން ފެށުމުން، ކައުންސިލްތަކުގެ ކައުންސިލްގެ ދަށުގައި ހުރި ހުރިހާ ބިންތައް ކަހަލަ ގޮތަކަށް ނެގިގެންދާނެ ކަމަށެވެ. އެގޮތަށް އެކަން ވުމުން ކައުންސިލްތަކަށް ދެން ކުރެވެން އޮންނާނީ ވަރަށް މަދު ކަންތައްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމާމެދު ވަރަށް ފުންކޮށް ވިސްނުންތަކެއް ހިޔާލުތަކެއް ގެންގުޅެން އެބަޖެހޭ. ގާނޫނަށް މި ބަދަލުތައް އަތުވެއްޖެ، ސިޓީ ކައުންސިލުތަކަށާއި ކައުންސިލުތަކަށް އަމިއްލަ އިހްތިޔާރުގައި ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރަން ދަތިވާގޮތަށް މިގާނޫނު އޮތީ، ދެން ކައުންސިލުތަކުން ކުރަން އޮތްކަމަކަށްވާނީ، ކުނިކެހުމާއި ސަހަރާ ބެލެހެއްޓުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެދުން ފަދަ، ވަރަށް އާދައިގެ މަސައްކަތް ކުރަން އޮތް ތަންތަނަށް،" އާޒިމް ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ މުހިއްމު އިންފްރާންސްޓްރަކްޗާ ކައުންސިލުތަކުން ވެސް ގާއިމްކޮށްދެއްވެން ޖެހޭނެ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު އެކަމަށް ވަރަށް ބޮޑަށް ވަކާލާތުކުރެއްވި ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެހެން ނަމަވެސް، ގާނޫނަށް މިހާރު ގެންނެވި، ބަދަލުން، ކުރިން ގެންގުޅުއްވި ވިސްނުންފުޅާ ދިމާ އިދިކޮޅު،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގައި ލާމަރުކަޒީ ނިޒާމު ތައާރަފްކުރަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް ތަރައްގީވަމުން އައި ގައުއުމުތަކުގައި، މައި ސަރުކާރުގެ ދަށުގައި ހުރިހާ ބަރެއް އޮވެގެން ހިނގަމުން ދިއުމުން ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި ފިކުރީ ގޮތުން، ރައްޔިތުން އެދޭ ހަލުއިމިނުގައި ތަރައްގީ ވަމުން ނުދިއުމެވެ. ލާމަރުކަޒީ ނިޒާމަށް ބަދަލުކުރަން ގައުމުތަކުގެ ރައްޔިތުން ބާރު އަޅަން ފެށީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ނަތީޖާ މި ގައުމުތަކުން ފެނުނީ ވަރަށް އުޖާލާކޮށް. މީގެ ސަބަބުން މަދު އިގުތިސާދީ ވަސީލަތްތައް ބޭނުންކޮށްގެން، ރައްޔިތުންގެ ބޭނުންތައް ފުދޭ ގޮތަށް މަޝްރޫއުތައް ހިންގަން ފެށުނު،" އާޒިމް ވިދާޅުވި އެވެ.

ދެ ފުށް ފެންނަ ސިޔާސަތެއް ކަނޑައެޅި، ހިދުމަތް ދޭން ތިބި މީހުންނާ މެދު ރައްޔިތުން ފާރަވެރިމުގެ ފުރުސަތު އެ ނިޒާމުން ލިބުނު ކަމަށާއި ކޮރޮޕްޝަންނަށް ހުޅުވޭ ދޮރުތައް އެހެންވެ މަދުކުރެވު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.