Advertisement

ފިޔަވަޅުތައް ނާޅައިފިއްޔާ ރާއްޖޭގެ ބެޑްމިންޓަން ހަލާކުވާނެ: ތޮލާލް

10 ސެޕްޓެންބަރު 2024 - 23:29 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަވަނީ.---- ފޮޓޯ: ރައީސް އޮފީސް


ފިޔަވަޅުތައް ނާޅައިފިއްޔާ ރާއްޖޭގެ ބެޑްމިންޓަން ހަލާކުވާނެ: ތޮލާލް

10 ސެޕްޓެންބަރު 2024 - 23:29 0

ސަރުކާރާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)އާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި ރާއްޖޭގެ ބެޑްމިންޓަން ކަންކަން ރަނގަޅުކުރަން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ހިންގުމާ ގުޅޭ ގޮތުން ފިޔަވަޅުތަކެއް ނާޅައިފިނަމަ ރާއްޖޭގެ ބެޑްމިންޓަން ހަލާކުވެގެންދާނެ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ތޮލާލް ވަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ކަންކަން ހިންގުން، ސްޕޯޓްސް ކައުންސިލާ ހަވާލުކޮށްފަ އެވެ. އޭގެ ފަހުން، މިދިޔަ މަހު، 20 ވަނަ ދުވަހު، އޮލިމްޕިކް ކޮމިޓީ އަށް ބީޑަބްލިއުއެފް އިން ފޮނުވި ސިޓީގައި، ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ސްޕޯޓްސް ކައުންސިލާ ބެޑްމިންޓަން އެސޯސިއޭޝަން ހަވާލުކޮށްފިނަމަ ރާއްޖެ އަށް ފިޔަަވަޅު އަޅަން ޖެހިދާނެ ކަމަށް ވަނީ ބީޑަބްލިއުއެފް އިން ބުނެފައިވަނީ ބެޑްމިންޓަން އެސޯސިއޭޝަނުން ދިން ނުރަނގަޅު މައުލޫމާތުތަކެއްގެ މައްޗަށް ކަމަށް ތޮލާލް ވިދާޅުވި އެެވެ.

އޭގެ ފަހުން، ކޮމިޝަނަރުގެ އެންގުމަށް އަަމަލުނުކުރަން ވަގުތީ އަމުރެއް ނެރެދޭން ސިވިލް ކޯޓަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ، ކޯޓުން ނިންމާފައިވަނީ، ބެޑްމިންޓަން އެސޯސިއޭޝަން މިހާރު ހިނގަމުން އަންނަނީ މި އަހަރު މާޗް މަހު މުއްދަތު ހަމަވެފައި އޮތް ހިންގާ ކޮމިޓީ އަކުން ކަމަށްވާތީ، އެ އެސޯސިއޭޝަނުގެ އެ ފަރާތްތަކަށް ކޯޓަށް މައްސަލަ ހުށަހެޅޭނެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮލާލް ވިދާޅުވީ، ބެޑްމިންޓަންގެ މި މައްސަލަ އަށް ހައްލެއް ހޯދަން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެ ގޮތުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، ބީޑަބްލިއުއެފްއާ މުއާމަލާތުކުރަން ފަށާފައިވާ ކަމަށް ތޮލާލް ވިދާޅުވި އެވެ. އަދި ވަރަށް ތަފްސީލީ ގޮތެއްގައި ބީޑަބްލިއުއެފް އަށް ރާއްޖޭގެ ބެޑްމިންޓަން ހާލަތު އޮޅުންފިލުވައިދީފައިވާނެ ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.

"މި ފިޔަވަޅު އަޅާފައި މި ވަނީ ޖުމްލަކޮށް ބެޑްމިންޓަންގެ ބެޑްމިންޓަން ކުޅޭ ހުރިހާ ކުޅުންތެރިން، ގައުމީ ނެޝަަނަލް ޕްލޭޔާސް، އޮފިޝަލުން، ކޯޗުން، މި އެންމެންގެ ހައްގުގައި، މި އެންމެންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅެއް، މި ވަގުތު އަޅުގަނޑުމެން މި ފިޔަވަޅު އަޅަން މަޖުބޫރުވެގެން އަޅާފައިވާ ފިޔަވަޅެއް، މި ކަންކަން މި ގޮތަށް ފިޔަވަޅު ނާޅައިފިއްޔާ އަޅުގަނޑުމެންގެ ތެރެއިން ބެޑްމިންޓަން ހިނގައިދާނެ. ބެޑްމިންޓަން ހަލާކުވެގެން ހިނގައިދާނެތީވެ، ބެޑްމިންޓަން ސަލާމަތް ކުރަން،" ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބެޑްމިންޓަންގެ ކަންކަމުގައި މި އަޅާ ފިޔަވަޅުތަކަކީ، އެހެން ހުރިހާ ކުޅިވަރުތަކެއްގެ ރައްކަލަކަށް ވެސް ކުރާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މި ސްޓޭންޑްގައި މަސައްކަތްކުރުމަކީ ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ގޮންޖަހައި މުއްބާރު ކޮށްގެން ތިބުމެއް ނޫން، މިއީ ކުޅިވަރުގެ ހައްގުގައި ކުރާ ކަމެއް ދޫދޭން ޖެހޭ ކަމެއްގައި ދޫދޭނަން، އެއީ ގާނޫނާއި ގަވާއިދުގެ ތެރެއިން،" ތޮލާލް ވިދާޅުވި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވި، ތޮލާލް ވިދާޅުވީ، ކުޅިވަރުގައި މިހާރު ދިމާވެގެން މި އުޅޭ މައްސަލަތަކަކީ، މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި އައި މައްސަލަތަކެއް ނޫން ކަމަށެެވެ. މިއީ، ޒަމާނުއްސުރެ ބައެއް އެސޯސިއޭޝަންތަކުގައި ހުރި މައްސަލަތަަކެއް ހައްލުނުވެ އޮވެ، މިއަދު އެކަންކަން ބަލައި އެ އަށް ފިޔަވަޅު އަޅައި ނޫނީ ގަވާއިދާ އެއްގޮތަށް އަމަލުކުރަން ފަށާތީ އެކަން ފެންނަމުންދަނީ ކަމަށް ތޮލާލް ވިދާޅުވި އެވެ.

"ޒަމާނުއްސުރެ މި މައްސަަލަތައް ހައްލުނުވެ ހުރި ހުރުން އެއި، އަސްލު މިއަދު އެ މައްސަލަތައް ފެންމަތިވެގެން މި އުޅެނީ،" ތޮލާލް ވިދާޅުވި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު، އަހުމަދު ރާފިއު (ރާއްޕެ) ވިދާޅުވި ފަަދައިން، ތޮލާލް ވެސް ވަނީ މި ސަރުކާރުން ކުޅިވަރު ސިޔާސީ ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"މި ސަރުކާރުން ކުޅިވަރު ސިޔާސީއެއް ނުކުރާނެ. މިހާތަނަށް ސަރުކާރު އައިސްގެން މިއަދާ ހަމައަށް ވެސް ސިޔާސީ ގޮތުން އެއްވެސް މަންފާއެއް ހޯދުމުގެ ގޮތުން ނޫނީ ސިޔާސީ ގޮތުން އެއްވެސް ކަމެއް ކުރުމުގެ ބޭނުމުގައި އެސޯސިއޭޝަނަކުން އެއްވެސް އެސޯސިއޭޝަނެއް މެދުވެރިކޮށް ވެސް އަދި އެސޯސިއޭޝަނެއް ލައްވައި ވެސް ނުކުރަން،" ތޮލާލް ވިދާޅުވި އެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ މައްސަަލަތައް ފެންމަތިވެގެން އުޅޭ އެންމެ ބޮޑު ސަބަބެއް ކަމަށް ތޮލާލް ވިދާޅުވީ، ކުޅިވަރު ގާނޫނާއި އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދުގައި މި ހުރި ފުށުއެރުންތަކެވެ.

ތޮލާލް ވިދާޅުވީ، ކުޅިވަރުގެ ގަވާއިދުތަކަށް މި ގެންނަން ޖެހޭ ބަދަލުތަކުގެ ކަންކަން ސްޕޯޓްސް ކައުންސިލާ މަޝްވަރާ ކުރެވި، އެ ކައުންސިލްގެ ލަފާގެ މަތިން ނިމިގެންދިއުމާ އެކު، ކައިރި މުސްތަގުބަލެއްގައި ހުރި މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ގިނަ އެސޯސިއޭޝަންތަކުން، އިންތިހާބާ ބެހޭ އުސޫލާއި ގަވާއިދު، ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިނުވާ ކަމަށާއި އެއީ ކުރުން ކޮންމެހެން މުހިންމު ކަމެއް ކަމަށް ތޮލާލް ވިދާޅުވެފައިވެ އެވެ.

ސްޕޯޓްސް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ނުވަ މަސް ތެރޭ، ސްޕޯޓްސް ކޮމިޝަނަރު ވަނީ، 76 ކްލަބް ރަޖިސްޓްރީކޮށްދިނުމުގެ އިތުރުން ތިން ކުޅިވަރު އެސޯސިއޭޝަން ރަޖިސްޓްރީކޮށްދީފަ އެވެ. ކުޅިވަރު ގައުމީ އެސޯސިއޭޝަންތަކުގެ ތެރެއިން ދެ އެސޯސިއޭޝަނެއްގެ ހިންގާ ގަަވާއިދު ފާސްކުރެވުނުއިރު، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ، 14 އެސޯސިއޭޝަނަކަށް ގާނޫނީ ލަފާ ވަނީ ދީފަ އެވެ. އަދި މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި، 887 ކުޅުންތެރިންނާއި އޮފިޝަލުން ކުޅިވަރުގެ ކަންކަމުގައި ވަޒީފާ އިން ވީއްލުމަށް ކަންކަން ހަމަޖައްސައިދީފައިވާ ކަމަށެެވެ.