10 ސެޕްޓެންބަރު 2024 - 19:52 0
އަހުމަދު އާއިދު
ހޯމް މިނިސްޓަރު އަލީ އިހުސާން: އެ މިނިސްޓްރީގެ ދަށަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ ބަދަލުކުރަން ރައީސް މުއިއްޒު ވަނީ ނިންމަވާފަ --- ފޮޓޯ: ރައީސް އޮފީސް
10 ސެޕްޓެންބަރު 2024 - 19:52 0
ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށަށް ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް މިގޮތަށް ނިންމެވީ ގާނޫނު އަސާސީން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވެ އެކުލަވައިލި އޮނިގަނޑުގައި ކޭމް އޮތީ އަލަށް އުފެއްދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުގަ އެވެ.
މިވެރިކަމުގައި ކޭމް އިން ކުރި އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ބަރަހަނާ މަންޒަރުތައް ފަތުރާ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމެވެ. އެއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެޅި ފިޔަވަޅެކެވެ. ސަރުކާރުގެ ނިންމުމާއެކު ކޭމްގެ އެންގުމަށް ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތަކުން އެ ސައިޓުތައް ބްލޮކް ކުރީ ޑިސެމްބަރު 16، 2023 ގަ އެވެ.
ހަމަ އެ މަހު ސަރުކާރަށް ފާޑުކިޔާ "ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" އާއި ، ރަޖިސްޓްރީކޮށްގެން ހިންގާ "ފުރަތަމަ" ނޫހުގެ ވެބްސައިޓު އަންބްލޮކް ކުރި އެވެ. މި ސައިޓުތައް ބްލޮކް ކުރި ކަމަށް ސަރުކާރުން އެއްބަހެއް ނުވެ އެވެ.
ނަމަވެސް ނޫސްވެރިންގެ ޖަމްއިއްޔާއިން އެ ދުވަހު ވަނީ، ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ފުރަތަމަ ޑޮޓް ކޮމް ބްލޮކް ކުރީ ރާއްޖެއިން ސީދާ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން ކަމަށް ޖަމްއިއްޔާ އެފްލިއޭޓްވެފައިވާ ބޭރުގެ ސައިބާ ސެކިއުރިޓީ އެކްސްޕާޓުން ބުނެފައިވާ ކަމަށް ބުނެ ސަރުކާރަށް ރައްދުދީފަ އެވެ.
އާންމުންނާއި ޖަމިއްޔާތަށް އަދި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޕްރެޝަރަށް ދީލައިލާ ސަރުކާރުން ވަނީ އެ ތިން ސައިޓުވެސް ފަހުން އަންބްލޮކް ކޮށްފަ އެވެ.
ހޯމް މިނިސްޓްރީގެ ދަށަށް ކޭމް ބަދަލުކޮށްފައިވާއިރު މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ، ދޮގު ހަބަރު ފެތުރުމާއި ފިތުނަވެރި ހަބަރު ފެތުރުމަކީ ސަރުކާރުން އެއްވެސް ގޮތަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ސަރުކާރުން ކަންބޮޑުވާ ކަމަށްވެސް ވިދާޅުވި އެވެ.
Comment