10 ސެޕްޓެންބަރު 2024 - 17:55 1
ލީވާން އަލީ ނާސިރު
ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓުގެ ނަން ބަދަލުކުރުން -- ފޮޓޯ: ވިލާ ކޮލެޖު
10 ސެޕްޓެންބަރު 2024 - 17:55 1
ވިލާ ކޮލެޖުގައި ވީ އިގްނައިޓް ނަމުގައި ބިޒްނަސް އިންކިއުބޭޝަން ސެންޓަރެއް ހުޅުވައި، އެކޮލެޖުގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖުމަންޓްގެ ނަން "ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް"އަށް މިއަދު ބަދަލުކޮށް ރީބްރޭންޑް ކޮށްފި އެވެ.
ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓްގެ ނަން ބަދަލުކޮށް ރިބްރޭންޑް ކުރުމަށާއި ބިޒްނަސް އިންކިއުބޭޝަން ސެންޓަރު ހުޅުވަން އެ ކޮލެޖުގައި މިއަދު ބޭއްވި ހާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އެ ހަފްލާގައި ދައުލަތުގެ ބައެއް އިދާރާތަކުގެ ވެރިންނާއި އަދި ވިޔަފާރީގެ ދާއިރާއިން އެކި އެކި ސިނާއަތްތައް ތަމްސީލުކުރާ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެންނެވި އެވެ.
ގާސިމް އިބްރާހިމް ބިޒްނަސް ސްކޫލްގެ ޑީން އަބްދުﷲ ނާފިޒް އެ ރަސްމިއްޔާތުގައި ވިދާޅުވީ މިއީ ހަމައެކަނި ނަމަށް އައި ބަދަލެއް ނޫން ކަމާއި، މިއީ އުންމީދީ ތަސައްވުރަކާއެކު ގެނެވުނު މުހިއްމު ބަދަލެއް ކަމަށެވެ.
"އަމާޒަކީ މި ސްކޫލަކީ ދުނިޔޭގެ ފެންވަރުގެ ބިޒްނަސް ސްކޫލަކަށް ހެއްދެވުން،" އަބްދުﷲ ނާފިޒް ވިދާޅުވި އެވެ.
ވީޑިއޯ ޕްރެޒެންޓޭޝަނަކުން ފެކްލަޓީ ރީބްރޭންޑްކޮށްދެއްވައި، ބިސްނަސް އިންކިއުބޭޝަން ސެންޓަރު ހުޅުވައިދެއްވީ ވެސް މިނިސްޓަރު ސައީދު އެވެ.
އެ ފެކަލްޓީގެ ދަށުން އަލަށް އުފެދުނު ސެންޓަރެއް ކަމަށްވާ ސެންޓަ ފޯ އިނޮވޭޝަން އެންޓަޕްރައިޒް ޑިވެލޮޕްމަންޓާއި ބެހޭގޮތުން އެސެންޓަރުގެ ޑިރެކްޓަރު އަދި ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސްގެ ޑެޕިއުޓީން ޑީން ޑރ. ޑަމިތު ގެންގޮޑަވިލެޖް ވާހަކަ ދެއްކެވިއެވެ.
"މަހެއްހާ ދުވަހުގެ ތެރޭގައި މި އިންކިއުބޭޓަރާއި ކޯ-ވޯކިން ސްޕޭސް ވުޖޫދަށް ގެނައުމަށް ޕާޓްނަރުން ދެއްވާ އެއްބާރުލުމާއި ހިތްވަރު ފާހަގަކޮށް ޝުކުރު ދަންނަވަން. މިއީ މިކަން ކާމިޔާބުވި ސަބަބު. މިއީ ރާއްޖޭގެ ފާހަގަކޮށްލެވޭ އަދި ތާރީހީ ފެށުމަކަށް ވެގެންދާނެ،" ޑރ. ޑަމިތު ވިދާޅުވި އެވެ.
ވިލާ ކޮލެޖުގެ ބިޒްނަސް ފެކަލްޓީއިން ހިންގާ ޕްރޮގްރާމްތައް، އިތުރުކޮށް ފުޅާކުރި ގޮތުގެ މައްޗަށް ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވި އެވެ.
ގާސިމް އިބްރާހިމް ބިޒްނަސް ސްކޫލްގެ ނަމުން ރީބްރޭންޑް ކުރެއްވުމުގައި ގާސިމްގެ ނަންފުޅު އިހްތިޔާރު ކުރެއްވީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާއަށް ބަލާއިރު އެ ނަންފުޅަކީ އެކަމަށް އެންމެ އެކަށޭނެ ނަންފުޅު ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ހަފްލާގައި ވިލާ ކޮލެޖު އެކި އެކި ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ ހަތް ދަރިވަރަކު އެލެވޭޓާ ޕިޗް ހުށަހެޅުން ވެސް އޮތެވެ.
Comment