9 ސެޕްޓެންބަރު 2024 - 10:59 0
ލީވާން އަލީ ނާސިރު
މަކުނު ވިދުރިގެ ސާމްޕަލްތަކެއް: އިންޑިއާއިން މަކުނު ވިދުރިއަށް ޝައްކު ކުރެވޭ ކޭސްއެއް ވަނީ ފެނިފައި -- ފޮޓޯ: ރޮއިޓާސް
9 ސެޕްޓެންބަރު 2024 - 10:59 0
ހަލުވި މިނުގައި ދުނިޔޭގައި މިހާރު ފެތުރެމުން ދާ މަކުނު ވިދުރީގެ (އެމްޕޮކްސް) އަށް ޝައްކު ކުރެވޭ ކޭސްއެއް އިންޑިއާއިން ފެނިފައިވާކަން އެ ގައުމުން ހާމަކޮށްފި އެވެ.
އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓްރީން ބުނީ މަކުނު ވިދުރި ހުރި ކަމަށް ޝައްކު ކުރެވޭ މީހާއަކީ އެފްރިކާގެ ގައުމަކުން އައި މީހެއް ކަމަށާއި އޭނާ އެކަހެރިކޮށްގެން ފަރުވާދީ ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ.
"އެމްޕޮކްސްއަށް ޝައްކު ކުރެވެނީ އެފްރިއާއިން އައި ޒުވާނެއް ގައިން. އޭނާގެ ހާލު މިވަގުތު ރަނގަޅު. ޓެސްޓުކުރަން ސާމްޕަލްތަކެއް ނެފައި ވަނީ،" މިނިސްޓްރީން ބުންޏެވެ.
އިންޑިއާއިން ވަނީ މަކުނު ވިދުރި ފެތުރިދާނެތީ ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.
މަކުނި ވިދުރިއާ ގުޅިގެން ނުރައްކާ މުޅި ދުނިޔެއަށް ވެސް އޮތް ކަމަށް ކަނޑައަޅައި އާންމު ސިއްހީ ނުރައްކަލުގެ ހާލަތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިދިޔަ މަހު ވަނީ އިއުލާންކޮށްފަ އެވެ.
މަކުނި ވިދުރީގެ ކޭސްތައް އޭޝިއާގެ އެކި ގައުމުތަކުން ވަނީ މިހާތަނަށް ފެނިފަ އެވެ. އެގޮތުން ގައުމުތަކުން އަންނަނީ ބަލި ފެތުރު ނުދިނުމަށް ފިޔަވަޅުތައް އަޅަމުންނެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފުރަތަމަ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައާއި، ކިހިލުގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން ހިމެނެ އެވެ. އެއަށްފަހު އެއް ދުވަހާއި ހަތަރު ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގަ އެވެ.
މި ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށެވެ. އެއަށް ފަހު ފެން ފޮޅަށްވެ، އޭގައި ދޮސް ލައި، އެ ފަޅައިގެން ގޮސް ކުރަލަ އެވެ. ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި، ކުރަ ވެއްޓެން ދެން ބަލި އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު އޮވެ އެވެ.
މަކުނު ވިދުރި އެންމެ ފުރަތަމަ ފެނުނީ 1958 ގައި ރާމާމަކުނުގެ ގައިންނެވެ. މަކުނުގެ ނަމުން އެ ބައްޔަށް ނަން ދީފައިވި ނަމަވެސް އެ ބަލި ޖައްސާ ވައިރަސް އާންމު ގޮތެއްގައި ފެންނަނީ މީދާ އާއިލާގެ ޖަނަވާރުންނެވެ.
އެ ބަލި އިންސާނެއްގެ ގައިން އެންމެ ފުރަތަމަ ފެނުނީ 1970 ގެ އަހަރުތަކުގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މީގެ ކުރިން 2022 ގައި ވެސް މަކުނު ވިދުރި އާ ގުޅިގެން އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި އެވެ.
Comment