Advertisement

ޔުއެފާ ނޭޝަންސް ލީގު: ކުޅުންތެރިއަކު މަދުކޮށް ކުޅެ ސްޕެއިނުން ސްވިޒަލެންޑް ބަލިކޮށްފި

9 ސެޕްޓެންބަރު 2024 - 07:13 0

ސްޕެއިންގެ ފަބިއަން ރުއީޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ޔުއެފާ ނޭޝަންސް ލީގު: ކުޅުންތެރިއަކު މަދުކޮށް ކުޅެ ސްޕެއިނުން ސްވިޒަލެންޑް ބަލިކޮށްފި

9 ސެޕްޓެންބަރު 2024 - 07:13 0

ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 9) - ފުރަތަމަ ހާފުގައި ސްޕެއިންގެ ރޮބިން ލެ ނޯމާންޑް އަށް ދެއްކި ރަތް ކާޑާ އެކު، މެޗުގެ ބޮޑުބައި ކުޅުންތެރިއަކު މަދުކޮށް ކުޅެ، ޔުއެފާ ނޭޝަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިނުން 4-1 އިން ސްވިޒަލެންޑް ބަލިކޮށް މި ފަހަރުގެ މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

މި ފަހަރުގެ ނޭޝަންސް ލީގުގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުން ވަނީ 0-0 އިން ސާބިއާއާ އެއްވަރުވެފަ އެވެ.

ދެ ވަނަ މެޗުގައި، ސްވިޒަލެންޑް ދަނޑުގައި ރޭ ކުޅުނުއިރު، ސްޕެއިނުން ވަނީ ލަމީން ޔަމާލް ދިން ބޯޅައަކުން ހަތަރު ވަނަ މިނިޓްގައި، ހޮސޭލޫ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ބެސީރް އޮމިރަޖިޗް ލަނޑު ޖަހައި، ސްވިޒަލެންޑަށް އެއްވަރުކޮށްދިން ނަމަވެސް، އެ އެޓޭކް ފެއްޓިއިރު، ހޭންޑްބޯލެއް ވެފައި އޮތުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ އެ ގޯލު ބަލައިނުގަންނާށެވެ.

ޔަމާލް، (މ) ސްވިޒަލެންޑްގެ ތިން ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދަނީ.


ސްޕެއިނުން ވަނީ 14 ވަނަ މިނިޓްގައި ފަބިއަން ރުއީޒް ޖެހި ގޯލުން ލީޑުފުޅާކޮށްފަ އެެވެ. އެކަމަކު، އޭގެ ހަ މިނިޓް ފަހުން، ލެ ނޯމާންޑް އަށް ރަތް ކާޑެއް ދެއްކުމުން ސްޕެއިންގެ ކުޅުންތެރިއަކު މަދުވި އެވެ. މިއީ، ސްވިޒަލެންޑްގެ ބްރީލް އެމްބޯލޯ އަށް ކުރި ފައުަލަކަށް ދެއްކި ރަތް ކާޑެކެވެ.

ސްޕެއިންގެ ކުޅުންތެރިއަކު މަދުވުމާ އެކު، ސްވިޒަލެންޑުން ރަނގަޅަށް ކުޅެން ފެށި އެވެ. އެ ގޮތުން އެ ޓީމުގެ ޒަކީ އަމްދޫނީ ހިލޭޖެހުމަކުން ޖެހި ބޯޅަ ހުރަސްދަނޑިއަށް އަމާޒުވިއިރު، ފަހުން ލިބުނު ފުުރުސަތެއްގައި އޭނާ ވަނީ ފުރަަތަމަ ހާފު ނިމުމުގެ ކުރިން ސްވިޒަލެންޑަށް ލަނޑެއް ޖަހައިދީފަ އެވެ.

އެކަމަކު، ދެ ވަނަ ހާފުގައި ސްވިޒަލެންޑްގެ އެޓޭކްތައް ހުއްޓުވަން ޕްލޭނަކާ އެކު ނުކުމެ، ސްޕެއިނުން ރަނގަޅަށް ކުޅުނުއިރު، ހާފުގެ ފަހުކޮޅުގައި، ހަތަރު މިނިޓް ތެރޭ ދެ ގޯލު ޖެހި އެވެ. އެ ގޮތުން، 77 ވަނަ މިނިޓްގައި ތިން ވަނަ ލަނޑު ޖެހީ ފަބިއަން ރުއީޒް އެވެ. އަދި އޭގެ ތިން މިނިޓް ފަހުން، ފެރާން ޓޮރޭޒް ސްޕެއިނުގެ ހަތަރު ވަނަ ގޯލު ޖެހި އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ޑެންމާކް އިން ވަނީ 2-0 އިން ސާބިއާ ބަލިކޮށްފަ އެވެ.